ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސް، މާލެ ސަރަހައްދުގައި ބަހަން ފެށުމާ ގުޅިގެން ދިމާވި ދަތިތަކަށް ހައްލެއް ގެނެސް، ލުއިފަސޭހަކަމާއެކު މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުން ފެށުނު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، މިފްކޯ ކޮމްޕްލެކްސްއާއި އެމްޓީސީސީ ސޯމިލުގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި ހުޅުވި ސެންޓަރުތަކަށް ގިނަ ބަޔަކު ނިކުތުމާ ގުޅިގެން، ދިގު ވަގުތުތަކެއް ވަންދެން ކިއުގައި މަޑުކުރަން ޖެހުމުން ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރިއެވެ.
މި ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން، ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވަނީ ޚާއްޞަ ޓޯކަން ނިޒާމެއް ތަޢާރަފުކޮށްފައެވެ. މި ނިޒާމުގެ ދަށުން، ކޮންމެ ދުވަހެއްގެ އިރުއޮއްސި ހައެއް ޖެހުމުން ޓޯކަން ދޫކުރަން ފަށާނެއެވެ. އަދި މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ބެހުމުގެ ކަންކަން ކުރިއަށްދާނީ ރޭގަނޑު 8:00 އިން 12:00 އަށެވެ.
މި އައު އިންތިޒާމުގެ ދަށުން، ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ބޭނުންވާ ދުވަހަކަށް، ބޭނުން މަރުކަޒަކުން މަސްދަޅު ކޭސް ބަލައިގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ޓޯކަން ނެގުމަށް ދަތިވާ ފަރާތްތަކަށް އާއިލީ މީހެއްގެ ނުވަތަ އެހެން މީހެއްގެ އެހީތެރިކަން ހޯދުމުގެ އިތުރުން، މަސްދަޅު ކޭސް ބަހާ ސެންޓަރުތަކުގައި ތިބޭ އިންތިޒާމުކުރާ ފަރާތްތަކުގެ އެހީތެރިކަންވެސް ލިބޭނެ ގޮތް ހަމަޖެހިފައިވެއެވެ.
ލުއިފަސޭހަކަމާއެކު މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ