ޗެމްޕިއަންސް ޓްރޮފީ: ހުޅުވުމުގެ ރަސްމިއްޔާތު ފަނިވެއްޖެ

ޕާކިސްތާނުގައި އަންނަ ހަފުތާގެ ބުދަ ދުވަހު ފަށާ ޗެމްޕިއަންސް ޓްރޮފީ ހުޅުމުގެ ރަސްމިއްޔާތު ބޭއްވޭ ގޮތް ނުވެ، ރާވާފައިވާ ހަރަކާތްތަކަށް ބަދަލު ގެނެސްފިއެވެ.
މި ގޮތަށް ނިންމަން ޖެހުނީ ޕާކިސްތާނަށް ބައެއް ގައުމުތަކަށް މުބާރާތް ހުޅުވާ ތާރީހަށް އައުމަށް ދަތިކަމަށް ބުނުމުންނެވެ. ރަސްމީކޮށް މިކަން އެނގި ދެ ގައުމަކީ އޮސްޓްރޭލިޔާ އާއި އިންގްލޭންޑެވެ. މި ދެ ގައުމަށް ޕާކިސްތާނަށް އައުމަށް އުނދަގޫކަން އެންގީ މުބާރާތަށް ތައްޔާރުވާން ކުޅޭ މެޗުތަކަށް ފަހު އަރާމު ކުރަން ބޭނުންވާތީ އެވެ. އޮސްޓްރޭލިޔާއިން ބުނެފައިވަނީ އެންމެ އަވަހަށް ވެސް އެ ގައުމަށް އާދެވޭނީ މި މަހުގެ 18ގައި ކަމަށެވެ. އިނގިރޭސިން އޭގެ އެއް ދުވަސް ފަހުންނެވެ.
މިހެންވެ މިހާރު ނިންމާފައިވަނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން ބާއްވާ ކެޕްޓަނުންގެ ރަސްމީ ފޮޓޯ ނެގުމުގެ ރަސްމިއްޔާތު ނުބާއްވާށެވެ. އަދި ހުރިހާ ގައުމުތަކުގެ ކެޕްޓަނުން ބާއްވަން ހަމަޖައްސާފައިވާ ރަސްމީ ޕްރެސް ކޮންފަރެންސް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
މިއާއެކު ޕާކިސްތާނުން މިހާރު ނިންމާފައިވަނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅުވައިގެން އެ ގައުމުގައި އެމީހުން އަމިއްލަ އަށް ހާއްސަ ރަސްމިއްޔާތުތަކެއް ބާއްވާށެވެ. މީގެ ތެރޭގައި ހިމެނެނީ މުބާރާތަށް އެންމެ ބޮޑަށް ތައްޔާރުކުރި ދެ ސްޓޭޑިއަމް ރަސްމީކޮށް ހުޅުވުމާއި މުބާރާތުގެ ތަށި އެ ގައުމުގެ ސިޓީތަކަށް ގެންދިއުން ފަދަ ހަރަކާތްތައް ހިންގުމެވެ.
ޕާކިސްތާނުގައި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ނުބޭއްވޭ ގޮތްވި އިރު މިކަމާ އެންމެ އުފާކުރާނެ ބަޔަކަށްވެފައިވަނީ އިންޑިޔާ އެވެ. ސަބަބަކީ އިންޑިޔާ އަކީ މުބާރާތް ކުޅެން ޕާކިސްތާން ނުދާނެކަމަށް ބުނެފައިވާ ގައުމަކަށްވާތީ އެވެ. ސަބަބަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒާތީ ހަސަދަވެރި ކަމަށާއި ސިޔާސީ ކޯޅުމެވެ. މުބާރާތުގައި އިންޑިޔާގެ ހުރިހާ މެޗެއް ވެސް ކުޅެން ހަމަޖައްސާފައިވަނީ ޑުބާއީގަ އެވެ.
މުބާރާތުގެ ކުރިން އިންޑިޔާއިން ވަނީ އެ ގައުމުގެ ޖާޒީގައި މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ކޮންމެހެން ޖަހަންޖެހޭ ލޯގޯއާއެކު ޕާކިސްތާނުގެ ނަން ޖެހުމަށް ވެސް ދެކޮޅު ހަދައިފަ އެވެ. ނަމަވެސް މިކަން ބަދަލުކުރީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން އެފަދަ ކަމެއް ކޮށްފިނަމަ އެ ގައުމަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ