ސިންގަޕޫރު އެއާލައިންސް އިން ދަތުރުކުރާއިރު ޕަވާ ބޭންކު ބޭނުންކުރުން މަނާކުރަނީ
ސިންގަޕޫރު އެއާލައިންސް (އެސްއައިއޭ) އާއި އެ އެއާލައިންގެ ބަޖެޓް އެއާލައިން ސްކޫޓްއިން ދަތުރުކުރާ ފަސިންޖަރުން، ދަތުރުގެ ވަގުތުގައި ފޯނާއި އެ ނޫން ވެސް އާލާތްތައް ޗާޖް ކުރުމަށް ޕަވާ ބޭންކު ބޭނުން ކުރުން އަންނަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރަން ނިންމައިފިއެވެ. އެ އެއާލައިނުން ކުރި އިއުލާނެއްގައި ވަނީ ދަތުރުގެ ވަގުތުގައި ބޯޓުގައި ހުންނަ ޔޫއެސްބީ ޕޯޓްތައް ބޭނުންކޮށްގެން ވެސް ޕަވާ ބޭންކް ޗާޖު ކުރުން މަނާވާނެ ކަމަށް ވެސް ބުނެފައެވެ. ދަތުރުކުރާއިރު، ފަސިންޖަރުންނަށް 100 ވޮޓް ކެޕޭސިޓީގެ ޕަވާ ބޭންކުތައް ގެންދެވޭނެ ކަމަށާއި، ނަމަވެސް 100 ވޮޓް އާއި 160 ވޮޓް ދެމެދުގެ ކެޕޭސިޓީގެ ޕަވާ ބޭންކް ފްލައިޓްގައި ގެންދެވޭނީ ހުއްދަ ހޯދައިގެން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. 160 ވޮޓް ކެޕޭސިޓީއަށްވުރެ މަތީގެ ޕަވާ ބޭންކް ޕްލައިޓަށް ނޭރުވޭނެއެވެ. ފޭސްބުކް ޕޯސްޓުގައި އިތުރަށް ބުނެފައިވާ ގޮތުން އެސްއައިއޭ އާއި ސްކޫޓްގެ ހުރިހާ ފްލައިޓެއްގައި ވެސް ޕަވާ ބޭންކް އުފުލޭނީ ކެބިން ލަގޭޖްގައެވެ. އެ ދެ އެއާލައިންގެ އިތުރުން ދެކުނު ކޮރެއާގެ އެއާ ބުސާނުންވެސް ވަނީ ޕަވާ ބޭންކާ ގުޅިގެން މިފަދަ ފިޔަވަޅުތަކެއް އަޅާފައެވެ. ޓައިވާންގެ އެއާލައިނެއް ކަމަށްވާ އީވީއޭ އެއާގެ ފްލައިޓްތަކުގައި ވެސް ޕަވާ ބޭންކް ބޭނުންކުރުމާއި ޗާޖުކުރުން ވަނީ މަނާކޮށްފައެވެ. އެގޮތުން ފަސިންޖަރުން ބޯޓަށް އެރުމުގެ ކުރިން ހުރިހާ އާލާތްތަކެއް ޗާޖު ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. ތައި އެއާވޭސް އިން ހޯމަ ދުވަހު އިއުލާން ކުރި ގޮތުގައި މާޗް 15 އިން ފެށިގެން އެ އެއާލައިންގެ މަތިންދާބޯޓުގައި ޕަވާ ބޭންކް ބޭނުންކުރުން މަނާކުރާނެއެވެ. އަދި މިއީ ޕަސިންޖަރުންގެ ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއް ކަމަށް ވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ. މި ފިޔަވަޅު އަޅާފައިވާ އެހެން އެއާލައިންތަކުގެ ތެރޭގައި އެއާ އޭޝިއާ، ތައި އެއާވޭސް، ސްޓާލަކްސް އެއާލައިންސް، ޓައިގާއެއާ ޓައިވާން އަދި ޗައިނާ އެއާލައިންސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ