އެތުލެޓިކޯ ކަޓުވާލައި ރެއާލުން ޗެމްޕިއަންސް ލީގުގެ ކުއާޓާގައި އާސެނަލާ ދެކޮޅަށް އެތުލެޓިކޯ ކަޓުވާލައި ރެއާލުން ޗެމްޕިއަންސް ލީގުގެ ކުއާޓާގައި އާސެނަލާ ދެކޮޅަށް

މެޑްރިޑް (މާޗް 13) - ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑް ޕެނަލްޓީ ޖަހައިގެން، 3-2 އިން ބަލިކޮށް، އެ ޓީމު ކަޓުވާލައި މުބާރާތުގެ ކުއާޓާ ފައިނަލުގައި އާސެނަލާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
ފުރަތަމަ ލެގުގައި 2-1 އިން ރެއާލް ދަނޑުގައި ބަލިވި އެތުލެޓިކޯ އިން އަމިއްލަ ދަނޑުގައި ދެ ވަނަ ލެގު ފަށައިގެން 27 ސިކުންތު ތެރޭގައި ލީޑުނެގި އެވެ. އެތުލެޓިކޯ އަށް މި ގޯލު ޖަހައިދިނީ އިނގިރޭސި މިޑްފީލްޑަރު ކޮނާ ގެލަގާ އެވެ.
ރެއާލަށް އެއްވަރުކޮށްދޭން ލިބުނު ޕެނަލްޓީ އަކުން ވިނީޝިއުސް ޖޫނިއާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރުންނެވެ. އެތުލެޓިކޯ އިން އިތުރު ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުނުވިއިރު، ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް އިތުރު ގޯލެއް ނުޖެހި، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީގައި ރެއާލްގެ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް، ފެޑެރީކޯ ވަލްވޭޑޭ ޖެހި ޕެނަލްޓީތައް ކާމިޔާބުވިިއިރު، ލޫކަސް ވަޒްކޭޒް ޖެހި ޕެނަލްޓީ އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ. އެތުލެޓިކޯގެ އަލެކްސަންޑަ ސޯލޯތު ޖެހި ޕެނަލްޓީ ކާމިޔާބުވެފައިވަނިކޮށް، އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒް ޖެހި ޕެނަލްޓީ ގޯލަށް ވަން ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީން ނިންމީ އަލްވަރޭޒް ޕެނަލްޓީ ފޮނުވާލިއިރު، ކައްސާލައިގެން ވެއްޓުނުއިރު، ދެ ޓަޗު ބޯޅައިގައި ޖެހުމުން، އެ ޕެނަލްޓީ ބަލައިނުގަންނަ ކަމަށެވެ. އެތުލެޓިކޯ އިން އަންހެލް ކޮރެއާ ޕެނަލްޓީ ކާމިޔާބުކޮށްފައިވަނިކޮށް، އެ ޓީމުގެ މާކޯސް ލޮރެންޓޭ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ރެއާލުގެ އެންޓޯނިއޯ ރޫޑިގާ ވަނީ ޕެނަލްޓީ ވައްދާލައި އެ ޓީމު މޮޅު ކޮށްދީފަ އެވެ.
އާސެނަލުން ފުރަތަމަ ލެގުގައި، ޕީއެސްވީ ދަނޑުގައި 7-1 އިން މޮޅުވި ނަމަވެސް، ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި އާސެނަލް ވަނީ ޕީއެސްވީއާ 2-2 އިން ވަނީ އެއްވަރުވެފަ އެވެ. އާސެނަލުން ލީޑުނެގީ އޮލެކްސަންޑަ ޒިންޗެންކޯ ޖެހި ގޯލުންނެވެ. އިވާން ޕެރިސިޗް ޕީއެސްވީ އަށް އެއްވަރުކޮށްދީފައިވަނިކޮށް، ޑެކްލަން ރައިސް އަލުން އާސެނަލަށް ލީޑުނަަގައިދިންއިރު، ޕީއެސްވީން ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ، ކޫހައިބް ޑިރޫޝް އެވެ.
މިއީ، 2006 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގައި އާސެނަލާއި ރެއާލްގެ ފުރަތަަމަ ކުރިމަތިލުމެވެ. އެ ގޮތުން، އާސެނަލުން އެ ފަހަރު ވަނީ ރެއާލް ކަޓުވާލައިފަ އެވެ. ގަދަ 16 ބުރުގައި އާސެނަލް ދަނޑުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ރެއާލް ދަނޑުގައި އާސެނަލް 1-0 އިން މޮޅުވީ، ތިއަރީ އޮންރީ ޖެހި ގޯލުންނެވެ.
އެސްޓަން ވިލާ އިން ވަނީ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ކްލަބް ބްރޫޖް އަތުން 3-0 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، މާކޯ އަސެންސިއޯ ދެ ގޯލުގެ އިތުރުން އިއަން މާޓްސެން އެވެ. ކުއާޓާގައި އެސްޓަން ވިލާ އިން ކުޅޭނީ ގަދަ 16 ބުރުގައި ލިވަޕޫލް ކަޓުވާލި ޕީއެސްޖީއާ އެވެ.
ޑޯޓްމަންޑުން ކުއާޓާގެ ޖާގަ ހޯދީ، ލިލް ދަނޑުގައި 2-1 އިން މޮޅުގެންނެވެ. ޖޮނަތަން ޑޭވިޑް ވަނީ މި މެޗުގައި ލިލް އަށް ލީޑުނަގައިދީފަ އެވެ. ޑޯޓްމަންޑުން ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ، ޕެނަލްޓީ އަކުން އެމްރޭ ޗާން އާއި މެކްސިމިލިއަން ބައިއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ