ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރާކަށް ނޫޅެން: ޓްރަމްޕް

ވޮޝިންޓަން (13 މާޗް 2025): ޣައްޒާއިން ޣައްޒާގެ ރައްޔިތުން ބޭރުކުރާނެކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތައް އަނެއްކޮޅަށް ޖައްސަވައި ޓްރަމްޕް މުޅިން އެހެން ވާހަކަތަކެއް ދައްކަވައިފިއެވެ. މިފަހަރު ޓްރަމްޕް ވިދާޅުވީ ޣައްޒާއިން ޣައްޒާގެ ރައްޔިތުން ބޭރުކުރަން އެކަކުވެސް ނޫޅޭ ކަމުގައެވެ. އަދި އޭނާގެ ޕްލޭންގައިވެސް އެކަން ނެތްކަމުގައެވެ. އަދި އެކަން އެގޮތަށް ކޮށްގެންވެސް ނުވާނެކަމުގައެވެ. އެމެރިކާއަށް ވަޑައިގެން އުޅުއްވާ އަޔަލޭންޑްގެ ބޮޑުވަޒީރު މައިކަލް މާޓިން އާ ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްކޮންފަރެންސްގައި ޓްރަމްޕް ވިދާޅުވީ ޣައްޒާއިން ޣައްޒާގެ ރައްޔިތުން ބޭރު ނުކުރާނެ ކަމުގައެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނުގައި ތިބެވޭނެކަމަށާއި ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރަން އެކަކުވެސް ނޫޅޭ ކަމުގައެވެ. ނަމަވެސް ޣައްޒާއަކީ މުޅިން ފުނޑުފުނޑުވެ ބިމާ ހަމަވެފައިވާ ސަރަހައްދަކަށްވާތީ އެސަރަހައްދު އަލުން ބިނާކޮށް އާރާސްތުކޮށް އޭނާ އިއުލާން ކުރެއްވި ޕްލޭން ކުރިޔަށްދާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މީގެ ދޮޅު މަހެއްހާ ދުވަސްކުރިން ޓްރަމްޕް ވަނީ ޣައްޒާއަކީ ހަނގުރާމައިގެ ސަބަބުން މީހުން ދިރިއުޅެން ކަމުދާ ސަރަހައްދެއް ނޫންކަމަށް ވިދާޅުވެ ޣައްޒާ އަލުން ބިނާކޮށް އާރާސްތުކުރުމަށްޓަކައި ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށް އުރުދުންއާއި މިސްރުގައި އެމީހުން ވަޒަންވެރި ކުރުވުމަށް ގޮވާލައްވާފައެވެ. އަދި އެމެރިކާއިން ޣައްޒާ ހިފައި އެތަން އެމެރިކާގެ ތަނަކަށް ހެދުމަށްފަހު ފްރެންސް ރިވެއިރާ ރެސޯޓް ފެންވަރަށް އެތަން ބިނާކޮށް އެމެރިކާއަށް އާމްދަނީ ލިބޭ ސަރަހައްދަކަށް އެތަން ހެދުންވެސް ޓްރަމްޕް އިއުލާން ކުރެއްވި ޣައްޒާގެ ޕްލޭންގައި ވެއެވެ. އަދި ޓްރަމްޕް ވަނީ ޣައްޒާއިން ބޭރުކުރާ ރައްޔިތުންނަށް އަލުން އެނބުރި ޣައްޒާއަށް ނުދެވޭނެކަމަށްވެސް ކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ. މިސްރާއި އުރުދުން އަދި މުޅި އަރަބި ދުނިޔެވަނީ ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށް ދެކޮޅު ހަދާފައެވެ. އަދި މިސްރުންވަނީ ޣައްޒާ އަލުން އާރާސްތުކުރުމުގެ އެެހެން ޕްލޭނެއް އިއުލާން ކޮށްފައެވެ. އެ ޕްލޭން ބިނާކޮށްފައިވަނީ ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުގައި ބައިތިއްބައިގެން އެތަން އާރާސްތު ކުރުމުގެ މައްޗަށެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުންވަނީ ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރިޔަ ނުދޭނެކަމަށް ބުނެ ޓްރަމްޕަށް އިންޒާރު ދީފައެވެ. ޣައްޒާގެ ރައްޔިތުން ވެސް ވަނީ އެމީހުންގެ ވަޒަނުން ބޭރުނުވާނެކަމާއި އެމީހުން މަރުވާންވެސް ތިބޭނީ އަމިއްލަ ވަޒަނުގައި ކަން ހާމަކޮށް އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައި ވެއެވެ. މިއާއެކު ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމަކީ ޓްރަމްޕަށް ކުރެވޭނެކަމެއް ނޫންކަން ދުނިޔެއަށް ހާމަވެގެން ދިޔައެވެ. ޣައްޒާއިން ޣައްޒާގެ ރައްޔިތުން ބޭރުކުރުމާބެހޭ ޕްލޭން ޓްރަމްޕް އިއުލާން ކުރެއްވުމާ ގުޅިގެން އިސްރާއީލުވަނީ އެކަމަށް ވަރަށް ބޮޑަށް މަރުހާބާ ކިޔާފައެވެ. އަދި ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުވާން މަޖުބޫރުކުރުމަށްޓަކައި ޣައްޒާއިން ކަރަންޓާއި ފެންކަނޑާލުމާއި ޣައްޒާއަށް ކާބޯތަކެތި ވެއްދުން މަނާކުރުންފަދަ އެތަށް ޖަރީމާތަކެއް އިސްރާއީލު ވަނީ ހިންގަން ފަށާފައެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުން ތިބީ މިހުރިހާ ކަމެއް ނާކާމިޔާބުކޮށްލުމުގެ ވަރުގަދަ ރޫހެއްގައިކަން އެމީހުން ގެންދަނީ އަމަލީގޮތުން ހާމަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ