މިއަހަރަށް ބަޖެޓުގައި ޖެހި ސަބްސީޑީގެ 56 ޕަސެންޓް 4 މަސް ތެރޭ ހޭދަކޮށްފި

ބައެއް ޚިދުމަތްތަކާއި މުދަލުގެ އަގު ހެޔޮ ކުރުމަށް ދައުލަތުން މި އަހަރު ސަބްސިޑީއަށް ޚަރަދުކުރަން ބަޖެޓުގައި ކަނޑައަޅައިފައިވާ އަދަދުގެ 56 ޕަސެންޓް މި ހަތަރު މަސް ތެރޭގައި ހޭދަކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި 'ވީކްލީ ފިސްކަލް ޑެވެލޮޕްމެންޓް' ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހުގެ 24ގެ ނިޔަލަށް ދައުލަތުން ވަނީ ސަބްސިޑީތަކަށް 1.04 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މި އަހަރުގެ ބަޖެޓުގައި ސަބްސިޑީތަކަށް ކަނޑައަޅައިފައިވަނީ 1.86 ބިލިއަން ރުފިޔާ ކަމަށްވާއިރު، މިހާރު ޚަރަދުކޮށްފައިވަނީ ބަޖެޓުގެ 55.95 ޕަސެންޓެވެ. މި ސަރުކާރުން އަޅާ ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ސަބްސިޑީއަށް ކުރާ ހޭދަ ކުޑަ ކުރަން ނިންމައިފައިވާއިރު، މިހާތަނަށް ސަބްސިޑީއަށް ޚަރަދުކޮށްފައިވާ މިންވަރަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 18.7 ޕަސެންޓް ދަށް އަދަދެކެވެ. ދައުލަތުން ސަބްސިޑީއަށް ކުރާ ޚަރަދު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، އެއީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް ބުނެ ބޭރުގެ މާލީ އިދާރާތަކުން ވަނީ ސަބްސިޑީ ދޭ ގޮތް ހަރުދަނާ ކުރުމަށް ލަފާދީފައެވެ. އެގޮތަށް އަމަލުކުރަން ސަރުކާރުން ވަނީ ރާވައިފައެވެ. ވިލިމާލެއަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ސްޓޭޝަން: ސަރުކާރުން ދޭ ސަބްސިޑީތަކުގެ ތެރޭގައި ކަރަންޓުގެ އަގުހެޔޮ ކުރުމަށް ދޭ ސަބްސިޑީތައް ހިމެނޭ -- ފޮޓޯ/ ސްޓެލްކޯ އެހެނިހެން ބައެއް ޚަރަދުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް މުސާރައަށް ކުރި ޚަރަދު ވަނީ 11 ޕަސެންޓް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ހޭދަކުރީ 1.42 ބިލިއަން ރުފިޔާ ކަމަށްވާއިރު މި އަހަރު އެ އަދަދު ވަނީ 1.58 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ދައުލަތުގެ ބޭސް ފަރުވާގެ ނިޒާމަށް މި ސަރުކާރުން ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް، އާސަންދައަށް ކުރި ހޭދަ ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން, މިދިޔަ އަހަރުގެ 564 މިލިއަން ރުފިޔާއިން މި އަހަރު ވަނީ 671.1 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއީ 19 ޕަސެންޓުގެ އިތުރުވުމެކެވެ. ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ވަނީ، ކަރަންޓާއި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ، ކާޑު އަދި ނަރުދަމާގެ ޚިދުމަތުގެ އަގު ހެޔޮ ކުރުމަށް އެންމެންނަށް އެއް ހަމަޔަކުން ދޭ ސަބްސިޑީތައް، ހަމައެކަނި ހައްގުވެރިންނަށް ދޭ ގޮތަށް ބަދަލު ގެނައުމަށް ނިންމައިފައެވެ. އެ ބަދަލުގެ ދަށުން، ސަބްސިޑީ ހައްގުވާ މީހުން ބަލައި ފައިސާ ދިނުމުގެ ނިޒާމެއް ތައާރަފުކޮށް، 1.58 މިލިއަން ރުފިޔާއިން ޚަރަދު ކުޑަކުރެވޭނެ ކަމަށް ބަޖެޓުގައިވެއެވެ. ނަމަވެސް އެ ފިޔަވަޅު މިހާތަނަށް ވެސް އަޅައިފައިނުވެއެވެ. މީގެ އިތުރުން އާސަންދަ އިސްލާހުކުރުން ފަދަ ޚަރަދު ކުޑަކުރުމުގެ ގިނަ އިސްލާހީ ފިޔަވަޅުތަކެއް އަޅަންނިންމައިފައިވާއިރު އެ ފިޔަވަޅުތަކުން މި އަހަރު ޖުމުލަ 11.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ. އެ އިސްލާހީ ފިޔަވަޅުތައް އެޅުން ލަސްވާއިރު، ރިކަރަންޓު ޚަރަދު އިތުރުވާތީ އިދިކޮޅު ފަރާތްތަކާއި ސަރުކާރުގެ އެތެރެއިން ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ