ހައްވާ ޔުމްނު ރަޝީދު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ދިރާސާކުރަން އެކުލަވާލި ރިޔާސީ ކޮމިޝަނުގެ މެމްބަރުންނަށް 5000ރ. އާއި 15،000ރ.އާ ދެމެދުގެ އެލަވަންސެއް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޔުމްނު، 21، ވެއްޓުނު މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ސުވާލު އުފެދިފައިވަނިކޮށް އެ މައްސަލަ ތަހުގީގުކުރަން ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް ވަނީ އުފައްދަވާފަ އެވެ. 'ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން'ގެ ނަމުގައި އުފެއްދެވި މި ކޮމިޝަންގައި ފަސް މެމްބަރަކު ތިއްބަވަ އެވެ.
އެ ފަސް މެމްބަރުންނަކީ:
ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ (ކޮމިޝަންގެ ރައީސް)
ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަހްމަދު މުހައްމަދު، ވ. އަލްމާން
ޑރ. މޫސާ މުރާދު
ޖަބީން މުހައްމަދު، މޫނިމާގެ/ތ. ވޭމަންޑޫ
އާމިނަތު އީނާސް، ހ. ހަބަރުގެ
ބުނީ ކީކޭ؟ - މި ކޮމިޝަނަށް އެއްވެސް މުސާރައެއް ނުވަތަ ބަޖެޓެއް ކަނޑައަޅާފައިވޭތޯ، ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ކޮންމެ ބޭފުޅަކަށް ވެސް އެލަވަންސެއް ލިބޭ ގޮތަށް ހަމަޖައްސާފައިވާނެ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ:
ކޮމިޝަނުގައި ތިއްބެވި ޑޮކްޓަރާއި ސިއްހީ ދާއިރާގެ މުވައްޒަފަށް، މުސާރަ ހިނގާހެން ވަޒީފާއިން ވީއްލޭ ގޮތަށް ހަމަޖެއްސުމާ އެކު، ކޮންމެ ބޭފުޅަކަށް ވެސް 5000ރގެ އެލަވަންސެއް ދޭނެ
ދެން ތިއްބެވި ތިން މެމްބަރުންނަކީ އެއްވެސް އިތުރު ވަޒީފާއެއްގައި ނޫޅުއްވާ ތިން ބޭފުޅުން؛ އެއިން ކޮންމެ ބޭފުޅަކަށް 15،000ރ.ގެ އެލަވަންސެއް
ކޮމިޝަނުގެ ބަޖެޓާ ބެހޭ ގޮތުން ރައީސް ވިދާޅުވީ ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ ކޮންމެ ކަމަކަށް ބަޖެޓު ހަމަޖައްސަވައިދެއްވާނެ ކަމަށާއި ބޭރުގެ ތަޖުރިބާކާރުންގެ ލަފާ ބޭނުންވާ ނަމަ އެކަން ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
އެނގުން މުހިންމު - ޔުމްނުގެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކުރުމާ އެކު، އެ ހާދިސާއާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި ފިޔަވަޅުތައް އެޅުމަށް އުފައްދާފައިވާ މި ކޮމިޝަަނަކީ މަސައްކަތް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ގޮތަށް އުފައްދާފައިވާ ކޮމިޝަނެކެވެ.
އެ ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކަކުގެ ތެރޭގައި ހިމެނެނީ:
ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމާއި ތަހުގީގުތަކަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީ ހޯދުން
މަސައްކަތްތަކާއި ތަހުގީގުތަކުގައި އެހީތެރިވާން ރާއްޖެއިން ބޭރުގެ ކަމާ ބެހޭ ފަރާތްތައް ގެނައުމާއި ހަބީރުންގެ އެހީތެރިކަން ހޯދުން
މަސްއޫލިއްޔަތު އަދާކުރުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން
ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހާ ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން
ހާޒިރުކުރަން ޖެހޭ ކަމަށް އެ ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކޮށް، ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހޯދައި އެފަދަ ތަކެތި ހުށަހަޅަން އެކި ފަރާތްތަކަށް އެންގުން
ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭ ގޮތުން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާ ނަމަ އެ ތަހުގީގަކުން ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދާފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ އަތުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެ ނޫން ވެސް މައުލޫމާތު ހޯދުން
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނުގެ މެމްބަރުންނަށް 5،000ރ. އާއި 15،000ރ.އާ ދެމެދުގެ އެލަވަންސެއް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ