އެމްޑީޕީއަކީ ގައުމީ މަސްލަހަތު އިސްކުރާ ޕާޓީއެއް ނޫން

އެމްޑީޕީ އަކީ ގައުމީ މަސްލަހަތު އިސްކޮށްގެން ވެރިކަމަށް ފައިނަގާ ޕާޓީއެއް ނޫން ކަމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ހަލީލު މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ހއ.ދިއްދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާ ނިންމާލުމަށް ގައުމީ ސަލާމް ކިޔަމުން ދިޔަ ވަގުތު އެމްޑީޕީ ސަޕޯޓަރުން އަމަލުކުރި ގޮތާއި ގުޅުވައިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ އެމްޑީޕީ އަކީ އެއްވެސް އިރެއްގައި ގައުމުގެ މަސްލަޙަތު އިސްކޮށްގެން ވެރިކަމަށް ފައިނަގާ ޕާޓީއެއް ނޫން ކަމަށެވެ. އަދި ގައުމީ ސަލާމާއި ގައުމީ ދިދަ ފަދަ ގައުމިއްޔަތު ރަމްޒުކޮށްދޭ ކަންކަމަށް އެމްޑީޕީގެ ސިޔާސަތުގައި އިސްކަމެއް ނުދޭތަން އެ ޕާޓީގެ ވެރިކަމުން ވެސް ރައްޔިތުންނަށް ފެނިގެން ގޮސްފައިވާ ކަމަށް ހަލީލު ވިދާޅުވި އެވެ.
ދިއްދޫގައި ކުރި އެމްޑީޕީގެ ސަޕޯޓަރުން ކުރި މުޒާހަރާ އަށް އިޝާރާތް ކުރައްވަމުން ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި އަދި ސަރުކާރާއި ދިމާލަށް ކިތަންމެ އެއްޗެއް ގޮވުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް މިއީ އިސްލާމްދީނުގެ މަތީގައި ގާއިމުވެފައިވާ ގައުމެއް ކަމުން، ދީނުގެ ހަމަތައް އެންމެން ވެސް ގަބޫލުކުރަންޖެހޭނެ ކަމަށެވެ.
"ރިވެތި އަހުލާގު އިސްކުރަން ޖެހޭނެ. ރިވެތި ބަހުރުވައިން ވާހަކަ ދައްކަން ޖެހޭނެ. ކޮންމެ ރައްޔިތަކީ ވެސް ހުރުމަތްތެރިވެގެންވާ ރައްޔިތެއްކަން ގަބޫލު ކުރަން ޖެހޭނެ. ކޮންމެ މީހެއްގެ ވެސް އަބުރެއް އޮތްކަން ގަބޫލު ކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ތިމަންނާ އަނެކާއާ ހިޔާލުތަފާތުވުމަކީ، އަނެކާ ކުޑަކޮށްލާ، ނިކަމެތިކޮށްލާ، ކުޑައިމީސް ކުރުމުގެ ހައްގު އެ މީހާއަށް ލިބޭ ކަމެއް ނޫންކަން ގަބޫލުކުރަންޖެހޭނެ ކަމަށެވެ. އަދި ގައުމަށް ހަމަޖެހުން އަންނާނީ، އެ ފަރުދީ ޒިންމާ އަދާ ކުރާ މީހަކަށް ރައްޔިތު މީހާ ވެސް ވާ ދުވަހަކުން ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ