''އޯ ވަޒަން''ގެ ޝާއިރު އައިޝަތު އަނީސް އަވަހާރަވެއްޖެ

ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ލަވައެއް ކަމަށްވާ, "އޯ ވަޒަން" ނުވަތަ "ގަސްރުކުން މަލަ ފެވޭ" ލަވައިގެ ޝާއިރު, އަދި ގައުމީ އަޑުގެ ވެރިޔާ, އަލްމަރުހޫމް އަބްދުالله ހަސަންގެ އަނބިކަނބަލުން އައިޝަތު އަނީސް މިއަދު އަވަހާރަވެއްޖެއެވެ. މއ. މާގަސްދޮށުގޭ, އުމުރުން 91 އަހަރުގެ އައިޝަތު އަނީސް, އަވަހާރަވީ އުމުރުފުޅުން ގިނަ ދުވަސްވުމުން ދިމާވާ ސިއްހީ އެކިއެކި ކަންކަން ތަޖުރިބާ ކުރައްވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ފަހުން މިއަދެވެ. އޭނާގެ މައްޗަށް ކުރާ ކަށުނަމާދު އޮތީ މިރޭ އިޝާ ނަމާދަށް ފަހު, އާސަހަރާ މިސްކިތުގައެވެ. "އޯ ވަޒަން" ލަވައިގެ އިތުރުން "އިސްލާހު ވާން އެދޭ ނަމަ ފުރުސަތު ނަގާ ނުލާ" މި ވަލަ އަކީ ވެސް އައިޝަތު އަނީސްގެ ޅެންވެރިކަމުގެ ހުނަރު ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމެކެވެ. ނަމަވެސް ފަހުން މާގިނައިން ޅެން ހައްދަވައި އެ މަސައްކަތުގައި އައިޝަތު އަނީސް ނޫޅުއްވައެވެ. އައިޝަތު އަނީސްއަކީ ރާއްޖޭގައި އަންހެން ކުދިންނަށް އެންމެ ފުރަތަމަ ތައުލީމުގެ ފުރުސަތު ދެއްވިއިރު އެ ފުރުސަތު ލިބިވަޑައިގެންނެވި މަދު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާއެވެ. ހަމަ އެހެންމެ ރާއްޖޭގެ ސަރުކާރުގެ ވަޒީފާއެއް އެންމެ ފުރަތަމަ ލިބުނު އަންހެނުންގެ ތެރޭގައި ވެސް އައިޝަތު އަނީސް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން އޭނާ ވަނީ މަދަރުސަތުލް ސަނިއްޔާގެ ޓީޗަރުކަމާއި ރަޖިސްޓްރީ އޮފީހުގައި ވެސް މަސައްކަތް ކުރައްވައިފައެވެ. އައިޝަތު އަނީސްގެ ފިރިކަލުން, މަޝްހޫރު ލަވަ ކިޔުންތެރިޔާ ހޮޅުދޫ އަބްދުالله އަވަހާރަވީ, ގިނަ އަހަރުތަކެއް ވަންދެން ބަލިވެ އުޅުއްވުމަށް ފަހު 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ