އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ފަނޑިޔާރުގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.
ފަނޑިޔާރުކަމުން ސަސްޕެންޑުކޮށްފައިހުރި އަޒްމިރަލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފަނޑިޔާރުގެ ފަރާތުން ފުލުހުގައި އެދިފައިވަނީ މި މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ކަމަށެވެ. މައްސަލަ ހުށަހަޅާފައިވަނީ މިއަދެވެ.
މީގެ އިތުރުން، ފަނޑިޔާރު އަޒްމިރަލްދާއަށް ދައުލަތުގެ އިސްވެރިން ނުފޫޒު ފޯރުވަން މަސައްކަތްކުރި މައްސަލާގައި ވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅާފައިވެ އެވެ.
އޭސީސީން ޖިނާއީ މައްސަލައެއް ބަލަމުންދާ ކަަމަށް ބުނެ ޖޭއެސްސީން އަޒްމިރަލްދާ އާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ސަސްޕެންޑުކުރީ ފެބްރުއަރީ 26، ގަ އެވެ. ސަސްޕެންޑު ކުރި ފަހުން ސުއޫދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އަޒްމިރަލްދާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ކޮބައި ކަމެއް މިހާތަނަށް އޭސީސީ އާއި ޖޭއެސްސީން ވެސް ނުބުނި އެވެ. އޭސީސީން ވަނީ އާރުޓީއައި ހުށަހެޅުމުން ވެސް އެ މައްސަލައިގެ އެއްވެސް ތަފުސީލެއް ހާމަކުރަން ދެކޮޅު ހަދާފަ އެވެ.
ސަބަބެއް ކަމަށް ބުނީ ހިނގަމުންދާ ތަހުގީގަކަށް ހުރަސްއެޅޭ މައުލޫމާތު ކަމަށް ދެކޭތީ، އެ ތަފުސީލުތައް ހިއްސާކުރެވެން ނެތް ކަމަށެވެ. އޭސީސީން ވަނީ މައްސަލަ ހުށަހެޅި ތާރީހާއި ވަގުތު ވެސް ހިއްސާނުކުރެވޭނެ ކަމަށް ބުނެފަ އެވެ.
މިއީ މިފަހުގެ ތާރީހެއްގައި ފަނޑިޔާރުގެއާ ގުޅޭ ތަހުގީގެއް އޭސީސީން މިހާ އަވަހަށް ފިޔަވަޅުތަކެއް އެޅި ފުރަތަމަ ފަހަރެވެ. އޭސީސީގެ ތަހުގީގުތައް އެ ތަނުގައި ރަޖިސްޓްރީ ކުރުމަށް ފަހު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅެވެ. އެ ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލައިލުމުން ރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމަށް ބައިކުޅަބައި މަސައްކަތް ވެސް ނުކުރެވޭކަން ސާފުކޮށް އެނގެ އެވެ.
މި މައްސަަލައާ ގުޅިގެން ޝާމިލް އާ މި ނޫހުން ސުވާލުކުރުމުން އޭނާ ވަނީ ޖަވާބު ދޭން ދެކޮޅުހައްދަވާފަ އެވެ.
އޭސީސީގެ އިތުރުން ޖޭއެސްސީންވެސް ގެންދަނީ ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒްގެ ސުލޫކީ މައްސަލަތަކެއްވެސް ބަލަމުންނެވެ. މި މައްސަލަތަކާ ގުޅިގެން ދެ ފަނޑިޔާރުން ޖޭއެސްސީއަށް ދެ ފަހަރެއްގެ މަތިން ހާޒިރުކޮށްފައިވެ އެވެ.
އެ ކޮމިޝަނުން ބަލަމުންދަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލަ އެވެ.
އެ މައްސަލާގެ އިތުރުން ޖޭއެސްސީން ބަލަނީ ހައި ކޯޓުގެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ފަހުން އިސްތިއުފާދެއްވި ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި ކަމަށް ބުނާ މައްސަލަ އެވެ.
މި މައްސަލަތަކުގައި ޖޭއެސްސީއަށް ހާޒިރުކުރުމުން ފަނޑިޔާރު ވަނީ މި ތުހުމަތުތަކަށް އިންކާރުކުރައްވައިފަ އެވެ. އަދި، މައްސަލަތައް ބަލާ ކޮމިޓީ އެކުލަވާލާފައިވަނީ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް އަޒްމިރަލްދާ ވިދާޅުވި އެވެ.
ފަނޑިޔާރުގެ ވަކީލުން މިއަދު ނެރުނު ބަޔާނުގައި ވަނީ ޖޭއެސްސީގެ ތަހުގީގީ ރިޕޯޓަށް ހުށަހެޅި އަޒްމިރަލްދާގެ ފަރާތުން ހުށަހެޅި ރަސްމީ ޖަވާބުގައި ހިމެނޭ މައިގަނޑު ނުކުތާތައްވެސް ހިމަނާފަ އެވެ.
މައިގަނޑު ގޮތެއްގައި ފަނޑިޔާރު ފާހަގަކުރައްވާފައިވަނީ ޖޭއެސްސީން މައްސަލަ ބެލުމަށް ނިންމާފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އަދި ކޮމިޓީގެ ތަހުގީގު ރިޕޯޓުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށްވެސް ފަނޑިޔާރުގެ ޖަވާބުގައި ވިދާޅުވެފައިވެ އެވެ.
މީގެއިތުރުން، ފަނޑިޔާރުގެ ފަރާތުން ސާބިތުކުރަން ބޭނުންވާ ކަންކަން ސާބިތުކުރުމަށް 17 ކިތާބީ ހެކި އަދި 11 ޝަފަހީ ހެކި ހުށަހަޅާފައިވާ ކަމަށްވެސް ވަކީލުންގެ ޓީމުން އާންމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.
ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި އަޒްމިރަލްދާ ފުލުހަށް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި އަޒްމިރަލްދާ ފުލުހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ