އިންފޮމޭޝަން ކޮމިޝަނަރު އޮފީސް (އައިކޮމް) ހުންނަ ބިއްލޫރިޖެހިގޭގެ ހާލަތު ގޯސް ކަމުން، މާދަމާއިން ފެށިގެން އެ އޮފީހުގެ މުވައްޒަފުން ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކުރަން ނިންމައިފި އެވެ.
މިކަން ހާމަކުރަމުން އައިކޮމްއިން ނެރުނު ހާއްސަ ދަންނަވާލުމެއްގައި ވަނީ، އެ އޮފީސް ހިންގަމުންދާ އިމާރާތުގެ ހާލަތު ހުރި ގޮތުން އެ ތަނުގައި މަސައްކަތް ކުރެވޭ ފަދަ މާހައުލެއް ނެތުމުން އޮފީހުގެ މަސައްކަތްތައް ހިނގަމުންދާނީ އޮންލައިންކޮށް ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އަދަދު އާ ވާހަކަ ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ވިދާޅުވީ، އޮންލައިންކޮށް މަސައްކަތް ކުރާ ގޮތަށް ބަދަލުކުރަން ޖެހުނީ މުވައްޒަފުންނަށް ސިއްހީ މައްސަލަތައް ދިމާވާން ފެށުމުން، މުވައްޒަފުންގެ މަސްލަހަތުގައި ކަމަށެވެ.
"ކުޑަކޮށް ފަންގަލް، މޯލްޑު ހެދިފައި، އެކަންތައް ބޮޑު ވެގެން ބައެއް މުވައްޒަފުންނަށް ހަމުގެ އަސަރުތައްކޮށް، އެ ހިސާބަށް ދާން ފެށީމަ މި ޑިސައިޑް ކުރީ، ހަމަ އެއްގޮތަކަށް ވެސް އެއީކީއެއް، އެ މާހައުލަކީއެއް މުވައްޒަފުންނަށް ދާ ގޮތަށް ގޮސް އެތައް ގަޑިއިރުތަކެއް ވަންދަން މަސައްކަތް ކުރަން އެންމެ ރަނގަޅު މާހައުލެއް ނޫނޭ،" އޭނާ ވިދާޅުވި އެވެ.
އައިކޮމް ހުންނަ ގ. ބިއްލޫރިޖެހިގެއަކީ 70 އަށް ވުރެ ގިނަ އަހަރު ވެފައިވާ އިމާރާތެކެވެ. އައިކޮމް މި އިމާރާތަށް ބަދަލުކުރީ 2015 ގަ އެވެ. އޭރު ވެސް އެ ތަނުގެ މަރާމާތުތަކެއް ކުރި އެވެ.
މަރާމާތު ކުރި ނަމަވެސް، އޮފީސް ބަދަލުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީ އެކި ތަންތަނުން ފެން ފައިބައި، މޯލްޑް ޖެހުމުގެ އުނދަގޫތައް ކުރިމަތިވާން ފެށި ކަމަށް އައިކޮމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި، ގޮންޖެހުންތަކުގެ ބައިގައި ފާހަގަކޮށްފައިވެ އެވެ. މިފަހުން ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ތަނުގެ ފާހަނާ ބޭނުންކުރެވޭ ގޮތް ނުވެގެން މުވައްޒަފުން ފާހަނާކުރަން ވެސް ދާން ޖެހެނީ ގެޔަށެވެ.
އައިކޮމްއިން ބުނެފައިވާ ގޮތުގައި އިމާރާތުގައި ހުރި މައްސަލަތައް ހައްލުކުރަން އުޅޭތާ ހަތް ވަރަކަށް އަހަރު ވެއްޖެ އެވެ. އެކަމަކު އެ ރިޕޯޓު ނެރުނު ތާރީހާ ހަމައަށް ވެސް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށް އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އޮފީސް އިމާރާތެއް ކުއްޔަށް ހިފުމުގެ ހުއްދަ އެ ކޮމިޝަނަށް ދީފަ އެވެ. މި ހުއްދައިގެ ދަށުން އިމާރާތެއް ހޯދަން ކުރި މަސައްކަތަށް ފަހު އައިކޮމްއަށް ތަނެއް ލިބުނުއިރު މުޅި ބިޑުގެ އަގު 7.6 މިލިއަން ރުފިޔާއަށް އަރަ އެވެ. އެހެންވެ އެކަމާ މެދު ގޮތެއް ނިންމަން އެ އަހަރުގެ ނޮވެމްބަރުގައި ފިނޭންސް މިނިސްޓްރީއަށް ފޮނުވި އެވެ.
ބިޑާ މެދު ގޮތެއް ނިންމަން ފޮނުވުމުން ފިނޭންސް މިނިސްޓްރީން ވަނީ ޓެންޑާ ބޯޑުން އެ މަސައްކަތް ކުރަން ނިންމާފައިވާ ކަން އައިކޮމްއަށް އަންގާފަ އެވެ. އެ ފަހުން ޓެންޑާ ބޯޑުން މިކަން އިއުލާން ނުކޮށް ގިނަ ދުވަސްތަކެއް ވީފަހުން، މިދިޔަ ހަފުތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ވަނީ އޮފީސް އިމާރާތެއް ހޯދުމުގެ މަސައްކަތް އައިކޮމްއިން ކުރިއަށް ގެންދަން އަލުން ހުއްދަ ދީފަ އެވެ.
އާހިދު ވިދާޅުވީ ކުރިން ވިސްނީ މިހާރަށް ވުރެ ޖާގަ ބޮޑު ތަނަކަށް އޮފީސް ބަދަލުކުރާށެވެ. އެކަމަކު މިހާރުގެ ހާލަތާއެކީ މަސައްކަތް ކުރަމުން ދަނީ ވީހާ ވެސް އަވަހަކަށް އޮފީހުގެ މަސައްކަތްތައް ފެށޭނެ ގޮތަކަށް ތަނެއް ހޯދައިގެން ބަދަލުވާން ކަމަށް އޭނާ ވިދާޅުވި އެވެ.
އައިކޮމްގެ މުވައްޒަފުންގެ ސިއްހަތަށް ގެއްލުންވާވަރުގެ މާހައުލެއްގައި މަސައްކަތް ކުރަން މަޖުބޫރުވެފައިވާއިރު، އެ އޮފީހަކީ ދައުލަތުގެ ނިޒާމުގެ ތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކޮމިޝަނެކެވެ.
އޮފީހުގައި އުޅެން ދަތިވެގެން އިންފޮމޭޝަން ކޮމިޝަނުގެ މަސައްކަތްތައް ކުރަން މުވައްޒަފުން ގެއަށް އޮފީހުގައި އުޅެން ދަތިވެގެން އިންފޮމޭޝަން ކޮމިޝަނުގެ މަސައްކަތްތައް ކުރަން މުވައްޒަފުން ގެއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ