ހުރިހާ ސަރުކާރުތަކުން ވެސް ކަރަންޓަށް ބިލުކޮށްފައި ހުރީ ރަނގަޅަށް: ފަހުމީ
ކުރީ ސަރުކާރުތަކުގައި ވެސް ސްޓެލްކޯއިން ކަރަންޓަށް ބިލުކޮށްފައި ހުންނާނީ ރީޑިން ނަގައިގެން މީޓަރަށް އަރާ ވަރަށް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ މިހެން ވިދާޅުވީ ޕީއެސްއެމްގެ "ރާއްޖެ މިއަދު"ގައި ރަމަޟާންމަހު ކަރަންޓުން ދިނުމަށް ނިންމާފައިވާ ޑިސްކައުންޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ކޮންމެ ސަރުކާރެއްގައި ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން އަންނަމުންދާކަން ފަހުމީވަނީ ފާހަގަ ކުރައްވައިފައެވެ. އެހެން ނަމަވެސް ކުރީގެ ސަރުކާރަކުން ވެސް ސްޓެލްކޯގެ ކަސްޓަމަރުންނަށް ނުރަނގަޅު ބިލެއް ފޮނުވާފައިނުވާނޭ ކަމުގެ ޔަގީންކަން ފަހުމީވަނީ ތަކުރާރުކޮށް ދެއްވައިފައެވެ. މި ސަރުކާރުގައި އޭނާ ސްޓެލްކޯގެ އެމްޑީ ކަމަށް އައްޔަން ކުރުމުގެ ކުރިން ވެސް، އެ ކުންފުނީގައި އޭނާވަނީ 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައެވެ. "ސްޓެލްކޯގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން ކުރީގައިވީ ކަންތައްތަކުގެ ވާހަކަ ދައްކަން ހުންނާނެ. ކުރީގެ ސަރުކާރުތަކުން، ކުރީގެ މެނޭޖްމަންޓުތަކުން ގޯސްކޮށް ބިލު ހަދާފައި އޮތިއްޔާ އަޅުގަނޑު އެ ވާހަކަ ދައްކާނަން މިއަދު، ދެއްތޯ. ސިޔާސީ ގޮތުން އެޑްވާންޓޭޖު ވެސް ނެގޭތޯ ބަލާނެ އަޅުގަނޑު. އެހެން ނަމަވެސް އަޅުގަނޑު ޔަގީންކަން މި އަރުވަނީ، ކުރީގެ ސަރުކާރަކުން ވެސް މެނޭޖްމަންޓަކުން ވެސް އެއްވެސް ކަސްޓަމަރަކަށް އެއްވެސް އިރެއްގައި ހަގީގަތާ ޚިލާފު ބިލެއް ނުހުންނާނެ އިޝޫކޮށްފައެއް،" ފަހުމީ ވިދާޅުވިއެވެ. ސްޓެލްކޯއިން ދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ކުރުމަށް ޓަކައި އެ ކުންފުނިންވަނީ މުޅި ކަރަންޓު ނެޓްވޯކް ސްމާޓް ގްރިޑަކަށް ބަދަލުކޮށް، ސްމާޓް މީޓަރުތައް ހަރުކުރުމަށް ނިންމައިފައެވެ. ފަހުމީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް، 150 މެގަވޮޓުގެ ސޯލާ، ސްޓެލްކޯގެ ގްރިޑަށް އިތުރު ކުރެވިއްޖެނަމަ، ކޮންމެ ދުވަހެއްގެ ދުވާލު، އަށެއްކަ ގަޑިއިރަށް ސްޓެލްކޯގެ އިންޖީނުތައް ނިއްވާލާފައި ބެހެއްޓޭނެ ކަމަށެވެ. އެއާއެކު ތެލަށް ކުރާ ޚަރަދު ކުޑަވެ، ރައްޔިތުންގެ އަތުން ބިލުކުރާ މިންވަރު ވެސް ކުޑަވާނެ ކަމަށް ފަހުމީ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ސްމާޓް މީޓަރު ހަރުކުރުމުގެ ބޭނުމަކީ އެއީ ކަމަށެވެ. ފަހުމީ ވިދާޅުވި ގޮތުގައި އަހަރުދުވަހުގެ ތެރޭގައި ސްޓެލްކޯގެ ޚަރަދުގައި، އެ ކުންފުނީގެ ހުރިހާ ކަސްޓަރުންނަށް ސްމާޓް މީޓަރު ހަރުކޮށްދޭންވަނީ ނިންމައިފައެވެ. މި ރަމަޟާންމަހު ވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދިނުމަށް ވަނީ ނިންމައިފައެވެ. ކަރަންޓަށްދޭ ޑިސްކައުންޓަށް ގާތްގަނޑަކަށް 160 މިލިއަން ރުފިޔާ ހޭދަ ކުރަންޖެހޭނެ ކަމަށް ސްޓެލްކޯއިން އަންދާޒާ ކުރެއެވެ. https://www.sun.mv/203242 ރަމަޟާންމަހު ކަރަންޓާއި ފެން ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަކީ ރައީސްގެ ވައުދުފުޅެކެވެ. ރަމަޟާންމަހު ކަރަންޓާ އެއްގޮތަށް، ފެން ބިލުން ވެސް އެންމެ ފުރަތަމަ ޑިސްކައުންޓުދިނީ މިދިޔަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ