އެއީއޭ ސަންފަ ހަނދު ރަކިކުރި، އެއީ ކައުނުގެ އިރެއް ނޫނޭ! އެއީއޭ ސަންފަ ހަނދު ރަކިކުރި، އެއީ ކައުނުގެ އިރެއް ނޫނޭ!

އައްޑޫ މޫސާއަށް ހުވަންފުށީ ކެޔޮޅު ހަސަންބެގެ ސަންފައާ ހިތާވެވުނީ ހަމަ އެންމެ ބެލުމަކުންނެވެ. އެ ހަތަރުކަޅި ހަމަވެ ވެއަތުވީ ފަޅި ސިކުންތުކޮޅުގެ ތެރޭގައި އެއީ އެކަކު އަނެކަކަށްޓަކައި ލެއްވުނު ދެ ފުރާނަކަން އެ ދެ މީހުންވެސް ދެނެގެންފި އެވެ. މޫސައަށް ސަންފަގެ ސިފައާ ބުރު ސޫރަ ވެސް ފެނުނީ އޭނާ ސަންފަ ފިޔަވައި އިތުރު މީހަކާއެކު ހަޔާތް ވެއަތު ނުކުރާނޭކަން އޭނާއަށް ކަށަވަރުވެ އެގޮތަށް އަޒުމު ކަނޑައެޅި ފަހުންނެވެ.
ސަންފައަކީ އިސްކޮޅުން ދިގު ކުއްޖެކެވެ. އަރިއަކަށް ފުނާ އަޅާފައި ހުރި ބޮލުގެ އިސްތަށިގަނޑު ވަނީ ފުރަގަހަށް ހުޅިޖަހައިފަ އެވެ. ދިގު ކަނދުރާއެކެވެ. ބޮޑު ދެ ލޮލެވެ. ދޮން މޫނަކާއި ކުލަ އަލި ސާފު ހަށިގަނޑެކެވެ. އަނދެގެންހުރި ކަޅު ފޭއްޔާއި، ލައިގެން ހުރި ކަރުބޮޑު ކަސަބު ބޯވަޅު އެޅި ރަތް ލިބާހުގެ ސަބަބުން އެ ރީތިކަން އެތައް ގުނައަކަށް އިތުރުވެ އެވެ. އެ ފެނިލުމުން މޫސަގެ ހަށިގަނޑުގެ ހުރިހައި ހިއްސަކަށް އަސަރުކޮށް، އެންމެ ހިމަ ނާރުތަކަށް ކުޅަ އަސަރުން އުފަން ކުރި ލޯތްބަކީ ކޮންމެ ހިތެއް ވެސް ލޯބިންފުރޭވަރުގެ ވާހަކަ އެކެވެ. 'ލޯބިންފަރު' ވާހަކަ އެވެ.
ޑރ. މުސްތަފާ ލުތުފީ ލިޔުއްވާފައިވާ، 'ސަންފައާއި މޫސަ-ލޯބިންފަރު' ވާހަކައަކީ އާދަޔާ ހިލާފު ލޯބީގެ ވާހަކަ އެކެވެ. ތާނަ އަކުރު ލިޔާން ކިޔާން އެނގޭ މީހުންގެ ތެރޭގައި މި ވާހަކަ ނުކިޔާ މީހަކު ހުރެދާނެބާ އެވެ. ހުރިއްޔާ ކިޔާށެވެ. ދުނިޔެއާމެދު ތިޔަ ދެކޭ ގޮތްތަކަށް މި ފޮތުން ފޯރުވާނީ ތަފާތު އަސަރެއްކަން ޔަގީނެވެ. އެކަން އިހުސާސުވާނީ ވެސް އަންނަ ހެޔޮ ބަދަލުގެ ވާހަކަ މީހަކު ބުނީމަ އެވެ.
އަޅުގަނޑު ދައްކާން މިއުޅެނީ މި ފޮތުގެ ވާހަކައިގެ ބޭރުން އެހެން ވާހަކަ އެކެވެ. މިފޮތުގެ ވާހަކައިގެ މައްޗަށް، ދިވެހި ބަހުގެ އަދީބު މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) ހައްދަވާފައިވާ 'އެއީ އޭ ސަންފަ ހަނދު ރަކިކުރި' ޅެމުގެ ވާހަކަ އެވެ. މުހައްމަދު އާމިރު އަހުމަދަކީ މިހާރު ގައުމީ އަރުޝީފްގެ އިސްވެރިޔާ އެވެ. ދިވެހި ބަހާއި ތާރީހު އުނގެނުމާއި އުނގަންނައި ދިނުމުގެ މަސައްކަތަށް މުޅި ދިރިއުޅުން ތަހުސީސުކުރެއްވި، ދިވެހި ބަހުގެ ދަރިވަރެއް އަދި އުސްތާޒެކެވެ. ކުޅަދާނަ ޝާއިރެކެވެ.
ފޮތުގައި ކިޔައިދީފައިވާ ގޮތުން އައްޑޫ މޫސާއަކީ ކުޅަދާނަ ޅެންވެރިއެކެވެ. އޭނާގެ ޑައިރީ ފުރިފައި އޮތީ ސަންފައަށް ހަދާފައިވާ ޅެމާއި ލަވަތަކުންނެވެ. 'އެއީ އޭ ސަންފަ ހަނދު ރަކިކުރި' އަކީ މޫސަގެ ޑައިރީން ގަނޑެކެވެ. ފަރެސް އާމިރު މި ޅެން ހެއްދެވިއިރު ސަންފައާއި މޫސަ ވާހަކަ ވިދާޅެއް ނުވެ އެވެ. ފޮތުގެ މުސައްނިފު ފޯނުން ގުޅުއްވައި ދެއްވި ކުރު ހުލާސާއެއްގެ މައްޗަށް ހެއްދެވި ޅެން ވެގެން ދިޔައީ މި ވާހަކައަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ޅެމަކަށެވެ.
ސަންފައާއި މޫސަ، އެކަކު އަނެކަކު ދެކެ ވީ ސާފު ލޯތްބާއި، އެ ލޯބީގެ ނިމުން އައި ގޮތް ހިތަށް ގެންނާށެވެ. ދެބެއިންގެ ވާދަވެރިކަމާއި، ސިޔާސީ ބާރުވެރިކަމާއި، ބެލެނިވެރިންގެ ހަރުކަށިކަމާ ދެކޮޅަށް ސަންފައާއި މޫސަ ކުރި ހިމޭން އިހުތިޖާޖާއި، ވީ ގުރުބާނީތައް ދެކޭށެވެ. އެ ހިތި ހަނދާންތައް އޭގެ ތޫނު ވަކިތަކުން ހިތުގައި ވިކަމުން އެ ދޭ ތަދު ފިލައިދާނޭ ގޮތެއް ނެތެވެ. އެ ހިތާމަތައް އެހެން އޮއްވައި، ޝަބުނަމުގެ ތިކިތައް ހިތަށް އޮހޮރުނަސް އެކަމުން ހިތަށް ލިބިދޭނޭ އަރާމެއް މިހާރަކު ނެތެވެ. ސަންފަގެ ހަނދާނަކީ، ދުނިޔެވީ ކިތަންމެ ބޮޑު ލައްޒަތަކާ ވިޔަސް އަޅައި ކިރޭނޭ އެއްޗެއް ނޫނެވެ.
ސަންފަގެ ރީތިކަމަށް ގޮންޖަހައި، ކުރިއަރަން މަސައްކަތް ކުރާނޭ ވާދަވެރިޔަކު ނެތީކީ ނޫނެވެ. ލައްކަ ބަޔަކު އެކަމަށް މަސައްކަތްކޮށްފި އެވެ. އެހެންނަމަވެސް އެ ރީތިކަމާއި، އެ މީރު ވަހާ ވާދަކުރެވޭނޭ އިތުރު މަލެއް ފޮޅޭ ވަރެއް އަމުދުން ނުވި އެވެ. ސަންފަގެ ރީތިކަން އަޅައި ކިޔާފައި މިވަނީ ރީތި މަލަކާ އެވެ. އެފަދަ މަލެއް ފޮޅުވަން މުޅި ރަބީއު މަސައްކަތްކުރި ވާހަކަ އެވެ. އެހެންނަމަވެސް އެކަންވީ ނާކާމިޔާބު މަސައްކަތަކަށެވެ.
އުޑުގެ މަހުލޫގަކީ ހަނދެވެ. ރޭގަނޑުގެ ކަޅުފޮއިކަން ފިލުވައިދީ ދުނިޔެއަށް އަލިކަމެއް ދޭ ސަބަބަކީ ހަނދުގެ އަލިކަން ކަމަށް އަހަރުމެން ހީކުރީމެވެ. އެއީ ސަންފަ ފެނުމުގެ ކުރިންނެވެ. ރޭގަނޑުގެ ކަޅުކަން ތިރިވެ، ފިލައިދާ ސަބަބަކީ ފަހަރެއްގައި ވެސް އުޑުގެ މަހުލޫގެއް ނޫނެވެ. ކަޅު ރޭތަކުގެ ކަޅުކަން ފިލައިދިއުމުގެ ސަބަބެއް ކަމަށް ބަލައި، އިންސާނުންގެ ކަޅި ހުއްޓެނީ ވެސް އުޑުގެ މަހުލޫގަކަށް ނޫނެވެ. ކަޅު އަނދިރިކަން ފިލައި ދިއުމުގެ ސަބަބަކީ ހަނދުގެ އަލިކަން ކަމަކަށް މިހާރު މީހަކު ނުދެކެ އެވެ. (އެ ސަބަބަކީ ސަންފަ އެވެ.) ކަޅުފޮއި ރޭތަކުގެ ކަޅުކަން ވެސް ތަސްބީހައަށް ތިރިވެ ދުނިޔޭގެ އަޅުތަކުން އެދިމާއަކަށް ކަޅިހުއްޓި، އެރީތިކަމަށްޓަކައި އަމިއްލައަށް ލަދުގަނެ އިސްޖެހެނީ އުޑުގެ މަހުލޫގެއް ފެނިގެންނެއް ނޫނެވެ. އެއީ މަގޭ ސަންފަގެ އަސަރެވެ.
ސަންފަގެ ސިފަތަކުގެ ވާހަކަ ކުރިން ބުނެވިއްޖެ އެވެ. ހަތް ރީތި މިލްކުކޮށްގެން ހުރި ސަންފައަށް ތައުރީފު ހުސްވާނެ ހެއްޔެވެ؟ އެއީ އަހަރެންގެ ހިތް ހާސް ފަހަރު ހިބަކުރެވުނު ސަންފަ އެވެ. އަހަރެންގެ ހިތް މިލްކުކޮށް، އެހެން އަތަކަށް ދިޔަ ނުދީ އޮޅުކޮށްގެން ބެލެހެއްޓި ސަންފަ އެވެ. ރޭގަނޑުގެ އަނދިރިކަން ފިލުވައި ދުނިޔެއަށް އަލިކަން ގެނައުމުގައި ހަނދާއި ވާދަކޮށް، ހަނދުވެސް ރަކިކޮށްލި ސަންފަ އެވެ. މަގޭ ހަނދުން ދުނިޔެއަށް ކިތަންމެ އަލިކަމެއް ދިނަސް އެއީ ހަމައެކަނި މަގޭ މިލްކެކެވެ. އެއީ ހަމައެކަނި މަގޭ ސަންފަ އެވެ.
މިއޮތީ ޅެން ހަދަންޖެހުނު މައްސަލަ ހުށަހަޅައި ސަންޕަ ތައާރަފުކޮށްދެވިފަ އެވެ. ޅެމުގައި ދެން ގެންނަނީ ސަންޕަގެ ބައެއް ސިފަތަކެވެ.
ހިންދު ކަނޑުގެ ސަތަހައިން ބަލާއިރު އެ ކަނޑުގެ ބޮޑުމިނަކީ ހަތްދިހަ މިލިއަން ފަސްލައްކަ ފަސްދޮޅަސް ހާސް އަކަ ކިލޯ މީޓަރެވެ. ނިސްބަތުން ބަލާއިރު މުޅި ދުނިޔޭގެ ފެނުގެ ވިހި އިންސައްތަ ހުރީ ހިންދު ކަނޑުގަ އެވެ. ސަތަހައިގެ ބޮޑުމިނުގެ ނިސްބަތުން ހުރިހައި ދިމާލެއްގެ ފުންމިނެއް އެނގޭކަށްވެސް ނެތެވެ. އެނގެން އޮތް ފުންމިނުގައި ހުރީ ތިންހާސް ހަތްސަތޭކަ ސާޅީސް އެއް މީޓަރެވެ. ޔަގީނަށް އެނގެން އޮތީ، އެ ކަނޑުގެ ފުންކަމާމެދު އެނގެން އޮތް އެއްޗަކަށްވުރެ ނޭނގޭ އެއްޗެހި މާ ގިނަ ކަމެވެ. މާނައަކީ އެ ކަނޑުގެ ފުންމިނާމެދު ކުރެވެނީ އަންދާޒާއެކެވެ. ޔަގީނީ މައުލޫމާތެއް އަމުދުން ލިބެންވެސް ނެތީ އެވެ. ބެލެން ވެސް ނެތީ އެވެ.
އެހެންވީމާ ބަހުރު ހިންދު ނުވަތަ އިންޑިއާ ކަނޑައަކީ ނިކަން ފުން ކަނޑެއް ކަމުގައި ދުށީ ހެއްޔެވެ؟ އެކަމުގައި ނިންމުމަކަށް ވާސިލުވުމުގެ ކުރިން ބުނަން ހެއްޔެވެ؟ މަގޭ ސަންފަގެ ރީތި ދެ ލޮލުގެ ފުންކަމާ އަޅާ ބަލާއިރު ތިޔަ ބަހުރު ހިންދުގެ މާ ކަނޑު ކަމުގައި ބުނާ ކަނޑަކީ ހަގީގަތުގައި ކަނޑެއް ކަމަށްވެސް ނުވެ އެވެ.
އެއް ވާހަކަ ދަންނަވަން ހަނދާން ނެތުނީ އެވެ. ލޯބީގެ މިސާލުތަކުގެ ވާހަކަ ދެކެވޭ ކޮންމެ ހިނދެއްގައި ލައިލާއާއި ޝީރީނުގެ ޒިކުރު މިކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ލައިލާ މަޖުނޫނު ވާހަކަ އަކީ މީލާދީން 7 ވަނަ ގަރުނުގައި އުފަންވި ވާހަކައެކެވެ. އެއީ އަރަބިކަރައިގެ ޝާއިރު، ގައިސް އިބްނު އަލްމުލައްވާހްއާއި އޭނާގެ ލޯބިވެރިޔާ ލައިލާ ބިންތި މަހުދީގެ ވާހަކަ އެވެ. ޝީރީން ފަރުހާދު ވާހަކައޭ މި ކިޔަނީ މީލާދީން ބާރަ ވަނަ ގަރުނުގައި އުފަންވި ވާހަކައަކަށެވެ. ފާރިސީ ޝާއިރު، ނިޒާމީ ގަންޖަވީގެ ޅެމެއްގެ މައްޗަށް އޮތް މި ވާހަކައަކީ ވެސް ދިވެހި އެއްވެސް ރަހައެއް ހިމެނޭ ވާހަކައެއް ނޫނެވެ.
މިހެން އޮތް ކަމެއްގައި ދިވެހި ޝާއިރުން ވެސް ލޯބީގައި ނަމަ ނަން ކުރަނީ ލައިލާއާއި، ޝީރީނެވެ. ލޯބީގެ ފުންމިން ވަޒަން ކުރުމަށް ބޭނުންކުރާ މިސާލަކީ މިއެވެ. ދިވެހި މިއުޑުދަށުން ލޯބީގެ މިސާލެއް ފެންނަން ނެތީއެއް ނޫނެވެ. ރީތިކަމާއި، ލޯބީގައި ވަފާތެރިވުމުގެ ދިވެހި ނަމޫނާއަކީ ސަންފަ އެވެ. މިހެން އޮތް ކަމެއްގައި ސަންފަ ދޫކޮށް، ދިވެހި އަދަބިއްޔާތާ އެއްވެސް ގުޅުމެއް ވެސް ނެތް، ލައިލާއާއި ޝީރީނުގެ ވާހަކައިން މިސާލު ޖެހުމަކީ ގޯހެކެވެ. އެއީ އަމުދުން މައާފު ކުރެވޭނޭ ކުށެއް ނޫނެވެ.
ސާދަ ވިލޭރޭގެ ފުރިހަމަ ހަނދަށް ތިޔަ ކުރާ ތައުރީފު ފެނުމުން އަންނަނީ ހިންޏެވެ. ދެ ރެއަކަށް ފެންނަ ބުރުހަމަ ހަނދަކާއި، އެ ހަނދުން ދޭ އަލިކަމާމެދު އަހަރެންނަށް އާޝޯހު ވެވޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ސަންފަގެ މޫނުގެ އަލިކަމާއި، އޭނާގެ ހަށިގަނޑުގެ ފަރިކަމަށް އެކުގައި ބަލާށެވެ. އެއީ ތަފާތެއް ނެތި އަހަރުގެ ތިންސަތޭކަ ފަސްދޮޅަސް ފަސް ދުވަހު އަހަރެންގެ ހަޔާތަށް ދޭ ހަނދުވަރެވެ. އެ އުޖާލާކަމާއި، އަލިކަމަށް ބަލާއިރު ސާދަވިލޭރޭގެ ތިޔަ އަލި ގަދަ ހަނދަށް ފަހުރުވެރިވުން ހައްގެއްވެސް ނޫނެވެ.
މާމަލުގެ ރާނީ އަކީ ފިނިފެންމާ ކަމަށް އަހަރެން އެއްބަސް ނުވަނީއެއް ނޫނެވެ. އެ މަލަށް ކުރާ ގަދަރާއި ތައުރީފުވެސް ކުޑައެއް ނޫނެވެ. ވަރުން އަޅާއިރު މަގޭ ސަންފައާ އެއްވަރު ކުރެވެން ނެތީ އެވެ. ސަންފަގެ ތުންފަތުން ފެންނަ ލުއިލުއި ހިނިތުންވުމަށް ބަލާށެވެ. އިންސާނެއްގެ ހޭބުއްދި އޮޅިދާވަރު ނުވޭ ހެއްޔެވެ؟ އެމަންޒަރު ދެކެން ލިބޭ މީހަކު ފިނިފެންމަލަށް ތައުރީފުގެ ނަޒަރު ހިންގާނީ ކޮންފަދައަކުން ހެއްޔެވެ؟
ސަންފަގެ އުނިކަމެއް ނެތް ރީތިކަން އެތައް ހާސް ގުނައަކަށް އިތުރުކުރަނީ އޭނާގެ ދިހުން ގަދަ ކަޅު އިސްތަށިގަނޑުންނެވެ. ލޮލަށް ފެންނަ މަންޒަރަކުން ހިތުގެ ރިހުން ފިލުވޭނޭނަމަ އެ މަންޒަރަކީ މަގޭ ސަންފަގެ ކަޅު އިސްތަށިގަނޑެވެ. އަރިއަކަށް ފުނާއަޅައި، ފަހަތަށް ހުޅިޖަހާފައި ހުރި އިސްތަށިގަނޑުގެ ޖާދޫގައި ޖެހުނީކީ ނިކަމެތި އަހުރެން އެކަންޏެއް ނޫނެވެ. އެ އިޝްގުގައި ޖެހި ފިހި، އަނދައިގެން ދިޔައީ ހަމައެކަނި އަހަރެންގެ ހިތެއް ނޫނެވެ. މިއީ ސަންފަ ދުށް ކޮންމެ ޒުވާނެއްގެ ހާލަތެވެ.
އަހަރެން ސަންފަ ދެކެ ލޯބިވީ ލޯބީގެ ނިމުން އުފާވެރިވާނޭ ކަމަށް ދެކިގެނެއް ނޫނެވެ. ދެކެން މަޖުބޫރުވީ ހާސް ހިތާމަ އެވެ. ރޭވުންތެރިންގެ އަތްތަކުން ހުރިހައި ރޭވުމެއް ތަންފީޒު ކުރަމުން ގެންދިޔައި މަގޭ ލޯތްބާ ދެކޮޅަށެވެ. ސަންފައާ ވަކިވާންޖެހުނު މަޖުބޫރީ ހާލަތާއި އަލުން ބައްދަލުވާން ކުރެވުނު ހިތްވަރު ސިޔާސީ ބަގާވާތަކަށް ވެގެން ދިޔަ ގޮތް ބަލާށެވެ. އެކުގައި ވެއަތު ކުރެވުނު މަދު ވަގުތުކޮޅުގެ ހަނދާނުން ހިތަށް ގެންނަނީ އުފާވެރިކަމެވެ. ހަޔާތުގެ ވާހަކަ ކިތަންމެ ހިތްދައްޗަސް، އެ ހަނދާނުން ގެންނަ އުފާވެރިކަމަށްޓަކައި ތިޔަ ހަނދާނަކީ އުފުލަން ބަރު ހިތާމައެއް ނޫނެވެ.
ސަންފަ އަހަރެންނާ ވަކިވެ ދިޔައީ އެވެ. އެ ހަބަރު މި ލިބުނީވެސް މާ ވޭނީ ގޮތެއްގަ އެވެ. އެހެންނަމަވެސް އިންސާނީ ޖިސްމު، މި ފަނާކުރަނިވި ދުނިޔެއާ ވަކިވެ ދިއުމަކީ ލޯބި މަރުވާ ސަބަބެއް ނޫންކަން މިއަދު އެނގިއްޖެ އެވެ. އަހަރެންނަށް ސަންފަ ފެނެ އެވެ. ސަންފައަށް އަހަރެން ބަލަނީ ދުނިޔޭގެ ލޮލަކުން ނޫނެވެ. ސަންފަ އެބަ ވާކަން އިހުސާސު ވަނީ 'ހިތުގެ ސިކުނޑި'އަށެވެ. އަހަރެންގެ ލޯބީގެ ބާރުން ސަންފަ އެބަ ގެނެވެ އެވެ. އަހަރެންނާއެކު ވަގުތު ހޭދަކުރެ އެވެ. ހަގީގީ ލޯބި އޮތްނަމަ ދުނިޔެއިން ވަކި ވެގެން ދިއުމަކީ މި އިޝްގުގެ ގުޅުން ކެނޑިގެން ދާ ކަމެއް ނޫނެވެ.
ލޯބީގެ ނަމޫނާ ޖޯޑުތަކަށް ބަލާށެވެ. އެފަދަ ކޮންމެ ވާހަކައަކުން ކިޔައިދިނީ އުފާވެރި ނިމުމެއް ނޫނެވެ. އެހެންނަމަވެސް ލޯބީގެ މަތިވެރިކަމާއި ހުސްނުވާ އިބުރަތްތަކެވެ. ދުނިޔެވީ އެތައް ފިލާވަޅުތަކެވެ. މި ޅެން ކިޔައި، އޭގެ މާނައާ މެދު ވިސްނައި ކުޑަ ޝަރަހައެއް ލިޔެ ނިމުނުއިރު އަހަރެންނަށް ސަންފަ ދެކެ ލޯބިވެވިއްޖެ އެވެ. ދެން މި ލޯބީގައި މޫސަ ނުވެ ސަލާމަތްވޭތޯ ދުއާކުރުން ނޫން ގޮތެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ