އީރާނާއި އިސްރާއީލް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމަށް އެހީތެރިވެވިދާނެ: ޕުޓިން
އިސްރާއީލާއި އީރާނުގެ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް މެދުވެރިވެ، އެއްބަސްވުމެއް ހެދުމަށް އެހީތެރިވުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ހުށަހަޅުއްވައިފިއެވެ. އެގޮތުން އިސްރާއީލުގެ ސަލާމަތީ ކަންބޮޑުވުންތައް ފިލުވައިދިނުމުގެ އިތުރުން އީރާންގައި ސުލްހަވެރި އެޓޮމިކް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް ރަޝިއާއިން އެހީތެރިވާނެ ކަމަށް ޕުޓިން ވިދާޅުވިއެވެ. އަދި މި ހުށަހެޅުން އީރާނާއި އިސްރާއީލާއި އެމެރިކާއާ ހިއްސާ ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އިއްޔެ ފެށި ސެއިންޓް ޕީޓާސްބާގް އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ބައިނަލްއަގްވާމީ ނިއުސް އެޖެންސީތަކާ ވާހަކަފުޅު ދައްކަވަމުން ޕުޓިން ފާހަގަކުރެއްވި ގޮތުގައި "އެއީ ނާޒުކު މައްސަލައެއް" ނަމަވެސް ހައްލު ހޯދޭނެ މައްސަލައެކެވެ. އިސްރާއީލުން އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ މަރާލައިފިނަމަ ރަޝިޔާއިން ކަންތައް ކުރާނެ ގޮތަކާ މެދު ސުވާލު ކުރުމުން ޕުޓިން ވަނީ ޖަވާބު ދެއްވުމާ ދެކޮޅު ހައްދަވާފައެވެ. އަދި އެފަދަ ކަމަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ވެސް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުމެން އެއްވެސް މީހެއްގެ މައްޗަށް އެއްވެސް ކަމެއް ލާޒިމު ނުކުރަން. ހަމައެކަނި މިދައްކަނީ ހާލަތުން އަރައިގަނެވޭނެ ގޮތެއް. ނަމަވެސް ގޮތެއް ނިންމާނީ މި ހުރިހާ ގައުމެއްގެ ސިޔާސީ ލީޑަޝިޕުން، މުހިންމު ގޮތެއްގައި އީރާނާއި އިސްރާއީލުން." ޕުޓިން ވިދާޅުވިއެވެ. އީރާނާއެކު އިގްތިސާދީ އަދި އަސްކަރީ ގުޅުންތަކެއް އުފެއްދި ނަމަވެސް އިސްރާއީލާއެކު އޮންނަ ގުޅުންވެސް ރަގަޅު ކުރަން ރަޝިއާއިން އަންނަނީ މަސައްކަތްކުރަމުންނެވެ. އިރާނާއި ރަޝިޔާއާއި ދެމެދު އިތުބާރު ހުރި ގުޅުމެއް އޮތް ކަމަށާއި ތެހެރާންގެ ދެކުނުގައި އޮންނަ ޕާޝިއަން ގަލްފުގެ ބުޝެހްރުގައި ގާއިމުކުރި އީރާންގެ ފުރަތަމަ ނިއުކްލިއާ ކާރުޚާނާ ހެދުމަށް ރަޝިއާއިން އެހީތެރިވެދީފައިވާ ކަމަށް ޕުޓިން ވިދާޅުވިއެވެ. ބުޝެހްރުގައި އިތުރު ދެ ކާރުޚާނާ އެޅުމަށް ރަޝިޔާގެ 200އަށް ވުރެ ގިނަ މަސައްކަތްތެރިން މިހާރުވެސް ހަރަކާތްތެރިވާ ކަމަށާއި އެމީހުންގެ ސަލާމަތީ ކަންކަން ކަށަވަރު ކުރެވޭނެ ކަމަށް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މީގެ ކުރިން ރަޝިޔާއިން އީރާނަށް ފޯރުކޮށްދިން މަދު ވައިގެ ދިފާއީ ނިޒާމުތަކުގެ އިތުރުން ފުރިހަމަ ވައިގެ ދިފާއީ ނިޒާމު އުފެއްދުމަށް އެހީތެރިވުމަށް އެގައުމުން ކުރިން ހުށަހެޅި ނަމަވެސް ތެހެރާނުން އެކަން ބޭނުން ނުވީ ކަމަށެވެ. މިދިޔަ އަހަރު ރަޝިއާއިން އީރާނަށް ފޯރުކޮށްދިން އެސް-300 އެއާ ޑިފެންސް މިސައިލް ސިސްޓަމް ވައްޓާލާފައިވާ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ