ތަހުގީގަށް ދޮގު ބަޔާން ދިނުމުން ދާއޫދު މަގާމުން ވަކިކޮށްފި

ޔުމްނު ވެއްޓުނު މައްސަލައިގައި، ރައުދު އަހުމަދު ޒިލާލްގެ ބޭބެ، ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ އަހުމަދު ދާއޫދު ތަހުގީގަށް ދޮގު ބަޔާން ދިންކަން ފަޅާއެރުމުން އޭނާ މަގާމުން ވަކިކޮށްފި އެވެ.ދާއޫދަކީ މި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. މި މައްސަލައިގެ ތަހުގީގަށް ދާއޫދު ދޮގު ބަޔާނެއް ދިން ކަމަށް އޮތީ އެ މައްސަލަ ތަހުގީގުކުރަން އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓުގައެވެ.މިކަމާ ގުޅިގެން އޭނާ މަގާމުން ވަކިކޮށްފައި ވާކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.އެ ރިޕޯޓުގައިވާ ގޮތުން ދާއޫދު ބަޔާން ދެމުން ބުނެފައި ވަނީ ޔުމްނުގެ މައްސަލައިގައި ސަރުކާރުގެ އެއްވެސް އިސްވެރިއަކަށް ގުޅާފައި ނުވާނެ ކަމަށެވެ. "މިކަމާއި ގުޅިގެން ސަރުކާރުގެ ސީނިއާ އެއްވެސް މީހަކަށް، ފުލުހަކަށް، އަދި ވަޒީރަކަށް ގުޅާފައި ނުވާނެ ކަމަށް ދާއޫދު އަހުމަދު ބުނެފައިވޭ."ނަމަވެސް މިނިސްޓަރު އިހުސާން ކޮމިޝަނަށް ދެއްވި ބަޔާނުގައި ވިދާޅުވީ އޭޕްރިލް 18، ގެ ރޭގަނޑު ދާއޫދު ގުޅުމުން ފޯނު ނަގައި ވާހަކަ ދެއްކެވި ކަމަށާއި އޭނާ ކުރި މެސެޖުތަކަށް ވެސް ޖަވާބު ދީފައިވާ ކަމަށެވެ. އޭނާއަކީ 2023 ގެ ރިޔާސީ އިންތިހާބުން ފެށިގެން ދަންނަ މީހެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.ދާއޫދު ވަކިކުރަން ނިންމިއިރު އޭނާ ހުރީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ. އޭނާ ސަސްޕެންޑުކުރީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯތަކުގެ މައްސަލައިގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ