ޕާކިސްތާނު ހައިކޮމިޝަނުން ޕާކިސްތާނު ދުވަސް ފާހަގަކޮށްފި
މާލޭގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަނުން، ޕާކިސްތާނުގެ ގައުމީ ދުވަސް އިއްޔެ ފާހަގަކޮށްފިއެވެ. ކޮންމެ އަހަރެއްގެ މާޗު މަހުގެ 23ގައި ޕާކިސްތާން ދުވަސް ފާހަގަ ކުރަނީ، 1956ގައި އެގައުމު އިސްލާމީ ޖުމްހޫރިއްޔާއަކަށް ބަދަލުވެ، އެގައުމުގެ ފުރަތަމަ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ދުވަސް ހަނދާން އާކުރުމުގެ ގޮތުންނެވެ. މި ދުވަސް ފާހަގަކުރީ އިއްޔެ ހެނދުނު ހައިކޮމިޝަނުގައި ކުރިއަށް ގެންދިޔަ ޚާއްސަ ރަސްމިއްޔާތަކުންނެވެ. ދިދަ ނެގުމާއެކު ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި މާލޭގައި ދިރިއުޅޭ ޕާކިސްތާނު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އަދި ދުވަހާ ގުޅޭ ޚާއްސަ މެސެޖުތައް ވެސް ދައްކައިފައިވެއެވެ. އެ މެސެޖުތަކުގެ ތެރޭގައި ޕާކިސްތާނުގެ ރައީސާއި، ބޮޑުވަޒީރާއި، ބޮޑުވަޒީރުގެ ނައިބާއި، ޚާރިޖީ ވަޒީރު ދެއްވި މެސެޖު ހިމެނިފައެވެ. މި ދުވަހާ ގުޅިގެން ވާހަކަދައްކަވަމުން ޕާކިސްތާނު ހައިކޮމިޝަނަރު ފައިސަލް ރަސޫލް ލޮދި ވަނީ ޕާކިސްތާނުގެ މިނިވަންކަމަށް އެ ގައުމުގެ ކާބަފައިން ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ޕާކިސްތާނުގެ ބާނީ މުޙައްމަދު އަލީ ޖިނާހާއި، ޑރ. އައްލާމާ މުޙައްމަދު އިގްބާލުގެ ޚިދުމަތްތައް ފާހަގަކުރައްވައި ހައިކޮމިޝަނަރު ވަނީ މިއީ އެއްބައިވަންތަކަމުގެ ރޫހާއި އަޚްލާގު އާލާކޮށް ދެމެހެއްޓުމުގެ ދުވަހެއްކަމަށް ވިދާޅުވެފައެވެ. އެއާއެކު ހައިކޮމިޝަނަރު ވަނީ ޖައްމު އާއި ކަޝްމީރުގެ ރައްޔިތުން ތަހައްމަލުކުރަމުން އަންނަ ހާލާއި، ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ މިނިވަންކަމަށް ކުރަމުން އަންނަ ޖިހާދުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވައިލައްވައިފައެވެ. 23 މާޗު 2025: ޕާކިސްތާނު ދުވަސް ފާހަގަކުރުން -- މީގެ އިތުރުން ރޭ ވަނީ މި ދުވަސް ފާހަގަކުރުމަށް ޚާއްސަ ތަރާވީހެއް ބާއްވައިފައެވެ. މި ތަރާވީހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެހެނިހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި ދުވަސް ފަހަގަކުރުމުގެ ގޮތުން ޚާއްސަ ކޭކެއް ވެސް ފަޅައިފައިވެއެވެ. އެއާއެކު ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ވެސް ވަނީ ހައިކޮމިޝަނަރު ވާހަކަދައްކަވައިފައެވެ. ހައިކޮމިޝަނަރު ވަނީ ރާއްޖެއަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގައި ރާއްޖޭގެ ކަމާ ގުޅޭ މިނިސްޓްރީތަކާއެކު ހައިކޮމިޝަނުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. 23 މާޗު 2025: ޕާކިސްތާނު ދުވަސް ފާހަގަކުރުން -- އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ. އެއާއެކު ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ ވާހަކައިގައި ވަނީ ޕާކިސްތާނުގެ ވެރިންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ. އަދި ޕާކިސްތާނުން ރާއްޖޭގެ އިޖްތިމާއީ ތަރައްގީގައި ވެދޭ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދައިކުރައްވައިފައެވެ. އެ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވާނެކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ