މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މިނިވަންކަން ގެއްލި، ރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިދާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެމްއޭން ފައިސާ ޗާޕު ކުރާ ކަމަށް މައުލޫމާތު ލިބިފައިވާތީ އެކަމާ ގުޅޭ މައުލޫމާތު ސާފުކޮށް، ވެރިކަން ކުރާ ބާރުގެ ފަރާތުން ކުރާ ކަންތައް ހިނގާ ނުހިގާ ގޮތް ބަލައި ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ވާޖިބު އަދާ ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމަށް މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ބެލުމަށް ގަރާރު ހުށަހެޅުއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.
ތަފްސީލް - ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި، ފައިސާ ނެގުމުގެ ބޭނުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މިލްކިއްޔާތުގައިވާ ބިމެއް ގަތުމުގެ މުއާމަލާތެއް ހިންގުމަށް ފަހު، އެ ފައިސާ އެޗްޑީސީ މެދުވެރިކޮށް ސަރުކާރަށް ދިނުމަށް ހުޅުމާލޭން ބިން ގަތުމަށް އެމްއެމްއޭގެ ބޯޑުން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އެ ގަރާރުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުން، އެމްއެމްއޭގެ އޮފީސް ހިންގުމަށް ކޮންމެހެން ބޭނުންވާ ވަރަށް ވުރެ އިތުރަށް އިމާރާތްތަކާއި ބިންތައް ހޯދަންޖެހޭ އެއްވެސް މަގުބޫލު ސަބަބެއް ނޯންނާނެ އެވެ. މި މުއާމަލާތް ހިންގަން ނިންމުމުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ގަރާރުގައި ފާހަގަކުރައްވާފައިވެ އެވެ.
މިދަފަ މުއާމަލާތެއް ހިންގައިގެން އެމްއެމްއޭން ސަރުކާރަށް ފައިސާ ނެގުމަކީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލުުތައް އެއްފަރާތްކޮށް، އެ ހަމަތަކާއި އުސޫލުތަކާ ހިލާފަށް އެމްއެމްއޭން ސަރުކާރަށް ފައިސާ ނެގުން ކަމަށް ވެސް ގަރާރުގައި ވިދާޅުވެފައިވެ އެވެ.
ޝަމްހީދުގެ ގަރާރުގައި އިތުރަށް ވިދާޅުވީ މިއީ އެމްއެމްއޭގެ މިނިވަންކަން ގެއްލި، ރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން، މިއީ މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އެކަންކަމުގެ ބޭރުން މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލާ ކުރާ ކަމެއް ކަމަށް ވެސް ގަރާރުގައިވެ އެވެ.
މިއީ ރުފިޔާގެ އަގު ވެއްޓި، ބޭރު ފައިސާގެ އަގު އުފުލޭނެ ކަމެއްކަން ފާހަގަކުރައްވައި އެ ގަރާރުގައި ޝަމްހީދު ވިދާޅުވީ މިއީ ދައުލަތާއި ރައްޔިތުންގެ މާލީ ކަންކަން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމެއް ކަމަށެވެ.
ފާހަގަ ކުރެވޭ - ހުޅުމާލޭން ބިމެއް ގަތުމަށް އެމްއެމްއޭން އެޗްޑީސީއަށް 14 ބިލިއަން ރުފިޔާ ދައްކަން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އެމްއެމްއޭގެ ބޯޑުން ވަނީ ނިންމާފަ އެވެ. އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ސުވާލު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވެސް ވަނީ ހުށަހަޅުއްވައިފަ އެވެ.
ފައިސާ ޗާޕުކުރުމާ މެދު މެމްބަރުން ދެކޭ ގޮތް ބަލަން މަޖިލީހަށް ގަރާރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ