ގައުމީ ސްކޮޑަށް ނެގި އައު ކުޅުންތެރިންނާއެކު ބޮޑު އުންމީދެއް

އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އާއި ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ނެގި ސްކޮޑުގައި ޒުވާން އުންމީދީ ކުޅުންތެރިންތަކެއް ހިމެނިއްޖެއެވެ. ސްކޮޑުގައި އަލަށް ހިމަނައިފައިވާ ތިން ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު ހަސަން އީނާޒާއި އޮޑި ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު އަޙްމަދު އައިހަމާއި އެ ކުލަބުގެ މިޑްފީލްޑަރު ހައިސަމް ރަޝީދެވެ. ސްކޮޑުން މިފަހަރު އުނިކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ފޯވާޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އާއި މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)އާއި ޑިފެންޑަރު މުޙައްމަދު ނިޒާމް ހިމެނެއެވެ. ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން--- ސަން ފޮޓޯ: މާނިއު މުޙަންމަދު އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ވަނީ ނިމިދިޔަ މާރިޗް މަހު ފިލިޕީންސްއާ ދެކޮޅަށް އަވޭ މެޗު ކުޅެފައެވެ. އެ މެޗު 4-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފިލިޕީންސްއެވެ. އެއަށްފަހު ދެވަނަ މެޗުގައި، މިމަހުގެ 10 ވަނަ ދުވަހު އޮސްޓްރޭލިއާގައި ބައްދަލުކުރާނީ ޓިމޯ ލެސްޓޭއާއެވެ. ޓިމޯ ލެސްޓޭ މެޗަށްފަހު އަންނަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު ތަޖިކިސްތާނާ ރާއްޖެ ބައްދަލުކުރާ މެޗު ކުޅޭނެއެވެ. ރާއްޖެ އާއި ތަޖިކިސްތާނުގެ ހޯމް މެޗު އޮންނާނީ އޮކްޓޫބަރު މަހުގެ 14ގައި މާލޭގައެވެ. ރާއްޖެ އާއި ފިލިޕީންސްގެ ހޯމް މެޗު ކުޅޭނީ ނޮވެމްބަރު 18ގައި ރާއްޖޭގައެވެ. އަދި އޭޝިއަން ކަޕް ކޮލިފަިއންގެ ފަހު މެޗުގައި ރާއްޖެ އާއި ޓިމޯ ލެސްޓޭ ކުޅެން ޖެހޭ ހޯމް މެޗު އޮންނާނީ މާރިޗު 31 ގައެވެ. ގައުމީ ސްކޮޑަަށް ކުޅުންތެރިން ނެގުމުގައި ނިމިދިޔަ އެފްއޭއެމް ލީގު ކަޕުގައި ދެއްކި ކުޅުމަށް ބަލައިފައިވާއިރު، އައިހަމާއި އީނާޒާއި ހައިސަމަކީ އެފްއޭއެމް ލީގު ކަޕްގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ