މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް ސްވިމިން އެސޯސިއޭޝަންގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) މިއަދު، ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި އެވެ.
އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރު، 2025-2029 އަށް ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުުމަށް ހުޅުވާލީ އޭޕްރީލް 22 އިން ފެށިގެންނެވެ. މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަަލަށް އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހަޅަން ފުރުސަތު ހުޅުވާލި، މުއްދަތު ހަމަވިއިރު، މިއަދު، ހ. މީރުމާގައި ކުރިއަށްދިޔަ އިންތިހާބުގައި ރައީސަކަށް ވާދަކުރަންވަން ކެނޑިޑެސީ ހުށަހެޅީ ސައްތާރު އެކަންޏެވެ.
އެހެންކަމުން، އިންތިހާބުގައި ރައީސަކަށް، އިތުރު ފަރާތަކުން ކުރިމަތިލާފައިނުވާތީ، އޮލިމްޕިކް ކޮމިޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، ސައްތާރަށް މަގާމުގައި ދެ ވަނަ ދައުރެއް ޔަގީންވީ އެވެ.
އެންމެ ފަހުން، އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އިންތިހާބު ބާއްވާފައިވަނީ 2021 ވަނަ އަހަރުގަ އެވެ. ސްވިމިން އެސޯސިއޭޝަންގެ ރައީސްކަން ހަތަރު ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ ސައްތާރު، އެންމެ ފަހުން ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރީ މޫސާ ނާޝިދު (މޫސަ) އާ ވާދަކޮށެވެ. ސަައްތާރު، އެ ފަހަރު، އިންތިހާބު ކާމިޔާބު ކުރެއްވީ 16 މެމްބަރު އެސޯސިއޭޝަނާއި ދެ އެތުލީޓްސް ރެޕްރެޒެންޓޭޓިވްގެ ތެރެއިން 11 ވޯޓު ހޯދައިގެންނެވެ. ސައްތާރާ ވާދަކުރެއްވި، އޭރުގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ އަށް ލިބުނީ ހަތް ވޯޓެވެ. އިންތިހާބުގައި ވާދަކުރައްވަން ނިންމެވި އެފްއޭއެމްގެ ކުރީގެ ސީނިއާ ނައިބު ރައީސް އަލީ އުމަަރު (އައްޔަ) ވަނީ އިންތިހާބުގެ އެއް ދުވަސް ކުރިން ނަން ނަންގަވައިފަ އެވެ.
ސައްތާރުގެ ފުރަތަމަ ދައުރުގެ ތެރޭގައި، ރާއްޖޭން ވަނީ 2023 ވަނަ އަހަރު މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން 28 މެޑަލް ހޯދައި، ރާއްޖޭގެ ކުޅިވަރު ތާރީހުގެ އެންމެ ކާމިޔާބު ގޭމްސް ފުރިހަަމަ ކޮށްފަ އެވެ. އޭގެ އެއް އަހަރު ކުރިން، ރާއްޖޭން ވަނީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށް މެޑަލް ހޯދައިފަ އެވެ. އަދި، މިދިޔަ އަހަރު ރާއްޖޭގައި، ކޮމަންވެލްތުގެ ގޭމްސް ފެޑެރޭޝަންގެ އޯޝެނިއާ އާއި އޭޝިއާގެ ރީޖަނަލް ބައްދަލުވުމެއް ރާއްޖޭގައި ބޭއްވިގެންދިޔަ އެވެ.
އޮލިމްޕިކް ކޮމިޓީން ބުނީ، މި ފަހަރުގެ އިންތިހާބަށް 18 އެޕްލިކޭޝަނެއް ލިބިގެންދިޔަ ކަމަށާއި އެހެން ނަމަވެސް، ރަސްމީކޮށް އިއުލާނުކުރުމުގެ ކުރިން، އެއް އެޕްލިކޭޝަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
މީރުމާގައި، މިއަދު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި، 14 މެމްބަރު އެސޯސިއޭޝަނުން ބައިވެރިވިއިރު، އެތުލީޓުން ތަމްސީލްކުރާ ކޮމިޝަނުގެ މެމްބަރުން ވެސް ބައިވެރިވެފައިވެ އެެވެ.
އެންމެ ފަހުން، އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވި މުހައްމަދު ޝަވީދު ވެސް ވަނީ ދެ ދައުރު މަގާމުގެ ޒިންމާ އަދާކުރައްވައިފަ އެވެ. އަދި، ދެ ވަނަ ދައުރަށް ފަހު، ޝަވީދު ނިންމެވީ، ދެން އިތުރު ދައުރަކަށް ކުރިމަތިނުލެއްވުމަށެވެ.
އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފި އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ