ފިލްމު 'ހޯމްބައުންޑް'ގެ ސިނެމަޓޮގްރާފަރު އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުތަކެއް

ދާދިފަހުން ބޭއްވި މި އަހަރުގެ ފްރާންސް ފެސްޓިވަލުގައި ޕްރީމިއާކުރި އިންޑިއާގެ ފިލްމު "ހޯމްބައުންޑް"ގެ ސިނެމަޓޮގްރާފަރު ޕްރަތީކް ޝާހުގެ މައްޗަށް އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއް ކޮށްފިއެވެ. މި ތުހުމަތުތަކާ ގުޅިގެން ފިލްމު "ހޯމްބައުންޑު" ގެނެސްދިން ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންސްއިން ވަނީ ހާއްސަ ބަޔާނެއް ނެރެފައެވެ. އެގޮތުން ފިލްމު "ހޯމްބައުންޑު"ގެ ޓީމާ ޕްރަތީކް ގުޅުނު ދުވަހުން ފެށިގެން އޭނާ މަސައްކަތްކުރި މުއްދަތުގެތެރޭގައި އެ ޕްރޮޑަކްޝަން ޓީމުގެ އެއްވެސް އަންހެނެއްގެ ފަރާތުން އެކަހަލަ ޝަކުވާއެއް ލިބިފައިނުވާ ކަމަށް ދަރުމާގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަންހެނުންގެ ހުރުމަތަށް އެއްވެސް ކަހަލަ އުނިކަމެއް ނުވަތަ ގެއްލުމެއް ލިބޭނެ އަމަލުތަކަކީ ދަރުމާއިން ބަލައިގަންނަ ކަންކަން ނޫން ކަމަށާއި ޖިންސީ ފުރައްސާރަ ކުރުން ފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް މި ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. ފިލްމު "ހޯމްބައުންޑް"ގެ ބައެއް ކާސްޓުންނާއި ޕްރޮޑަކްޝަން ޓީމްގެ ބައެއް މެމްބަރުން ކާންސް ފިލްމު ފެސްޓިވަލުގައި--ފޮޓޯ/ހިންދުސްތާންޓައިމްސް ޕްރަތީކް ޝާހަކީ ފިލްމު "ހޯމްބައުންޑް"ގައި ފްރީލާންސައެއްގެ ގޮތުގައި މަސައްކަތްކުރި މީހެއް ކަމަށާއި ދަރުމާއާ އެކު ޕްރަތީކް މަސައްކަތްކޮށްފައި ވަނީ ވެސް ވަރަށް ކުޑަ ދުވަސްކޮޅަކަށް ކަމަށް ދަރުމާއިން ވަނީ ބުނެފައެވެ. އެ މުއްދަތުގެ ތެރޭގައި އެއްވެސް މީހެއްގެ ފަރާތުން ޕްރަތީކާ ދެކޮޅަށް އެއްވެސް ކަހަލަ ޝަކުވާއެއް އައިސްފައިނުވާ ކަމަށް އެ ޕްރޮޑަކްޝަން ކުންފުނިން ވަނީ ބުނެފައެވެ. ސިނެމަޓޮގްރާފަރެއްގެ ގޮތުގައި ބޮލީވުޑްގެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ޕްރަތީކް އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ މައްސަލަ ފެންމަތިވެފައި ވަނީ މިނިވަން ފިލްމު ޕްރޮޑިއުސަރެއް ކަމަށްވާ އަބީނާވް ސިންގް އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރި ނޯޓް މެސެޖަކާ ގުޅިގެންނެވެ. ޕްރަތީކްގެ ފަރާތުން ގިނަ ބަޔަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ޝަކުވާތައް އަބީނާވްއަށް ލިބިފައިވާއިރު އެކީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ޕްރަތީކާ މެދު ސަމާލުވުމަށް އަބީނާވް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ