ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) ހިންގާ އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު އިރު ސަރުކާރު ހިންގަން އެ ކުންފުނި މެދުވެރިކޮށް 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)ގެ ލޯން ނަގާފައިވާކަން ހާމަވެއްޖެ އެވެ.
ވީ ކިހިނެއް؟ - އޮޑިޓް އޮފީހުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރު:
އާމްދަނީއަށް 8.6 ބިލިއަން ރުފިޔާ ލިބުނު
ހަރަދަށް 4.6 ބިލިއަން ރުފިޔާ ހޭދަވެފައިވޭ
ޖުމްލަ ފައިދާގެ ގޮތުގައި، 4 ބިލިއަން ރުފިޔާ ލިބުނު
އިދާރީ ހަރަދުތަކާއި ޓެކްސްއަށް ކެނޑުމަށް ފަހު، ސާފު ފައިދާއަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޮޑިޓުން ދައްކަ އެވެ.
ތަފްސީލް - އެމްއޭސީއެލްއަށް މިދިޔަ އަހަރު ލިބުނު 1.1 ބިލިއަން ރުފިޔާގެ ފައިދާއަކީ 2023 ވަނަ އަހަރާ އަޅާބަލާއިރު 192.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެގޮތުން:
މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު %21 އިތުރު އަދަދެއް
2023ގެ ސާފު ފައިދާއަކީ 902.8 މިލިއަން ރުފިޔާ
ފައިދާގެ ތެރެއިން ޑިވިޑެންޑުގެ ގޮތުގައި މިދިޔަ އަހަރު ސަރުކާރަށް އެމްއޭސީއެލްއިން ވަނީ 236.4 މިލިއަން ރުފިޔާ ދައްކާފަ އެވެ.
އޮޑިޓުން ދައްކާ ގޮތުގައި އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއުތަކަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ލޯނުތަކާ އެކު އެމްއޭސީއެލްގެ ދަރަނި 13.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އޮޑިޓުން ފާހަގަވި އަނެއް ކަމަކީ މި ސަރުކާރު ހަވާލުވި ފަހުން، އެމްއޭސީއެލްއިން ވަނީ 80 މިލިއަން ޑޮލަރުގެ ދެ ލޯނެއް ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ ނަގައިފަ އެވެ. އެއީ ޖުމްލަ ދަރަނީގެ %8.96 އެވެ. އެ ލޯންތަކުގެ ތަފްސީލަކީ:
26 ޑިސެމްބަރު 2023ގައި 50 މިލިއަން ޑޮލަރު:
މިއީ ވަކި ހާއްސަ މަޝްރޫއެއް ނެތި ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ އެމްއޭސީއެލްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ ލޯނެއް ކަމަށް އޮޑިޓްގައި ފާހަގަކުރި އެވެ. އެ ލޯނަކީ އަހަރަކަށް %8.5ގެ އިންޓްރެސްޓުގައި ފަސް އަހަރުން ދައްކާ ގޮތަށް ނަގާފައިވާ ލޯނެކެވެ.
އެ ލޯނަށް ނުދައްކާ 40 މިލިއަން ޑޮލަރު އަދިވެސް އެބައޮތެވެ.
24 ޖޫން 2024ގައި 30 މިލިއަން ޑޮލަރު:
މިއީ ވަކި ބޭނުމެއް ފާހަގަކޮށް ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ އެމްއޭސީއެލްއިން ބީއެމްއެލްއިން ނަގާފައިވާ ލޯނެކެވެ. އެ ލޯނަކީ %8.5ގެ އިންޓަރެސްޓެއްގައި ފަސް އަހަރުން ދައްކާ ގޮތަށް ނަގާފައިވާ ލޯނެކެވެ.
މި ލޯނަށް 26.5 މިލިއަން ޑޮލަރު ނުދައްކާ ބާކީ އެބަހުއްޓެވެ.
ފާހަގަކޮށްލެވޭ - ކޯޕަރޭޓް ބޭނުމަށް ކަމަށް ބުނެ ނަގާފައިވާ މި ލޯންތަކަކީ ސަަރުކާރުގެ ބަޖެޓް ސަޕޯޓަށް ފައިނޭންސް ކުރަން ނަގާފައިވާ ލޯނުތަކެއް ކަމަށް ބެލެވެ އެވެ. އެެހެން ކަމުން އެމްއޭސީއެލްގެ ޖުމްލަ ދަނަރީގެ %9 ވަރު މި ވަނީ ސަރުކާރުގެ ރިކަރަންޓް ހަރަދުތައް ހަމަޖައްސަން ލޯނުގެ ގޮތުގައި ނަގައިފަ އެވެ.
އޮޑިޓުން ހާމަވާ ގޮތުގައި މިދިޔަ އަހަރުގެ ފައިދާއިން ޑިވިޑެންޑުގެ ގޮތުގައި ސަރުކާރަށް ދޭން ޖެހެނީ 75 މިލިއަން ރުފިޔާ އެވެ. އަދި ކުރީ އަހަރުތަކުގައި ނުދައްކާހުރި ފައިސާއާ އެކު ޑިވިޑެންޑަށް ސަރުކާރަށް ނުދެއްކި މިދިޔަ އަހަރު ނިމުނުއިރު އޮތީ 268.2 މިލިއަން ރުފިޔާ އެވެ.
އެމްއޭސީއެލްގެ އޮޑިޓުން ދެން ފާހަގަވި ކަމަކީ މިދިޔަ އަހަރުން ފެށިގެން ސަރުކާރުގެ ޓީބިލަށް އެމްއޭސީއެލްއިން އިންވެސްޓްކޮށްފައިވާ އަދަދު އިތުރުވެފައިވުމެވެ. އެގޮތުން:
މިދިޔަ އަހަރު އެކަނި 371.6 މިލިއަން ރުފިޔާ ޓީބިލަށް އިންވެސްޓްކޮށްފައިވޭ
ސަރުކާރުގެ ޓީބިލަށް އިންވެސްޓްކުރި ޖުމްލަ އަދަދު 531.6 މިލިއަން ރުފިޔާއަށް މިހާރު ވަނީ އަރާފައި؛ 2023ގައި ޖުމްލަ ޓީބިލަށް އިންވެސްޓްކޮށްފައއެ އަދަދު ހުރީ 160 މިލިއަން ރުފިޔާގައި
ސަރުކާރުގެ ދިގު މުއްދަތުގެ ބޮންޑްތަކަށް މިދިޔަ އަހަރު 30 މިލިއަން ޑޮލަރު (462.6 މިލިއަން ރުފިޔާ) އެމްއޭސީލްއިން އިންވެސްޓްކޮށްފައިވޭ
ބެލެވޭ ގޮތުގައި ކޯޕަރޭޓް ލޯނުތައް ނަގައިގެން އިންވެސްޓްކޮށްފައިވަނީ ސަރުކާރުގެ ޓީބިލާއި ބޮންޑަށެވެ.
ހިސާބުތަކުން ދައްކާ ގޮތުން އެމްއޭސީއެލްގައި ނަގުދު ފައިސާ އާއި ބޭންކުގައި ހުރި އަދަދާ އެކު މިދިޔަ އަހަރު ނިމުނު އިރު ކުންފުނީގައި ޖުމްލަ ފައިސާގެ ގޮތުގައި 936 މިލިއަން ރުފިޔާ ހުއްޓެވެ.
އެމްއޭސީއެލްއަށް 1 ބިލިއަން ރުފިޔާގެ ފައިދާ؛ ސަރުކާރަށް 1 ބިލިއަން ރުފިޔާގެ ލޯން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ