10 ލަނޑާއެކު ބަޔާންއިން އާ ރިކޯޑެއް ހަދައިފި
ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ބަޔާން މިޔުނިކާއި އޯކްލަންޑް ސިޓީ ބައްދަލުކުރި މެޗުގައި ބަޔާންއިން 10 ގޯލް ޖަހައި މުބާރާތުގެ އާ ރިކޯޑެއް ހަދައިފިއެވެ. އެމެރިކާގެ ސިންސިނާޓީގައި ކުޅުނު މިމެޗުގައި ބަޔާންއިން ރިކޯޑް ގާއިމް ކޮށްފައިވަނީ 10 ލަނޑު ސުން ލަނޑުން މިމެޗު ކާމިޔާބު ކޮށްގެންނެވެ. މިއީ ކްލަބް ވޯލްޑް ކަޕްގެ ތާރީހްގައި މިހާތަނަށް އެއްވެސް ޓީމަކަށް ލަނޑު ޖެހިފާވާ ވަރެއް ނޫނެވެ. މެޗުގެ ބޮޑުބައި ކޮންޓްރޯލް ކުރުމުގެ އިތުރުން ގިނަ ހަމަލާ ތަކެއް އުފެއްދި ބަޔާންއިން މިމެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ ހަވަނަ މިނެޓުގައި ކާމިޔާބު ކޮށްފައިވަނީ ކިންގްލީ ކޯމަންއެވެ. މެޗުގެ 18ވަނަ މިނެޓުގައި ބަޔާންގެ ދެވަނަ ލަނޑު ސާޝާ ބޮއޭ ކާމިޔާބު ކޮށްދިން އިރު ތިންވަނަ ލަނޑު އޭގެ ދެމިނެޓް ފަހުން ކާމިޔާބު ކޮށްދިނީ މައިކަލް އޮލީސޭއެވެ. އަދި 21ވަނަ މިނެޓުގައި ކޯމަން ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިން އިރު ތޯމަސް މުލާވަނީ 45ވަނަ މިނެޓުގައި ބަޔާންގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިމެޗުގެ ފުރަތަމަ ހާފު ބަޔާން އިން ނިންމާލީ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އޯލީސޭ ކާމިޔާބު ކޮށްދިން ހަވަނަ ލަނޑުންނެވެ. މިމެޗުގެ ދެވަނަ ހާފުގައި ވެސް ފެނުނީ ބަޔާންއިން ހަމާލާއަށް އިސްކަން ދީގެން ކުޅުނު އިރު އޯކްލަންޑްއިން އެޓީމު ކޮޅަށް ވަންނަ ލަނޑު ތަކުގެ އަދަދު މަދުކުރެވޭތޯ މަސައްކަތް ކުރިތަނެވެ. މިމެޗުގައި ބަޔާންގެ ހަތްވަނަ ލަނޑު މެޗުގެ 67ވަނަ މިނެޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި ޖަމާލް މުސިއެލާއެވެ. މިއީ ނިމިދިޔަ ސީޒަންގައި ލީގުގެ ފަހު ހަ މެޗު އަނިޔާގެ ސަބަބުން ނުކުޅެ ހުރުމަށްފަހު އެނބުރި އައިސް މުސިއެލާ ކުޅުނު ފުރަތަމަ މެޗެވެ. މިމެޗުގައި ބަޔާންގެ އަށްވަނަ ލަނޑު މެޗުގެ 73ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން މުސިއެލާ ކާމިޔާބު ކޮށްދިންއިރު ނުވަވަނަ ލަނޑު މެޗުގެ 84ވަނަ މިނެޓުގައި ކާމިޔާބުކޮށް މުސިއެލާ ވަނީ މިފަހަރުގެ މުބާރާތުގެ ފުރަތަމަ ހެޓްރިކް ވެސް ގާއިމްކޮށްފައެވެ. މިމެޗުގައި ބަޔާންގެ 10ވަނަ ލަނޑު މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ މުލާއެވެ. ފީފާ ކްލަބް ވޯލްޑް ކަޕްގައި މީގެ ކުރިން އެންމެ ގިނަ ލަނޑު ޖެހިތަން ފެނިގެން ގޮސްފައިވަނީ 2022ވަނަ އަހަރުގެ މުބާރާތުގައި އަލް ހިލާލް އާއި އަލް ޖަޒީރާ ބައްދަލުކުރި މެޗު ހަ ލަނޑު އެއް ލަނޑުން އަލް ހިލާލް މޮޅުވި މެޗުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ