ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ކަނޑައަޅައި ހައި ކޯޓުން ނެރުނު އަމުރު ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެގޮތަށް ހައި ކޯޓުން ކަނޑައެޅީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ އިސްތިއުނާފު ކުރުމުންނެވެ.
ހައި ކޯޓުގެ އަމުރު ސުޕްރީމް ކޯޓުގައި ޝަމްއާންގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލާގައި ރިޔާސަތު ބެލެހެއްޓެވީ އެ ކޯޓަށް މިފަހުން އައްޔަނުކުރި ފަނޑިޔާރު ހުސައިން ޝަހީދު އެވެ. ޝަހިދުގެ އިތުރުން ބެންޗުގައި ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން އަދި މީގެ ހަފްތާއެއްހާ ދުވަސްކުރި އެ ކޯޓުގެ ފަނޑިޔާރަކަށް އައްޔަނުކުރި އަބްދުالله ހަމީދު އެވެ.
މިފަހުން ކޯޓަށް އައްޔަނު ކުރި ދެ ފަނޑިޔާރުން ނިންމެވީ ޝަމްއާން ބަންދުގައި ބެހެއްޓުމަށެވެ. ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ފާހަގަކުރެއްވީ އޭސީސީގެ ބައިވެރިވުމެެއް ނެތި ވެސް ޝަމްއާން ބަންދުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ. އެ ރައުޔަށް ފަނޑިޔާރު ހަމީދު ތާއިދު ކުރެއްވިއިރު ފަނޑިޔާރު ޝުޖޫން ރައުޔުގައި ޝަމްއާން ބަންދު ކުރަން ކަނޑައެޅީ ގޯސްކޮށް ކަމަށް ވަނީ ލިޔުއްވާފަ އެވެ.
ނަމަވެސް، ތިން ފަނޑިޔާރުން ވެސް ވަނީ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭގޮތުން ހައި ކޯޓުން ނިންމި ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި ފުލުހުންނަށް އެކަނި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ޝަމްއާންއަށް ފުލުހުން ކުރާ ތުހުމަތަކީ ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ ތުހުމަތެވެ. ދަށު ކޯޓުގެ އަމުރަށް ތާއީދުކޮށް ހައި ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ މަނީ ލޯންޑަރިންގެ ތުހުމަތެއް އޮވެއްޖަ ނަމަ އޭސީސީގެ ބައިވެރިވުމެއް ނެތި ވެސް އެ މައްސަލަ ފުލުހުންނަށް ބެލިދާނެ ކަމަށެވެ. އެ ގޮތަށް ވިދާޅުވީ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގަ އެވެ. މައްސަލަ ބެއްލެވި އެހެން ފަނޑިޔާރުން ވަނީ އެ ރައުޔަށް ތާއީދު ކުރައްވައިފަ އެވެ.
އެހެން އިދާރާތަކުގެ ބާރު ހިނގާ ތަހުގީގުތަކުގައި އެ އިދާރާއެއްގެ ބައިވެރިވުން ނެތި އެ މައްސަލައެއް ފުލުހުންނަށް ނުބެލޭނެ ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް މީގެ ކުރިން ނިންމައިފައިވެ އެވެ.
ޝަމްއާން ހައްޔަރު ކުރީ، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން އޭނާ މާޗް 20، ގައި ވަކި ކުރުމަށްފަހު ޖެހިގެން އައި ދުވަހެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ބިދޭސީއަކު ހިފެހެއްޓުމަށްފަހު އޭނާގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުމެވެ.
އެކަމަކު، ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. ޝަމްއާންގެ މައްސަލައަކަށްވީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެ އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް އެކަނި ތަހުގީގު ނުކުރެވޭނެ: ސުޕްރީމް ކޯޓު ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް އެކަނި ތަހުގީގު ނުކުރެވޭނެ: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ