އަންގާރަ ދުވަހު (17 މެއި) ދެކުނު ގާޒާގެ ޚާން ޔޫނިސްގައި ކާބޯތަކެތީގެ އެހީ ހޯދުމަށް އެއްވެފައިވާ ބަޔަކަށް އިސްރާއީލު ޓޭންކުތަކުން ހަމަލާދިނުމުގެ ސަބަބުން މަދުވެގެން 59 ފަލަސްތީނު މީހުން ޝަހީދުވެ، 221 މީހުން ޒަޚަމްވިކަމަށް އެރަށުގެ ސިއްހީ މަސައްކަތްތެރިން ބުނެފައިވެއެވެ. މީގެ ތެރެއިން ގިނަ ބަޔަކު ވަނީ ނުރައްކާތެރި ހާލަތެއްގައެވެ. މި ހަމަލާއަކީ މެއި މަހު އެހީ ފޯރުކޮށްދިނުން އަލުން ފެށުނު ފަހުން ހިނގި އެންމެ ލޭ އޮހޮރުވުން ބޮޑު ހާދިސާއެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އެހީގެ ޓްރަކެއްގެ ކައިރިއަށް އެތައް ހާސް ބަޔަކު އެއްވެފައި ތިއްބާ ކުއްލިއަކަށް އިސްރާއީލު ޓޭންކުތަކުން ދެ ހަމަލާއެއް އެ ތަނަށް ދިނެވެ. މީޑިއާގައި ފެތުރުނު ވީޑިއޯތަކުން މަގުމަތީގައި ހަށިތައް ކުދިކުދިވެފައިވާ މަންޒަރު ފެނުނެވެ. ޒަޚަމްވި މީހުން ނާސަރު ހޮސްޕިޓަލަށް ގެންދިޔައީ ކާރުތަކާއި، ރިކްޝޯތަކާއި، އަދި ހިމާރު ގާޑިއާތައް ބޭނުންކޮށްގެންެންނެވެ.
އިސްރާއީލު ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނެފައިވަނީ ހުއްޓިފައި އޮތް އެހީގެ ޓްރަކަކާ ދިމާއަށް އައި ބަޔަކަށް ހަމަލާއެއް ދިންކަމަށާއި، މި ހާދިސާ މިހާރު ތަޙްޤީޤުކުރަމުންދާ ކަމަށެވެ. ”އާންމު ރައްޔިތުންނަށް ލިބޭ އެއްވެސް ގެއްލުމަކަށް އައިޑީއެފްއިން ހިތާމަކުރަމެވެ.“ އެ ބަޔާނުގައި ބުނެފައިވެއެވެ.
ގާޒާ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ދުވަހު އިސްރާއީލުގެ ވައިގެ ހަމަލާތަކުން އެހެން ތަންތަނުގައި މަދުވެގެން 14 މީހުން ޝަހީދުވެފައިވެއެވެ. މިއާއެކު އަންގާރަ ދުވަހު ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 73 އަށް އަރައެވެ. މިނިސްޓްރީގެ މަޢުލޫމާތުން ދައްކާ ގޮތުގައި މެއި މަހުގެ ފަހުކޮޅުން ފެށިގެން ކާބޯތަކެތީގެ އެހީ ހޯދަން މަސައްކަތްކުރަމުންދިޔަ 397 ފަލަސްތީނު މީހަކު ޝަހީދުވެ، 3،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ އެމެރިކާ އާއި އިސްރާއީލުގެ އެހީތެރިކަމާއެކު ހިންގާ ގާޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ ސަރަޙައްދެއްގައެއް ނޫނެވެ. އެހެންނަމަވެސް، މި ހާދިސާ ހިނގާފައިވަނީ އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމްގެ ސަރަޙައްދަކާ ކައިރީގައެވެ. އދ. އިން ޖީއެޗްއެފްގެ ޖަމިއްޔާއަށް ފާޑުކިޔާފައިވަނީ އެއީ ރައްކާތެރިކަން ނެތް އަދި ސިޔާސީ ގޮތުން އޮޅުވާލެވިފައިވާ ކަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް އިސްރާއީލުން ބުނާ ގޮތުގައި މި ޖަމިއްޔާއިން ހަމާސްއަށް ލިބޭ އެހީ ހިފެހެއްޓުމަށް މަގުފަހިވެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ގާޒާގައި އިންސާނީ ހާލަތު އިތުރަށް ދަށް ވަމުންދާ ދަނޑިވަޅެއްގައެވެ. ގާޒާގެ 2.3 މިލިއަން އާބާދީގެ ގާތްގަނޑަކަށް އެންމެން ވަނީ ނިކަމެތިވެފައެވެ. އަދި ބަނޑުހައިހޫނުކަން ވަނީ އާންމުވެފައެވެ. މި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއިން ދިން ހަމަލާއެއްގައި 1،200 އިސްރާއީލު މީހުން މަރުވުމާ ގުޅިގެންނެވެ. އޭގެ ފަހުން މިހާތަނަށް ގާތްގަނޑަކަށް 55،000 ފަލަސްތީނު މީހުން ޝަހީދުވެފައިވާކަމަށް އެތަނުގެ އިދާރާތަކުން ބުނެއެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male‘ Maldives© Copyright 2020, Dhuvas.mv, All Rights Reserved
ގާޒާގައި އެހީ ހޯދަން އެއްވެފައި ތިބި ބަޔަކަށް އިސްރާއީލު ޓޭންކުން ހަމަލާދީ 59 މީހަކު ޝަހީދުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ