ދުންފަތުގެ ބިލު ބަލައިގަނެ، ވަގުތީ ކޮމިޓީއަކަށް ފޮނުވައިފި
ފަހުގެ ޖީލަށް ދުންފަތް މަނާކުރަން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެ މައްސަލަ ދިރާސާކުރަން ވަގުތީ ކޮމިޓީއަކަށް މިއަދު ފޮނުވައިފިއެވެ. ބިލު ބަލައިގަތުމާ މެދު މިއަދު ނެގި ވޯޓުގައި 61 މެންބަރުން ވަނީ ބިލު ބަލައިގަންނަން ވޯޓު ދީފައެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ އަބްދުލް ގަފޫރު މޫސާ (ގަޕޯ) އެކަންޏެވެ. ބިލު ބަލައިގަތުމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ވަނީ އެ މައްސަލަ ވަގުތީ ކޮމިޓީއަކަށް ފޮނުވަން ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. ދާއިމީ ކޮމިޓީއެއްގެ ބަދަލުގައި ވަގުތީ ކޮމިޓީއަކަށް ފޮނުވަން ނެގި ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ ތެރެއިން 63 މެންބަރުން ވަނީ ވަގުތީ ކޮމިޓީއަކަށް މައްސަލަ ފޮނުވަން ތާއީދުކުރައްވައިފައެވެ. އެ ކޮމިޓީގައި ހިމަނަން ނިންމި މެންބަރުން: މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ކާށިދޫ ދާއިރާގެ މެންބަރު މުހައްމަދު މުންތަޒިމް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަގުތީ ކޮމިޓީގައި ހިމަނާނެ މެންބަރުންގެ ނަންތައް ފާސްކުރަން ނެގި ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން ނަންތަކާ ދެކޮޅަށް ވޯޓުދެއްވީ އެންމެ ތިން މެންބަރުންނެވެ. އެހެންވެ، 63 މެންބަރުންގެ ވޯޓުން އެ ކޮމިޓީއަށް އައްޔަންކުރަން ހުށަހެޅި ނަންތައް ވަނީ ފާސްކޮށްފައެވެ. https://sun.mv/205370 ގާނޫނުގައި ހިމަނަން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ޖަނަވަރީ އެކެއް، 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ. އެ އިސްލާހުގައި ބުނެފައިވަނީ، ދުންފަތުގެ ބާވަތެއް ގަންނަނީ ކާކުކަން ނޭނގޭ ފަދަ ގޮތަކަށް ވެންޑިން މެޝިނަކުން ނުވަތަ އޮންލައިންކޮށްނާއި ޕޯސްޓް މެދުވެރިކޮށް ވެސް ވިއްކައިގެން ނުވާނެ ކަމަށެވެ. އެހެންވެ، އިސްލާހުގައި ވާގޮތުން ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ އުމުރުން 21 އަހަރުވެފައިވާ އަދި ޖަނަވަރީ 1، 2007ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. އަދި، ދުންފަތުގެ ބާވަތެއް ގަންނަ މީހެއްގެ އުމުރު ޔަގީންނުވާނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެ ނޫން ވެސް އުމުރު އަންގައިދޭ ރަސްމީ ލިޔެކިޔުމަކުން އުމުރު ޔަގީންކުރަން ވެސް ގާނޫނުން ވަނީ މަޖުބޫރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ