ރަނިންމޭޓަކަށްވުމަށް ހުށަހެޅީ، ސުޕްރީމް ކޯޓުގައި ޔާމީންގެ ޝަރީއަތުގެ ތެރެއިން: ސެމްބެ

ރިޔާސީ އިންތިޚާބުގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރަނިން މޭޓަކަށް ވުމަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ، ކޯލިޝަން ލީޑަރު ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަޑުއެހުމެއްގެ ތެރެއިންކަމަށް އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ. ޕީއެސްއެމްއިން ގެެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެ މަނިކުފާނަށް ރަނިންމޭޓުކަން ހުށަހެޅުއްވި ދުވަހުގެ ކުރީ ރޭގައި ޒުވާނުން އިސްކުރެއްވުމުގެ ވާހަކަފުޅުތަކެއް ޑރ. މުއިއްޒު އެ މަނިކުފާނާ ދެއްކެވިކަމަށެވެ. "އަޅުގަނޑު ހަމަ ހިތަކަށް ވެސް ނާރާ. އަޅުގަނޑު އުންމީދުކުރި ކަމެއް ވެސް ނޫން އެ ހިސާބަށް އައިއިރު ވެސް މިއީ. ވިދާޅުވީ ތިމަންނާ އެންމެ އިސްކަމެއް ދެއްވާނީ ގައުމުގެ ޒުވާނުންނަށޭ. ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމުގައި ޒުވާނުންގެ ވޯޓު ހޯދުމުގައި ތިމަންނާ ބޭނުންވާނީ އެ ކަންތައްތަކޭ، ބަލައިގަންނާނެ ކަންތައްތަކެއް އެބަހުއްޓޭ. އެހެންވީމާ އެ ކަންކަން ވިއްކުމަށް ޓަކައި ޒުވާން ފޭސްއެއް ތިމަންނާ، އައު މޫނެއް ވާހަކައަކީ ތިމަންނާ ދައްކައިލަން ބޭނުމޭ،" ސެމްބެ ވިދާޅުވިއެވެ. އޭގެ ޖެހިގެން އައި ދުވަހު ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ އަޑުއެހުމެއް އޮތްއިރު، އެ އަޑު އެހުން މެދުކަނޑައިލި ވަގުތު، ޑރ. މުއިއްޒު، ސެމްބެއަށް ރަނިންމޭޓުކަން ހުށަހެޅުއްވީކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި ތިއްބެވީ ސީދާ ކޮން އަޑުއެހުމެއްގައި ކަމެއް އެ މަނިކުފާނު ސާފުކޮށް ވިދާޅުވެނުލައްވައެވެ. "ތިމަންނަ ވަރަށް ބޮޑު އެދުމެކޭ، ސެމްބެއަށް މި ކަން ކުރެވޭނެކަން މި ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތިމަންނައަށް ސާބިތުވެގެން ގޮސްފިއޭ، މި ކަން ތިމަންނައައިގެން ކުރިއަށް ދާންވީނޫންހޭ އަދި ރައީސް ޔާމީން ވެސް އެބަ އެދިލައްވައޭ ތިމަންނާ އަރިހުގައި ޒުވާނުންގެ ވޯޓަށް ވެސް ޓާގެޓްކުރުމަށް،" ސެމްބެ ވިދާޅުވިއެވެ. އެ ހުށަހެޅުމާއެކު ގޮތެއް ނިންމުމަށް ލިބިވަޑައިިގަތީ މަދު ވަގުތުކޮޅެއްކަމަށް ވެސް ސެމްބެ ވިދާޅުވިއެވެ. އެއާއެކު އެ މަނިކުފާނުގެ ބައްޕައަށް ގުޅުއްވައި، ބައްޕަގެ ލަފާ ހޯއްދެވީކަމަށް ވިދާޅުވިއެވެ. "ބައްޕަ ހަމަ ވަރަށް ސާފުކޮށް ވިދާޅުވީ ކުރިއަށް ދާށޭ،" އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ އިންތިޚާބުވުމާ ހަމައިން ޑރ. މުއިއްޒު ދެކެދެނެވަޑައިގެން، ވާހަކަފުޅުދައްކަވަން ފެށުނު ކަމަށެވެ. އެހެންކަމުން އެ މަނިކުފާނުގެ ހިންގުންތެރިކަމާއި މަސައްކަތްތައް ވަަރަށް ގާތުން ފެނިވަޑައިގެންނެވިކަމަށް ސެމްބެ ވިދާޅުވިއެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ކުރެއްވުމުގައި އެ މަނިކުފާނަށް ޑރ. މުއިއްޒުގެ ފަރާތްޕުޅުން އެހީތެރިކަން އަބަދުވެސް ލިބިވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ. "އެހެންކަމުން އެ މަނިިކުފާނުގެ މިޒާޖާއި އެ މަނިކުފާނުގެ ބައްޓަންކުރައްވަމުން އައި ސިޔާސަތުތަކަކީ އަޅުގަނޑަށް ވަރަށް ކަމުދާ ވަރަށް ރަނގަޅު ސިފަތަކަކަށް ވެގެންދިޔަ،" އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ޑރ. މުއިއްޒާއެކު މަސައްކަތްކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ. އަދި ޑރ. މުއިއްޒަށް އިޚްލާސްތެރިވެވަޑައިގަންނަވާނެކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ