ވެރިކަމުގެ ބާރުވެރިކަން ހޯދަން ނިޒާމު ބަދަލުކުރަން އުޅުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: ގާސިމް

‏ދިވެހި ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާއަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު އިންތިހާބު ކޮށްފައި ވަނިކޮށް، ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި، ވެރިކަމުގެ ނިޒާމު ކުއްލި އަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މި މަހުގެ 30ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ.
އެކަމާ ގުޅިގެން ގާސިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބީ ރައީސް އާއި ނާއިބު ރައީސް މަގާމުގެ ހުވާކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮންނިޒާމަކުންތޯ ބެލުމަށް އަލުން ނިޒާމެއް ވޯޓެއް ނެގުމަކީ ގާނޫނުއަސާސީގެ ރޫހާއި ހިލާފު އަދި ބައިނަލްއަގުވާމީ މުޖުތައުގައި އަމަލު ކުރާ އުސޫލުތަކާވެސް މުޅީން ހިލާފު ކަމެއް ކަމަށާއި އެއީ މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން އަމަލުކޮށްފައިވާ ގޮތެއްވެސް ނޫން ކަމަށެވެ.
ގާސިމު އިތުރަށް ވިދާޅުވީ، ވަކި ގޮތެއް ހާސިލުކުރުމަށް އެފަދަ ވޯޓެއް ނެގުމަކީ ދިވެހި ގައުމުގެ ސިޔާސީ، އިޖުތިމާއީ އަދި އިގުތިސާދީ ހަމަޖެހުން ގެއްލި ފަސާދައަށް މަގުފަހިވެގެންދާނޭ ކަމެއް ކަމަށާއި އެފަދަ ދަނޑިވަޅެއްގައި އެފަދަ ވޯޓެއް ނެގުމަށް ކުރާ މަސައްކަތުގެ ސަބަބުން ގައުމުގައި އުފެދިގެންދާނީ، ފިތުނައާއި ފަސާދަ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން މުޅި ގައުމާއި ރައްޔިތުންނަށް ލިބިގެންދާނޭ ނިކަމެތިކަން ކަމަށާއި އެހެންކަމުން މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
“‏ކަން މިހެން އޮތުމާއެކު މި މަހުގެ 30 ވަނަ ދުވަހު ރާއްޖޭގައި ވެރިކަމުގެ ނިޒާމާމެދު އިލްކްޝަންސް ކަމިޝަން މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކި ޕާޓީއަކުން ތިމާމެނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާ ނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާއެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން މިއުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުކުރާނޭ ވޯޓެއް ނޫންކަން އަދި ތާއީދު ކޮށްގެންވާނޭ ވޯޓެއް ނޫން ކަން އަޅުގަނޑު ފުރިހަމައަށް ގަބޫލު ކުރަމެވެ.،” ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވި ގާސިމް އިތުރަށް ވިދާޅުވީ، ގައުމުގެ ހަމަޖެހުމާއި ކުރިމަގަށްޓަކައި ވެރިކަމުގެ ބާރުތައް ރައްޔިތުން އިންތިހާބު ކުރެއްވި ފަރާތްތަކާއި ހަވާލުކޮށް، އަމާންކަމާއި އޮމާންކަމާ އެކު ގައުމައިގެން ކުރިއަށް ދިއުމަކީ، މިއަދު ދިވެހި ގައުމުގެ ހައްގުގައި އެންމެ އިސް ވާޖިބު ކަމަށެވެ.
ގާސިމް ވަނީ ގައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރާ ވަކާލާތު ހުއްޓާލައި މުޅި ގައުމުގެ ހަމަޖެހުމަށްޓަކައި، ގައުމު އިސްކޮށް ގައުމައިގެން ކުރިއަށް ދިއުމަށް ގޮވާލައިފަ އެވެ.
އަދި ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކުން ދިވެހިންނަށް ލިބޭނޭ އިތުރު އެއްވެސް މަންފާއެއް ނެތް ކަމަށާއި ބަރުލަމާނީ ނިޒާމަކުން ފައިދާ ވާނީ މަޖިލިސް މެންބަރުންނާއި މަދު ވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތަށާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް އައްޔަންކުރެވޭ މެންބަރުންނަށާއި ސަރުކާރު ހިންގުމަށް ހަވާލު ކުރާ ފަރާތްތަކަށް ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ