ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަކޮށްފެން 300 ފްލެޓް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއުލާން ކުރައްވާފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން އިމާރާތްކުރާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތައް ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ ކުރެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.ސަރުކާރުން އެންމެފަހުން އިއުލާންކުރެއްވި ސްކީމްތަކުގެ ދަށުން މާލެ ސަރަހައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.ހައުސިންގ މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 6000 ފްލެޓްގެ ތެރެއިން 300 ފްލެޓް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވެފައިވާ މުވައްޒަފުންނަށް މި ފްލެޓްތަކަށް ކުރިމަތިލެވޭނެކަމަށާއި އެކަމާ ގުޅޭ އުސޫލު މިރޭގެ ވަގުތެއްގައި އާންމުކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ.ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފްލެޓްތަކެއް ދޭން ނިންމާފައިވާއިރު، މިއީ އެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މިފަދަ ސްކީމަކަށް ކުރިމަތިލާން ހުޅުވާލި ފުރަތަމަ ފަހަރެވެ.މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދައިދެއްވުމަށް، މި ސަރުކާރުން ފެއްޓެވި ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ސްކީމަކީ ފަހުގެ ތާރީޚެއްގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ އެއް މަޝްރޫޢެވެ. މި ސްކީމްގެ ފުރަތަމަ ބުރުގެ 19639 މީހަކަށް 9001 ގޯތި  ދިނުމަށާއި އަދި ފްލެޓަށް ހުށައެޅި 20000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ޝަރުތު ހަމަވާ 13000 އަށްވުރެ ގިނަ މީހުންނަށް ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ