އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިސްކަންދަރާއި ގިޔާސުއްދީން އަދި ވިލާއިން ހޯދައިފި

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށާއި، 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލުން ހޯދިއިރު، 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި 19 ވަނަ އަހަރުން ދަށުގެ ސީނިއާ ބައިގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ސްކޫލުން ހޯދައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ފައިނަލްތައް ކުޅެފައިވާ އިރު، މިފަހަރުގެ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގައި 19 ސްކޫލަކުން 46 ޓީމް ވާދަކުރިއެވެ. އެންމެ ފުރަތަމަ ކުޅުނު 13 އަހަރުން ދަށުގެ ތަށި އިސްކަންދަރުން ހޯދީ ފައިނަލުގައި ރެހެންދި ސްކޫލް ބަލިކޮށްގެންނެވެ. ފައިނަލް މެޗު އިސްކަންދަރުން ކާމިޔާބުކުރީ 28-21 އިންނެވެ.
އެއުމުރުފުރާގެ ކުއީން އޮފް ދަ ސީރީސްއަށް ހޮވުނީ އިސްކަންދަރު ސްކޫލްގެ ސޯފިއާ އަބްދުﷲ އިބްރާހިމެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ސޯފިއާއެކު ދެން ހިމެނުނު ކުޅުންތެރިންނަކީ އިސްކަންދަރުގެ އައިޝަތު މަލީކާ ޒަމީރު، އައިޝަތު ކަރިން ސައިޒާން، ރެހެންދި ސްކޫލްގެ އައިޝަތު އީލިޔާ ބިންތި މުހައްމަދު، ބަލްގީސް މުހައްމަދު ރަމީޒްގެ އިތުރުން ގިޔާސުއްދީންގެ ސާރާ މުހައްމަދު ހަލީލް އާއި ކައިނަ ޔުނާލް ނަދީމެވެ.
ފަނަރަ އަހަރުން ދަށުގެ ޗެމްޕިއަންކަން ގިޔާސުއްދީނުން ހޯދީ ފައިނަލުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް 29-23 އިން ބަލިކޮށްގެންނެވެ. ވިލާ 19 އަހަރުން ދަށުގެ ފައިނަލްގައި ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ބަލިކުރި އިރު، 15 އަހަރުން ދަށުގެ ކުއީން އޮފް ދަ ސީރީސް އަށް ހޮވުނީ ގިޔާސުއްދީންގެ މަރިޔަމް މަލާކް މުހައްމަދު ޝިފާނެވެ.
އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ވެސް މަލާކް ހިމެނެއެވެ. ބެސްޓް ސެވަންގައި ދެން ހިމެނޭ ކުޅުންތެރިންނަކީ ގިޔާސުއްދީންގެ އައިޝަތު މަލާއިކާ އަލީ، ލައިކާ ޝާމިން، އަހުމަދިއްޔާގެ ޒީކް އިސްމާއިލް މުހައްމަދު، އައިޝަތު އައިނީ އާމިރު، އިސްކަންދަރުގެ ސާރާ ޒާޝާ ޒަކަރިއްޔާ އަދި ހިރިޔާ ސްކޫލްގެ އަލީޝާ ނޫރުލް ސޮބާހެވެ.
ނަވާރަ އަހަރުން ދަށުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޗެމްޕިއަން ވިލާގެ އާމިނަތު އައިނީ، އައިޝާ އީނާލް ޝާމިން ތައުފީގް، ޒީނާ އަހުމަދުގެ އިތުރުން ސީއެޗްއެސްއީގެ އައިޝަތު ޝާޔާ ފަސާހު، ހައްވާ މާހާ ނާޒިމް އީޝާލް އަބްދުﷲ ޖަމީލް އަދި އަހުމަދިއްޔާގެ މަލަކް އިސްމާއިލް މުހައްމަދު އެވެ.
17 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރުން ހޯދީ ފައިނަލުގައި ގިޔާސުއްދީން އަތުން މޮޅުވެގެންނެވެ. އިސްކަންދަރު މޮޅުވީ 53-43 ގެ ސްކޯއަކުންނެވެ.
އެއުމުރުފުރާގެ ކުއީން އޮފް ދަ ސީރީސް އަށް ހޮވުނީ އިސްކަންދަރު ސްކޫލްގެ ފާތިމަތު ޒާހީ ޒިޔާދުﷲ އެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައިވެސް ޒާހީ ހިމެނެއެވެ. ދެން ހިމެނޭ ކުޅުންތެރިންނަކީ އިސްކަންދަރުގެ އައިޝަތު އީޝަލް އަލީ، އައިޝަތު އުލްޔާ އަލީ، ގިޔާސުއްދީންގެ ޝިބާ ހުސައިން ސުހައިލް، މަރިޔަމް ސާރާ އިސްމާއިލްގެ އިތުރުން ހިރިޔާގެ އައުޝާ ނޫރުލް ސޮބާހު އަދި ތާޖުއްދީން ސްކޫލްގެ އީޝަލް މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ