ފަސޭހައިން ނީސް ބަލިކޮށް ޕީއެސްޖީ އަލުން އެއް ވަނަ އަށް ފަސޭހައިން ނީސް ބަލިކޮށް ޕީއެސްޖީ އަލުން އެއް ވަނަ އަށް

ޕެރިސް (މާޗް 22) - ފްރެންޗް ލީގުގައި ރޭ ނީސް 4-0 އިން ބަލިކޮށް ޕީއެސްޖީން އަލުން ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ޕީއެސްޖީން މި މެޗަށް ނުކުތްއިރު، އެއް ވަަނައިގައި އޮތީ ހުކުރު ދުވަހުގެރޭ އެންޖާސް އަތުން މޮޅުވި ލޯންސް އެވެ. އެކަމަކު، ރޭގެ މެޗުން މޮޅުވެ، ޕީއެސްޖީން ވަނީ ލޯންސް އަށް ވުރެން އެއް މެޗު މަދުންކުޅެގެން ވެސް ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ޕީއެސްޖީ އަށް 26 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލޯންސް އަށް ވަނީ 27 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ.
ރަށުންބޭރުގައި ކުޅުނު ޕީއެސްޖީން ރޭގެ މެޗުގައި ލީޑުނެގީ 42 ވަނަ މިިނިޓްގައި ޕެނަލްޓީ އަކުން ނޫނޯ މެންޑޭސް ޖެހި ގޯލަކުންނެވެ. މިއީ، އޭރިއާތެރެއިން ނީސްގެ މޯގަން ސެންސޮން އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. އަދި، ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު ވަނަ މިިނިޓްގައި ޕީއެސްޖީން ލީޑުފުޅާކުރި އެެވެ. މިއީ، މެންޑޭސް ދިން ބޯޅައަކުން ޑެޒެއާ ޑޫއޭ ޖެހި ގޯލެކެވެ. މެޗުގައި، ނީސް އަށް މައްސަލަ ދިމާވީ 61 ވަނަ މިނިޓްގައި، އެ ޓީމުގެ ޔޫސުފް އެންޑިއަޔަޝިމިޔޭ އަށް ރަތެއް ދެއްކުމުންނެވެ. އެންޑިއަޔަޝިމިޔޭ އަށް ރަތެއް ދެއްކީ ޕީއެސްޖީގެ ލީ ކަންގް އިން އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.
ނީސްގެ ކުޅުންތެރިއަކު މަދުވި ފަހުން، ޕީއެސްޖީން އިތުރު ދެ ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ ޑްރޯ ފެނާންޑޭޒް އާއި ވަރެން ޒައިރް-އެމެރީ އެވެ. ކުރިން ބާސެލޯނާ އަށް ކުޅުނު ޑްރޯ ލަނޑު ޖަހަން ފުރުސަތު ހޯދައިދިނީ އޮސްމާން ޑެމްބެލޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ