ހިތުގެ ބަލިތައް ޖެހުމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ތަފާތެއް ހުރި ކަމަށް މީގެ ކުރީގެ ދިރާސާތަކުން ވަނީ އެނގިފައެވެ. ބައެއް ދިރާސާތައް ބުނާ ގޮތުގައި އެކަމުގެ ނުރައްކާ ފިރިހެނުންނަށް ވުރެ ބޮޑީ އަންހެނުންނަށެވެ.
ނަމަވެސް މި ފަހުގެ ދިރާސާއެއްގައި ބުނެފައިވާ ގޮތުން ދެ ޖިންސުގެ މީހުންނަށް ހިތުގެ ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑު އުމުރުފުރާތަކަށް ވިސްނާއިރު، ތަންކޮޅެއް ޅަ އުމުރުގައި ފިރިހެނުންނަށް އެ ނުރައްކާ ބޮޑެވެ. ފިރިހެނުންނަށް މި ނުރައްކާ ބޮޑުވާން ފަށަނީ އެމީހުންގެ އުމުރުން ގާތްގަނޑަކަށް 35 އަހަރުގައި ނުވަތަ އެއަށް ވުރެ މައްޗަށް ދިޔުމުންނެވެ.
އެމެރިކަން ހާޓް އެސޯސިއޭޝަންގެ ޖާނަލްގައި އާންމުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މި ދިރާސާ ހަދާފައިވަނީ 5000 އަށް ވުރެ ގިނަ މީހުންގެ ސިއްހީ މައުލޫމާތުތައް، އެމީހުންގެ އެންމެ ކުޑައިރުން ފެށިގެން ދިރާސާކޮށް އަޅައިކިޔައިގެންނެވެ. ޖިންސުގެ ތަފާތުން އުމުރުފުރައަށް ބަލާއިރު، އަންހެނުންނަށް ވުރެ ހަތް އަހަރު ކުރިން، ހިތުގެ ބަލި ޖެހުމުގެ ނުރައްކާތައް ފިރިހެނުންނަށް ކުރިމަތިވެއެވެ.
އެހެންކަމުން، އަންހެނުން ވެސް އަދި ފިރިހެނުން ވެސް ޒުވާން ދުވަސްވަރުން ފެށިގެން ހިތުގެ ސިއްހަތާ މެދު ހާއްސަ ސަމާލުކަމެއް ދީ، ހިތުގެ ދުޅަހެޔޮކަމަށް އަންނަ ބަދަލުތައް ދެނެގަތުން މުހިންމު ކަމަށް ދިރާސާ ޓީމުން އިރުޝާދު ދެއެވެ. ބައެއް ދިރާސާތަކުގައި ބުނެފައިވާ ގޮތުން، ހިތުގެ ބައްޔެއް ޖެހުމުގެ ނުރައްކާތަކާ ކުރިމަތިވާ އުމުރުފުރާގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު 10 އަހަރުގެ ތަފާތެއް ހުރެއެވެ. ނަމަވެސް މީގެ މާނައަކީ އަންހެނުންނަށް ހިތުގެ ބައްޔެއް ޖެހުމުގެ ނުރައްކާ ކުޑަވުމެއް ނޫނެވެ.
އާންމު ގޮތެއްގައި ހިތުގެ ބަލި (cardiovascular disease) ކަމުގައި މާނަކުރަނީ ހިތަށް ނުވަތަ ހިތާ ގުޅިފައިވާ ލޭހޮޅިތަކަށް އަދި ބައެއް ހާލަތުގައި މި ދެ ބަޔަށް ވެސް ނުރައްކާތެރި ހާލަތެއް މެދުވެރިވުމަށެވެ. މި ހާލަތު މެދުވެރިވަނީ، ހިތުގެ މަސްތަކަށް ލޭ ފޮނުވައިދޭ ލޭހޮޅިއެއްގެ ތެރޭގައި ގަނޑުލޭކޮޅެއް އުފެދިގެން ނުވަތަ ލޭހޮޅި ތެރޭގައި ސަރުބީ ޖެހުމުގެ ސަބަބުން ލޭހޮޅިއެއް ބެދުމުގެ ސަބަބުންނެވެ.
މީގެ އިތުރުން ހިތުގެ އެހެން ބަލިތައް ކަމަށްވާ ހިތް ހުއްޓުން (heart failure) އަދި ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުރިމަތިވުމުގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު އުމުރުގެ މާ ބޮޑު ތަފާތެއް ނެތް ކަމަށް މި ދިރާސާގައި ބުނެފައިވެއެވެ. ޖުމްލަ ގޮތެއްގައި ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ކުރިމަތިވާ އުމުރުފުރައަށް ބަލާއިރު، 30 އަހަރުން ދަށުގައި ދެ ޖިންސުގެ މީހުންނަށް ވެސް އެ ނުރައްކާ އޮތީ ދާދި އެއް ވަރަކަށެވެ.
ނަމަވެސް އުމުރުން 35 އަހަރުން މައްޗަށް ދިއުމުން، ފިރިހެނުންގެ ކިބައިގައި މި ނުރައްކާ ވަރަށް ބޮޑަށް އިތުރުވެއެވެ. އަދި އުމުރުން 50 އަހަރު ވުމުން، 10 އަހަރުގެ ތެރޭގައި ހިތުގެ ބައްޔެއް ޖެހުމުގެ ނުރައްކާ ހަ އިންސައްތަ ފިރިހެނުންނަށް އޮވެއެވެ. އަންހެނުންގެ މި ނިސްބަތަކީ ތިން އިންސައްތައެވެ. ދިރާސާގައި އަޅާކިޔާފައިވާ މައުލޫމާތުތައް ހެކިދޭ ގޮތުން، އުމުރުން ގާތްގަނޑަކަށް 50 އަހަރަށް ދާއިރު، ފަސް އިންސައްތަ ފިރިހެނުންނަށް ހުންނަނީ ހިތުގެ ބައްޔެއް ޖެހިފައެވެ. ނަމަވެސް އަންހެނުންގެ ތެރެއިން ފަސް އިންސައްތަ އަންހެނުންނަށް ހިތުގެ ބައްޔެއް ޖެހެނީ އުމުރުން 57 އަހަރުގައި ނުވަތަ އެއަށް ވުރެ މައްޗަށް ދިއުމުންނެވެ.
ދިރާސާ ޓީމުން ބުނި ގޮތުގައި ދެ ޖިންސުގެ ތަފާތާއި އުމުރުފުރައަށް ބަލާއިރު، ހިތުގެ ބަލިތައް ޖެހުމުގައި މި ތަފާތުތައް ފާހަގަކުރެވެނީ، ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ ކަންތައްތަކުގެ ސަބަބުން އެކަނި ކަމަށް ނުބެލެވެއެވެ. އެފަދަ ކަންތަކުގެ ތެރޭގައި މީހާގެ ލޭގެ ޕްރެޝަރާއި ކޮލެސްޓެރޯލްގެ މިންވަރާއި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު ހިމެނެއެވެ. މީގެ އިތުރުން އެމީހެއްގެ އިޖްތިމާއީ ހާލަތާއި ހާސްކަމާއި ކަންބޮޑުވުން ތަހައްމަލުކުރާ ނިސްބަތާއި އަންހެނުންނާއި ފިރިހެނުންގެ ހަށިގަނޑުގައިވާ އުފެދުމުގެ ތަފާތު ވެސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ސައެންސްވެރިން ބުނެއެވެ.
ދެޖިންސުގެ އުމުރުގެ ތަފާތުން، ކެންސަރު ޖެހުމުގެ ނުރައްކާ ކުރިމަތިވުމުގައި ތަފާތުތަކެއް ހުރި ކަމަށް ދިރާސާއިން ދެއްކިޔަސް، ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކަލަށް އަންހެނުން ހުށަހޮޅިގެންދާ އެހެން ކަންތަކެއް ވެސް ހުރެއެވެ. އޭގެ ތެރެއިން އެއް ކަމަކީ، އިއްދައިން ކެނޑުމެވެ. ބައެއް ހާލަތުގައި، މި އުމުރަށް އަންހެނުން ދިޔުމުން ހިތުގެ ބައްޔެއް ޖެހުމުގެ ނުރައްކާ، ފިރިހެނުންނަށް ވުރެ ވެސް އަންހެނުންނަށް ބޮޑެވެ.
ތިރީހުން މަތިވީމާ ފިރިހެނުންނަށް ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑު ތިރީހުން މަތިވީމާ ފިރިހެނުންނަށް ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ