'ހަވީރު'ގެ 'މީހުން' ކޮލަމުން
1 މާޗު 1996
"ފުޓްބޯޅަ ކުޅެން ސަމާލުކަން ދޭވަރަށް ދީނީ އަޅުކަންތަކަށް ވެސް އިސްމާއިލް ޒަރިޔަންދު ފަރުވާ ބަހައްޓަ އެވެ. އަހަރެމެންނަށް އޭނާގެ ވަރަށް ބޮޑު ކަމެއްގެ ވާހަކަ މިހާރު ވަނީ އެނގިފަ އެވެ: ހައްޖަށް ދިއުމެވެ. އެކަމަކު މި އަހަރަކު ނޫނެވެ. އަންނަ އަހަރު އެވެ."
ޒަރިއަންދުގެ އުމުރަކީ އޭރު އެންމެ 26 އަހަރެވެ. ރާއްޖޭގައި އެވަގުތު ހުރި އެންމެ މޮޅު އެއް ގޯލްކީޕަރެވެ. ޒުވާން އުމުރުގައި ހައްޖަށް ދިއުމަކީ އެ ޒަމާނުގައި އާންމު ކަމެއް ނޫނެވެ. އެހެންވެ މަޝްހޫރު ޒުވާނަކު ހައްޖަށް ދާން އުޅޭކަން އެނގިއްޖެ ނަމަ، ބައެއް ފަހަރަށް، ނޫހަށް އަރަ އެވެ.
މީގެ 30 އަހަރު ކުރިން ޒަރިޔަންދުގެ ދިރިއުޅުމުގެ ޒާތީ ފަަރާތުގެ އެ ވާހަކަ ލިއުނީ އެއީ އޭރަށް ބޮޑު ކަމަކަށް ވެގެންނެވެ. އޭނާ ހައްޖަށް ދާން ގަސްދުކުރުމުގެ އިތުރުން ބައެއް ރައްޓެހިންގެ ކައިރީގައި ބުނި އެހެން ވާހަކައެއް ވެސް ލިއުނެވެ: މުއްސަނދިވުމުގެ ވިސްނުން ނުހުންނަ ކަމެވެ.
"އަހަރެން ބޭނުމެއް ނޫން މާ ބޮޑަށް މުއްސަނދިވެގެން އުޅޭކަށެއް،" އޭނާ ބުނި ކަމަށް، 'މީހުން' ކޮލަމްގައި އެ ދުވަހު ލިއުނެވެ.
އަސްލު ވީ މިހެންނެވެ: އޭރު ރޭވި ގޮތަށް، ޒަރިޔަންދަށް ހައްޖަކަށް ނުދެވުނެވެ. އޭގެ ބަދަލުގައި ހައްޖަށް ފޮނުއްވީ އޭނާގެ އެންމެ ގާތް އެކަމަކު އަބަދުވެސް ބަލިކޮށް އުޅުނު ރައްޓެއްސެކެވެ. އެ ރަހުމަތްތެރިޔާ ހައްޖަށް ގޮސް އައިތާ މަދު އަހަރުތަކެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.
"އެފަހަރު ނިއުއިން ވިކްޓަރީއަށް ބަދަލުވީމާ އަހަންނަށް ލިބުނު އެޑްވާންސް ފައިސާ. އެ ފައިސާ ދެއްކީ އޭނާ ހައްޖަށް ފޮނުވަން، ނޫނީ ހީވަނީ އަހަންނަށް ދެވޭ ގޮތް ނުވީމާ އޭނާއަށް ބަދަލުކުރީހެން،" ހަނދާންތައް އާކުރައްވަމުން ޒަރިިޔަންދު ވިދާޅުވި އެވެ.
މިއަދު އަޅުގަނޑުގެ ކުރިމަތީގައި އިންނެވީ، ހަގީގަތުގައި، ކުރިން ދަންނަ ޒަރިޔަންދެއް ނޫނެވެ. އެއީ އަމިއްލަ ގޮތުން މިފަހަރު މާލޭގެ މޭޔަރުކަމަށް ނުކުންނަވާ ޒަރިޔަންދެވެ. އެކަމަކު އަޅުގަނޑުމެން ދެ މީހުން އެނބުރުނީ އޭނާގެ މާޒީގެ ތެރެއަށެވެ. 'މީހުން' ކޮލަމުގެ ވާހަކަ ދައްކަމުން އޭނާގެ ހަޔާތުގައި ދަސްކުރި ބައެއް ކަންކަން ކިޔައިދެއްވި އެވެ.
ޒަރިޔަންދަކީ 1986އިން ފެށިގެން އޮޑިޓަރެކެވެ. ސްކޫލް ތައުލީމަށް ފަހު އޭނާ ވެންނެވީ އޮޑިޓް އޮފީހަށެވެ. ފުޓްބޯޅަ އާއި ސަރުކާރުގެ އެ ވަޒީފާ ކުރިއަށް ގެންދެވީ އެކުއެކީގަ އެވެ. ދަނޑު މަތީގައި 'ރުޅިގަަަދަކޮށް' ފެންނަ ޒަރިޔަންދު، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް އޮޑިޓްކުރަން ވަންނަވަނީ ވެސް އެ 'ހަރުކަަށިކަމުގަ' އެވެ.
ސަރުކާރުގެ އޮފީހެއް އޮޑިޓްކުރަން ފުރަތަމަ އޭނާ ފޮނުވި ދުވަހު އެނބުރި ގެއަށް ވަޑައިގަތުމުން މާމަ، އޭރު ގަލޮޅުގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު، ތުއްތުކަމަނަ ކަނބުލޭގެފާނު، ބައެއް ކަންކަން އޮޅުންފިލުވި އެވެ. ކުރީ ކޮން ކަމެެއްތޯ އެވެ. ޒަރިޔަންދު ވިދާޅުވީ އޮފީހެއްގެ ތިޖޫރީ ގުނީ ކަމަށެވެ. ދެން މާމަ އެހީ އެ ވަގުތު ޒަރިޔަންދު އަތުގައި ފައިސާ ހުރިތޯ އެވެ. އޭރު އޭނާގެ އަތުގައި ކުޑަކުޑަ ވޮލެޓެއް އޮތެވެ. މާމަ ބުނީ ތިޖޫރި ގުނަން ދާ ނަމަ އަތުގައި އަމިއްލަ އެއްވެސް ފައިސާއެއް ހުރެގެން ނުވާނެ ކަމަށެވެ.
އެ ދުވަހުން ފެށިގެން، ވިއްސަކަށް އަހަރު ވަންދެން، ވޮލެޓެއް ނުގެންގުޅުއްވަ އެވެ. ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ދަތުރުތައް ފިޔަވަ އެވެ.
"މާމަ އެހެން ބުނީ މިސާލަކަށް ތިޖޫރީގައި ފައިސާ މަދުވެގެން އުޅޭ ގަޑީގައި އޮފީހުގެ މީހާ ބުނެފާނެ ކަލޭ އަތުގައި ތި ހުރީ އެ ފައިސާއޭ. އެކަހަލަ ކަމެއް [އޭރު] ދިމާވެދާނެތީ މާމަ ދިން ނަސޭހަތެއް އެއީ،" ޒަރިޔަންދު ވިދާޅުވި އެވެ.
އޭނާގެ އާދައަކީ މުސާރަ ލިބޭއިރަށް މާމަ އަތަށް ދެއްވުމާއި އަލަމާރިއަށް ލެއްވުމެވެ. އޮފީހަށް ވެންނެވިތާ ދެ އަހަރުގެ ތެރޭގައި ޒަވާޖީ ހަޔާތެއް ފެއްޓެވުމާ އެކު، އޭގެ ފަހުން، މުސާރަ ދެއްވަނީ އަނބިކަނބަލުންގެ އަތަށެވެ.
"ގެއިން ސައިބޯނީ. ހޮޓަލަކުން ސައެއް ނުބޯނެ. ދެން އެންމެން ކިޔާނެ ވަރަށް ދަހިމީހެކޭ. އަސްލު ދަހީކީ ނޫނެއްނު. [އަތުގައި] ރުފިޔާއެއް ނެތެއްނު،" ޒަރިޔަންދު ވިދާޅުވި އެވެ.
އޮޑިޓްކުރުމުގައި ވެސް އޭނާގެ ބައެއް ހަމަތައް ތަފާތެވެ. އޭގެ އެއް މިސާލު ނަގާނަމެވެ.
ހުޅުލޭގައި ލީ ކަނޑުތޮށީގެ ހަރަދުތައް ދެނެގަތުމެވެ. ކަނޑުތޮށި ލަނީ މޫދު އަޑީގައި ސިމެންތިން ހަދާފައި ހުންނަ ތޮށިގަނޑެއްގެ މަތީގައި ގާތައް އަތުރައިގެންނެވެ. ލޮނުގަނޑުގެ މަތިން ފެންނާނީ ގާތަކެވެ. އަޑީގައި ސިމެންތީގެ ތޮށިގަނޑު ހުންނާނީ އެ ހިސާބެއްގެ ފުންމިނަށެވެ.
އެ ކަނޑުތޮށި ލީ އަމިއްލަ ބަޔަކާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތާ ބެހޭ މީހުންނާ އެކު ޒަރިޔަންދު އެ ތޮށިގަނޑު ކައިރިއަށް ވަޑައިގެންނެވީ ދޯންޏެއްގަ އެވެ. ކަނޑު އަޑީގައި އޮތް ތޮށިގަނޑުގެ މިން ނަގަން މީހަކު މޫދުގައި އޮވެ އެވެ. އެ މީހަކު ބުނާ މިނެއް ނޯޓްކުރަނީ އެވެ. އެކަމަކު ޒަރިޔަންދަށް އެގޮތެއް ކަމަކު ނުދިޔަ އެވެ.
"އަހަރެން ބުނީ މަަށޭ މޫދަށް ފައިބާނީ. ގަމީހާ އެއްޗެހި ބާލާފައި މޫނު މަތި ހިފައިގެން މަ ފުންމާލީ. އަޑިއަށް ގޮސް އަމިއްލައަށް އޭގެ މިން ހަމަ ބެލީ،" ޒަރިޔަންދު ވިދާޅުވި އެވެ.
ތޮށިގަނޑުގެ އުސްމިނުގައި ފަސް ފޫޓު ހުރި ކަމަށް ކުރިން ނޯޓުކޮށްފައި އޮތަސް އަމިއްލައަށް މޫދަށް ފައިބައިގެން ބެއްލެވުމުން އެނގިވަޑައިގަތީ، އޭނާ ވިދާޅުވި ގޮތުގައި، ސިމެންތީގެ ތޮށިގަނޑު ދެ ފޫޓަށް ވުރެ އުސް ނޫން ކަމެވެ.
"އެ މަސައްކަތުގައި ބޮޑު ހަރަދެއް ދާނީ ސިމެންތިއާ އެއްޗިއްސަށްތާ. ދެން ވިސްނާލާ ދެ ފުޓޫގެ ބަދަލުގައި ފަސް ފޫޓުގެ ތޮށިގަނޑެއް ކަމަށް ނިންމައިގެން އިތުރަށް ލާރި ނަގާނެ ވަރު،" ޒަރިޔަންދު ވިދާޅުވި އެވެ.
އޭނާއާ އަޅުގަނޑު ސިޔާސީ ވާހަކައެއް ނުދައްކަމެވެ. އެ ވާހަކަ ފަށައިފިއްޔާ، ކެމްޕޭންގެ މި ދުވަސްވަރު، ލައްކަ ގިނަ އަނގަތެޅޭނެތާ އެވެ. އެކަމަކު 'މީހުން' ކޮލަމްގައި އޮތް އެއް ވާހަކަ ހަނދާންކޮށްލަން ވާނެ އެވެ. ފުޓްބޯޅައިގެ ކާމިޔާބީތަކެވެ. އެފަހަރު ވިކްޓަރީއަށް އޭނާ ބަދަލުވެވަޑައިގަތީ ގައުމީ ތަށި ނިއު ރޭޑިއަންޓަށް ހޯއްދަވައިދެއްވައިފަ އެވެ. އޭގެ ކުރިން 1989ގައި ލެގޫންސް ގައުމީ ތަށި ކާމިޔާބުކުރި އިރު ވެސް ކީޕަރަކީ ޒަރިޔަންދެވެ. އަދި 1992ގައި ވިކްޓަރީން އެ ތަށި އުފުލައިލީ ވެސް އޭނާ ކީޕަރަކަށް ހުންނަވައިގެންނެވެ.
"ނަސީބާއި ކާމިޔާބު ވެސް ހަމަ ރަނގަޅީތާ އެވެ،" މީހުން ކޮލަމް ނިންމާލަމުން އަޅުގަނޑު ލިއުނީމެވެ.
ތިރީހުން ތިރީސް: ހަޔާތުގައި ދަސްކުރި ތަފާތު ފިލާވަޅުތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ