57 ކިލޯ ލުއި ކުރިއިރު މިއީ އެހެން މީހެއް، ހަކުރު ބަލި ވެސް ކޮންޓްރޯލް!
ބަރުދަން ލުއިކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ގިނަ ބަޔަކު ދެކޭ ހުވަފެނެކެވެ. ޚާއްސަކޮށް ޒުވާނުންގެ މެދުގައި އެ ކަން އޮންނަނީ ޓްރެންޑަކަށް ވެފައެވެ. ނުވަތަ ޒަމާނީ ކަމެއްގެ ގޮތުގައެވެ. އެ އުންމީދަށް އާރޯ ކަމެއް ގެނުވީ، މުހައްމަދު ހިސާން, 57 ކިލޯގެ ބަރުދަން ލުއިކުރުމުންނެވެ. އޭނާ ވަނީ، އެ ކަން ކުރުމުގައި ހޭދަކުރި އުނދަގޫ ދަތުރު ވަރަށް ތަފުސީލުކޮށް، ފޭސްބުކްގައި ކިޔައިދީފައެވެ. ހިސާންގެ މި އުނދަގޫ ދަތުރު އޭނާ ފެށީ، 2019ގައެވެ. އެކަމަކު، 2023ގައި އަލުން އޭނާ ބަރުވިއެވެ. އެހެންވެ، އަލުން ކުރި ހުރިހާ ކަމެއް ފަށަން ޖެހުމުގެ ބިރު ހިސާންއަށް އިހުސާސްވިއެވެ. އެކަމަކު، ނިމެންމިދާ އަހަރަކީ، ތަފާތު އަހަރަކަށް އޭނާއަށް ވިއެވެ. މި އަހަރު އައު ހިތްވަރަކާ އެކީ، މަސައްކަތް ފެށުމުގެ އަޒުމު އާވި ކަމަށް ހިސާން ލިޔެފައިވެއެވެ. އެ އުނދަގޫ ދަތުރު، އާ ފެށުމަކާ އެކީ، އޭނާ ފެށިއިރު، ބަރުދަނުގައި 148 ކިލޯ ހުއްޓެވެ. ނަމަވެސް، އޭނާ ކުރި މަސައްކަތުން އަހަރު ނިމެން ވީއިރު، 90 ކިލޯއަށް ލުއިވެއްޖެއެވެ. އެ ދަތުރުގައި އެންމެ މުހިންމު ކަމަށް އޭނާގެ ކޮންޓްރޯލްނުވެ ހުރި، ހަކުރު ބަލި ރަނގަޅު ވަރަކަށް ކޮންޓްރޯލް ކުރެވުނެވެ. ހިސާން މިހާރު ހުރި ގޮތް --- "2025 ވަނަ އަހަރަކީ، އަހަރެން ހަމައެކަނި ދުވަން ދަސްކުރި އަހަރެއް ނޫން. އެއީ، އަހަރުތަކެއް ވަންދެން ގެންގުޅުން ނުބައި އާދަތައް ދޫކޮށް، އަހަރެންގެ ހަށިގަނޑުން ކުރެވޭނެ ކަންކަން ހޯދި [އަހަރެއް]" ހިސާން ލިޔެފައިވެއެވެ. ހިސާން ބުނީ، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް، އޭނާގެ ހެމޯގްލޯބިން އޭވަންސީ ނުވަތަ ހަކުރު ބަލި ހުރީ ނުވަ ޕަސެންޓު މަތީގައި ކަމަށެވެ. އެކަމުގައި އޭނާ ގިނަ ޑޮކްޓަރުތަކެއްގެ ލަފާ ހޯދިއެވެ. ލިބުނީ، ހަމަ އެންމެ ޖަވާބެކެވެ. އޮތް ހަމައެކަނި ހައްލަކީ، ބައިޕާސް ސާޖަރީ ހެދުން ކަމަށެވެ. އެކަމަކު، ޑރ. ކަރްތިކް ގަބޫލުކުރީ، އެ ސާޖަރީ ނުކޮށް، ރަނގަޅު ސިއްހަތެއްގައި ހުރެގެން އެ މައްސަލައަށް ހިސާންއަށް ހައްލު ހޯދޭނެ ކަމަށެވެ. އެ ހިސާބުން އަމިއްލަ ނަފުސަށް އިތުބާރުކުރުމަށް އޭނާ ނިންމިއެވެ. އެ ކަމުގައި އޭނާ އެހީވާން އަތުކުރި އޮޅާލި، ޑރ. ކަރްތިކްގެ ވާހަކައަށް އިތުބާރު ކުރަން އަޒުމު ކަނޑައެޅިއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން އެ އަހަރުގެ ޑިސެމްބަރަށް ކާހިތްވުން ކޮންޓްރޯލް ކުރުމަށް ސެމަގްލޫޓައިޑް ކޯހެއް ލިޔެދިނެވެ. ކާ މިންވަރު މަދު ކުރަން ފެށުމަށް އެދުނެވެ. މިހެން ގޮސް އެތައް ކަމެއް ކުރަން ހަވާލުކުރިއެވެ. އެ ކަންކަން ހިސާން ފެށިއެވެ. އުނދަގޫ ވިޔަސް، އެއްވެސް ފަސްޖެހުމެއް އޭނާގެ ނެތެވެ. އަހަރަކުން 57 ކިލޯ ލުއި ކުރި ގޮތް؟ ކޮންމެ ކަމެއް ކުރުމުގައި ވެސް ވަގުތާއި ނުގުޑާ ފަދަ ވަރުގަދަ އަޒުމެއް ބޭނުންވެއެވެ. އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުލުން އެ ކަމެއްގައި ވަރަށް މުހިންމު ދައުރެެއް އަދާކުރެއެވެ. އަދި، އަމިއްލައަށް ގަބޫލުކުރާ ގޮތްތަކާއި ނިންމުންތަކަކީ، އެ ކަމެއް ފުރިހަމަވާ އިތުރު ކަމެކެވެ. ހިސާން ބުނި ގޮތުގައި، އޭނާ ބޭނުންވީ، ބަރުދަން ލުއިކުރާށެވެ. އެ އަޒުމުގައި، ކޮންމެ ދުވަހަކު، 10،000 ފިޔަވަޅު ހިނގަން ފެށިއެވެ. ކެލޮރީއާއި ހަށިގަނޑަކަށް ބޭނުންވާ ނިއުޓްރިޝަން އޭނާ ހޯދީ، ސިއްހަތަށް ފައިދާ ހުރި ކާނާ ކައިގެނެވެ. އެތައް ކަމަކާ ކުރިމަތިވި، މި ދިގު ދަތުރުގައި، ހިސާން ބޭނުންވީ، ހަށިގަނޑު ކުޑަކޮށް، ވަރުގަދަވާށެވެ. އެހެންވެ، ކާޑިއޯ ހިމަނައިގެން ޓްރެއިންތައް ފެށިއެވެ. ހަށިގަނޑުގެ ސަރުބީތައް އަންދައި، އެކަމުން ބައެއް ފަހަރަށް ހަށިގަނޑުގެ ބައްޓަމަށް ބޮޑު ބަދަލެއް އަންނަ ކަމަށް ހިސާން ބުންޏެވެ. އެ ކަމަށްޓަކައި އެކަނި، 270 ގަޑިއިރު ހިސާން ހޭދަކުރިއެވެ. ޖިމް ކަސްރަތާއި ސާކެޓް ޓްރެއިނިން ހެދުމުގައެވެ. ނުގުޑާ ފަދަ އަޒުމުގައި މި އަހަރު ހިސާން ވަނީ، 631 ގަޑިއިރު ކަސްރަތުކޮށްފައެވެ. އަދި، ގާތްގަނޑަކަށް 244 ގަޑިއިރުން އޭނާ ވަނީ، މި އަހަރު 1،093 ކިލޯ މީޓަރު ހިނގާފައެވެ. ދުވުމަކީ، ވެސް ކަސްރަތު ކުރުމަށް ބައެއް މީހުން ކުރާ ކަމެކެވެ. އެގޮތުން، ހިސާން މި އަހަރު ވަނީ، 443 ކިލޯ މީޓަރު ދުވެފައެވެ. އެ ކަންކަން ކޮށްގެން، ހިސާންއަށް ހާސިލުވި ކާމިޔާބީ ފޮނިވެފައި، އުފާވެރިއެވެ. ޖުމުލަ 312،826 ކެލޮރީ އަންދާލެވި، 57 ކިލޯ ލުއިވެއްޖެއެވެ. ނުވަ ޕަސެންޓުގައި ހުރި ލޭގައި ހުރި ހަކުރު 4.9 ޕަސެންޓަށް ދަށްކުރެވިއްޖެއެވެ. އެތައް ބަޔަކު މި ކާމިޔާބީއަށް ވާސިލުވުމުގައި ހިސާންއަށް އެހީވިއެވެ. ޑރ. ކާރްތިކްގެ އިތުރަށް ކިތަންމެ ބަޔަކެވެ. އެކުވެރިންނާއި އާއިލާއެވެ. އެ މީހުން ނަސޭހަތުން ހިސާންއަށް ހާސިލުވި، ނަތީޖާ ވަރަށް ކާމިޔާބެވެ. އަދި، ވެސް އޭނާ ދެމިހުރީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް މަސައްކަތް ކުރުމުގައެވެ. ހިސާން އާއި އޭނާގެ އެކުވެރިއެއް --- އޭނާ ހިއްސާކުރި، އަމިއްލަ ތަޖުރިބާ ބަރުދަން ލުއި ކުރަން ބޭނުންވާ މީހުންނަށް ވާނީ، އުޖާލާ ހުޅުކޮޅަކަށެވެ. އެ ތަޖުރިބާގެ އަލީގައި އެ މީހުންނަށް އޭނާ ކިޔައިދިނީ، ކަން ކުރަންވީ ގޮތެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އޭނާ ހާސިލުކުރި، ކާމިޔާބީ އެހެން މީހުންނަށް ވެސް އެދޭތީއެވެ. "[ބަރުދަން ލުއި ކުރަން ފަށާނަމަ،] އެންމެ މުހިންމީ، ބަރުދަނަށް ބެލުމެއް ނޫން. ފޯކަސް ކުރަންވީ، ކަސްރަތު ކުރުމަށާއި ނިއުޓްރިޝަންއާއި ރިކަވަރީއަށް," ހިސާން ލިޔެފައިވެއެވެ. އެ ތިން ކަންތަކަށް ބަލައިގެން، ބަރުދަން ލުއިކުރާނަމަ ނަތީޖާ ފެންނާނެ ކަަމަށް ހިސާން ބުނެއެވެ. މިގޮތުން، ކަސްރަތު ކުރަން ފަށާއިރު، ފަށަން ވާނީ، އެ މީހެއްގެ ލެވެލްއަށް ބަލާފައެވެ. ފަށާއިރު، 30 މިނެޓު ހިނގިދާނެއެވެ. ނުވަތަ އެއަށް ވުރެ މަދު މިނެޓު ކޮޅަކަށް ވިޔަސް ހެއެވެ. ވަގުތު އިތުރު ކުރަންވާނީ، ނަތީޖާއަށް ބަލާފައި ކަމަށް ހިސާން ބުނެއެވެ. ބަރުދަން ލުއި ކުރުމުގައި އެންމެ އުނދަގޫ އެއް މަރުހަލާއަކީ، ކެއުން ކޮންޓްރޯލް ކުރުމެވެ. ހިތް އެދޭ ކާއެއްޗެހި ނުކައި ހުންނަން ޖެހުމުންނެވެ. ވަކި މިންވަރެއްގައި ހިފަހައްޓަައިގެން ކާން ޖެހުމުން ގިނަ ބަޔަކަށް އުނދަގޫތަކާ ކުރިމަތިވެއެވެ. ހިސާން ބުނީ، އެއްވެސް މީހަކު ގެންގުޅޭ ޑައިޓު ނުބައި ނުވާނެ ކަމަށެވެ. 80 ޕަސެންޓު ޕްރޮޓީން ގިނައިން ހުންނަ ކާއެއްޗެހި ކައިފައި، ބާކީ ވިހި ޕަސެންޓު އެ މީހަކު ބޭނުން އެއްޗެއް ކެވިދާނެއެވެ. އެއީ، ޑައިޓު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓޭނެ ގޮތެއް ކަން ހިސާން ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި، ބަރުދަން ލުއި ކުރުމުގައި އެންމެ މުހިންމު އަނެއް ކަމަކީ، ހަމަނިދި ނިދުމެވެ. ކޮންމެ ރެއަކު ހަތް ގަޑިއިރާއި އަށް ގަޑިއިރާ ދޭތެރޭ މިންވަރަކަށް ނިދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ލިޔެފައިވެއެވެ. އެހެން ނޫންނަމަ، ދުވާލު ކުރާ ކަސްރަތުތަކުގެ ބަރުހެލިކަމާއި ވަރުބަލި އިހުސާސްވާނެއެވެ. މީހާ ބަލިކޮށްލަން މަގުފަހިވާނެއެވެ. ހިސާންގެ މި ނަސޭހަތްތަކުން ބަރުދަން ލުއި ކުރަން ހިތްވަރަކަށް ވާނެއެވެ. އެ އުނދަގޫ ދުވަސްތަކުގައި ކުރިއަށްދާން ލިބޭނެ ފިލާވަޅަކަށް ވާނެއެވެ. އަޑިގަނޑުން އަރައިގަނެ، އާޖޯޝަކާ އެކީ ކުރިއަށް ދާން އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެއެވެ. އެހެން ކަމުން، ހިސާންއަށް ވީހެން، އެހެން މީހުންނަށް ބަރުދަން ލުއި ކުރެވޭނެ ކަމީ، ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ