ގައުމީ ފުޓްސަލް ޓީމުން ހޯދި ކާމިޔާބީއަށް ރައީސްގެ މަރުހަބާއާއި ޝުކުރު

ދިވެހިރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ޓީމަށް ސާބަސްދެއްވައި ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ގައުމީ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ، ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަން ވަނަތައް އިތުރުވުމަކީ، ގައުމުގެ މުސްތަގުބަލަށް އުޖާލާކަން ލިބޭކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަދި ވަކީން ހާއްސަކޮށް، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ބައިނަލްއަގްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީހީ ފަހުރެއްކަމަށާއި، މިއީ ގައުމީ ރޫހާއި އަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް، ރީތި ނަމޫނާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މުބާރާތުގައި ގައުމީ ޓީމުން ހޯދި ކާމިޔާބީއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ، މި ތާރީހީ ކާމިޔާބީއަށްޓަކައި، ގައުމީ ފުޓްސަލް ޓީމަށް ތަހުނިޔާ ވިދާޅުވެ، މި ކާމިޔާބީއަކީ، ޒުވާން އެތުލީޓުންނަށް ލިބޭ ހިތްވަރަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
މި ކާމިޔާބީއާ ގުޅިގެން، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ އެކްސްގައި ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.
ގައުމީ ފުޓްސަލް ޓީމް ދެއްކި މޮޅު ކުޅުމާއި ހޯދި އެއްވަނަ މަގާމަކީ ދިވެހި އެންމެހާ ރައްޔިތުންނަށް ލިބުނު ފަހުރަކާއި ޝަރަފެއްގެ ގޮތުގައި ސިފަކުރައްވައި އެކަމަނާވެސް ވަނީ، ޓީމުގެ ހުރިހާ ކުޅުންތެރިންނަށް މަރުޙަބާ ވިދާޅުވެ، ޝުކުރު އަދާކުރައްވާފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ