"ލަންކާއަށް އަހަރަކު 129 މިލިއަން ޑޮލަރު ރާއްޖޭން ބޭރުކުރޭ، އިތުރަށް ފުރުސަތު ހޯދަންޖެހޭ"
ދިވެހިރާއްޖޭގައި މިހާރު 21,000 އަށްވުރެ ގިނަ ސްރީލަންކާ ރައްޔިތުން ވަޒީފާ އަދާކުރަމުންދާ ކަމަށާއި، އެމީހުންގެ ފަރާތުން އަހަރަކު ގާތްގަނޑަކަށް 129 މިލިއަން އެމެރިކާ ޑޮލަރު ރެމިޓެންސްގެ ގޮތުގައި އެ ޤައުމަށް ވަންނަ ކަމަށް ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ކުރީގެ ރައީސް ސުދޭޝް މެންޑިސް ވިދާޅުވެއްޖެއެވެ. ލަންކާގެ "ޑެއިލީ ނިއުސް"އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ލަންކާ މީހުންގެ ގިނަ ބަޔަކު ހަރަކާތްތެރިވަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. ވޭތުވެދިޔަ 52 އަހަރުގެ ތެރޭގައި ރާއްޖެ ވަނީ ދުނިޔޭގެ އެންމެ ފެންވަރުމަތީ ލަގްޒަރީ މަންޒިލްތަކުގެ ތެރޭގައި ހިމެނިފައެވެ. މިހާރު ރާއްޖޭގައި 168 ރިސޯޓާއި، 883 ގެސްޓްހައުސް، 13 ހޮޓާ އަދި 152 ސަފާރީ އުޅަނދު އޮޕަރޭޓްކުރަމުންދާއިރު، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ވޯލްޑޯފް އެސްޓޯރިއާ، ކޮންރަޑް، ސޮނޭވާ، ޝެވަލް ބްލޭންކް، ސެއިންޓް ރެޖިސް، ރިޓްޒްކާޓަން، ފޯ ސީޒަންސް، ހިލްޓަން އަދި ވަން އެންޑް އޮންލީ ފަދަ ތަންތަން ހިމެނެއެވެ. ރާއްޖޭގެ ފަތުރުވެރިކަން މިހާ ހިސާބަށް ގެނައުމުގައި ލަންކާގެ އިންވެސްޓަރުން މުހިންމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވަމުން މެންޑިސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރިސޯޓްތަކުގައި ލަންކާގެ އުފެއްދުންތަކަށް ބޮޑު މަޤްބޫލުކަމެއް އޮތް ނަމަވެސް، އަގުތަކާއި ސިޔާސަތުތަކަށް އައި ގޮންޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ލަންކާގެ ޖުމްލަ ހިއްސާ މިހާރު ވަނީ 3.72 އިންސައްތައަށް ދަށަށް ގޮސްފައެވެ. "ތާރީޚީ ގޮތުން ބަލާއިރު، ރާއްޖޭގެ ތަރައްޤީގައި ލަންކާއިން އަދާކޮށްފައިވަނީ ވަރަށް މުހިންމު ދައުރެއް. އެގޮތުން 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ހޯދުމަށް ދިން އެއްބާރުލުމާއި، ފުރަތަމަ ވިޔަފާރި ދަތުރުތައް ފެށުމާއި، ހުޅުލެ އެއާޕޯޓް ތަރައްޤީކުރުމާއި، 'ސިލޯން ޓުއާސް' މެދުވެރިކޮށް ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރުން ހިމެނޭ. ސަގާފީ ގޮތުން ވެސް ދެޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ލާމެހިފައި،" އޭނާ ވިދާޅުވިއެވެ. އެއާއެކު ދެ ގައުމުގެ ގުޅުމަކީ އެތައް ޤަރުނެއްވީ ގާތް ގުޅުމާއި ހެޔޮއެދުމުގެ ރަމްޒެެއް ކަމަށާއި މިއަދު އަމާޒަކަށް ވާންވީ މި ތާރީޚީ ގުޅުން އަލުން މުރާޖަޢާކޮށް، އިތުރަށް ވަރުގަދަކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. މެންޑިސް އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ 13,216 އެމެރިކާ ޑޮލަރަށް އަރާއިރު، މިއީ އޭޝިއާ ސަރަޙައްދުގައި އެންމެ ކުރީގައި އުޅޭ ޢަދަދެކެވެ. މިއާ ޚިލާފަށް ސްރީލަންކާގެ ބޮލަކަށް ޖެހޭ އާމްދަނީއަކީ 4,516 ޑޮލަރެވެ. "2023 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ ހުރީ 6.59 ބިލިއަން ޑޮލަރުގައެވެ. މިއީ އެންމެ 530,000 އެއްހާ މީހުންގެ އާބާދީއަކަށް ބަލާއިރު ބޮޑު ކުރިއެރުމެއް. ލަންކާއިން ވިސްނަންވީ، އެންމެ ގާތް އެކުވެރި އަދި އަވައްޓެރި ޤައުމަކުން ހޯދަމުންދާ މިފަދަ އިޤްތިޞާދީ ކުރިއެރުމުގެ ތެރެއިން އުފެދޭ ވިޔަފާރީގެ އަދި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް،" މެންޑިސް ވިދާޅުވިއެވެ. ރާއްޖޭން ލިބެން ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ލަންކާއިން ހިފަން އޭނާ ގޮވައިލެއްވިއިރު، ވަރަށްފަހުން ވަނީ ވިސާގެ މައްސަލައިގައި ދިވެހީންނަށް ދިމާވާ ދަތިތަކާ ބެހޭގޮތުން ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ދެއްކެވި ވާހަކަތަކަކާ އެކު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދިފައެވެ. https://sun.mv/216442 ހަމަ އެ ދަނޑިވަޅުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވަނީ، ރާއްޖެއާ ލަންކާއާ ދެމެދު ވިސާއާއި ވޯކް ޕާމިޓް ވެސް އުވައިލުން އެއީ ރަނގަޅުކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ވިޔަފާރިއާއި، ސަގާފީ ގުޅުންތައް ކުރިއަރާނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ