ފިލްމު އިންޑަސްޓްރީއާ ދުރުވީ ފިރިމީހާގެ ނުފޫޒަކުން ނޫން: ސަނާ
ފިލްމީ ދާއިރާއިން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި ކުރީގެ ބަތަލާ ސަނާ ޚާން 2020 ވަނަ އަހަރު ފިލްމު އިންޑަސްޓްރީއާ ދުރުވީ މިހާރުގެ ފިރިމީހާ މުފްތީ އަނަސް ސައީދު އެ ކަމަށް މަޖުބޫރުކޮށް, ނުފޫޒު ފޯރުވައިގެން ނޫން ކަމަށް ބުނެފިއެވެ. މުނިފޫހިފިލުވުމުގެ ދާއިރާއަށް އަލްވަދާޢު ކިއުމަށް ފަހު އޭގެ މަހެއްހާ ދުވަސްފަހުން މުފްތީ އަނަސްއާ ކައިވެނިކުރުމުން ވަރަށް ގިނަ ބަޔަކަށް ހީކުރެވުނީ ސަނާ ފިލްމު ކުޅުމާ ދުރުވީ ފިރިމީހާގެ ސަބަބުން ކަމަށެވެ. ނަމަވެސް, އެއީ ސަނާގެ އަމިއްލަ ނިންމުމެއް ކަމަށާއި އިސްލާމްދީނަށް ފުރިހަމައަށް ތަބާވެ، ދީނުގައި އަންގަވާފައި އޮންނަ މަގުން ދިރިއުޅުން ބައްޓަންކުރުމަށް އެއީ ވަރަށް މުހިއްމު ނިންމުމެއް ކަމަށް ކުރީގެ ބަތަލާ ވަނީ ބުނެފައެވެ. ޓެލެވިޒަން ބަތަލާ ރޭޝަމީ ދެސާއީ ގެނެސްދެމުން އަންނަ ޕޮޑްކާސްޓްގައި ވާހަކަދައްކަމުން ސަނާ ބުނީ، ސަނާއާއި އަނަސްގެ ކައިވެނި ހަމަޖެހުނުއިރު ވެސް އެއީ ވަރަށް ބޮޑު ސިއްރެއް ކަމަށެވެ. ސަނާ ފިރިމީހާ މުފްތީ އަނަސް ސައްޔިދު އަދި ދެ ކުދިންނާ އެކު--ފޮޓޯ/ޓެލެްރާފްއިންޑިއާ އަނަސްއާއި ސަނާގެ ކައިވެނީގެ ވާހަކަ ހަމައެކަނި އެނގޭނެ މީހުންނަކީ ބަތަލާގެ މައިންބަފައިން ކަމަށާއި ކައިވެނީގެ ހަރަކާތެއް ކަމަށްވާ މެހެންދީ ހަފުލާގައި ފިރިމީހާގެ ނަން އަތުގައި އަޅަން އެހުމުން ވެސް ނަން ހާމަނުކުރާ ކަމަށް ސަނާ ވަނީ ބުނެފައެވެ. އިސްލާމްދީނުގެ ހިދާޔަތުގެ ހިޔާވަހިކަން ހޯދުމަށް އޭރު ސަނާ ދިޔައީ ވަރަށް ބޮޑަށް މަސައްކަތްކުރަމުން ކަމަށާއި އިސްލާމްދިނުގެ ކަންކަން އޮންނަ ގޮތް އެންމެ ރަނގަޅަށް ބުނެދިނީ އެމަގު ދައްކައިދިނުމުގައި އަނަސްގެ ފުރިހަމަ އެއްބާރުލުން އޭރު ވެސް ލިބުނު ކަމަށް މިހާރު ދެ ކުދިން ލިބިފައިވާ ސަނާ ވަނީ ބުނެފައެވެ. އެއްވެސް މީހަކަށް އަނެކާގެ ވިސްނުން ބަދަލުކޮށްލެވޭނީ އެ މީހަކު ވެސް އެކަމަށް ބޭނުންވެގެން ކަމަށާއި ފިލްމީ ދާއިރާ ދޫކޮށް އިސްލާމްދީނުގައި އަންގަވާފައިވާ މަގު ޚިޔާރުކުރުމަކީ ސަނާގެ އަމިއްލަ ނިންމުމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަނަސްއާއި ސަނާގެ ކައިވެންޏާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ގިނަ ވާހަކަތަކެއް މީޑިއާގައި މީގެ ކުރިން ވެސް ދެކެވިފައިވާ ކަމަށާއި އެފަދަ ވާހަކަތަކަށް މާބޮޑު މުހިއްމުކަމެއް ނުދޭ ކަމަށް ކުރީގެ ބަތަލާ ވަނީ ބުނެފައެވެ. އަނަސްއާ ކައިވެނިކުރުމަށް ފަހު ސަނާ ބޮޑަށް ފެނުނީ އިސްލާމްދީނަށް އާއްމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގައި ޚާއްސަކޮށް އަންހެނުންނަށް ޚާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށްގެންދާ ސްޕީކާއެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ