ފަސޭހަކަމާއެކު މާލޭ ސިޓީ ބަލިކޮށް މާއެނބޫދޫ ފެށީ ގަދަކޮށް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ރާއްޖެ ސުޕަ ލީގުގެ އަންހެން ޑިވިޝަނުގައި ދ. މާއެނބޫދޫން މާލޭ ސިޓީ ބަލިކޮށް ފުރިހަމަ މޮޅެއް ހޯދައިފިއެވެ. ގްރޫޕް ބީގައި މިރޭ މާއެނބޫދޫން މާލޭ ސިޓީގެ މައްޗަށް ކުރިހޯދީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 25-11، 25-05 އަދި 25-07 އިންނެވެ. މި މެޗުގައި މާއެނބޫދޫއިން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. ހާއްސަކޮށް އެ ޓީމަށް ކުޅޭ ކިރްގިސްތާނުގެ ރޯޒާާގެ ކުޅުން ފާޙަގަކޮށްލެވެއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާއެނބޫދޫގެ ފާތިމަތު ސީނާ އަބްދުއްރަޝީދެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ލ.ގަން، ށ. ފުނަދޫ، ކ.މާފުށި، އައްޑޫ ސިޓީއެވެ. ގްރޫޕް ބީގައި ހިމެނެނީ ލ.މާބައިދޫ، ކ. ހުރާ، ދ. މާއެނބޫދޫ އަދި މާލޭ ސިޓީއެވެ. ލީގު ބުރަށްފަހު ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލުގައި ވާދަކުރާއިރު، ބްރޮންޒް މެޑަލް މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ. މުބާރާތުގައި މާދަމާވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ހަވީރު ބައްދަލުކުރާނީ ށ.ފުނަދޫއާއި އައްޑޫ ސިޓީއެވެ. އައްޑޫ ސިޓީ ވަނީ މި ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުގައި މާފުށި އަތުން ބަލިވެފައެވެ. އަދި ފުނަދޫ ވަނީ ވަރުގަދަ ކުރިމަތިލުމަކަށްފަހު ލ.ގަން ބަލިކޮށް ފުރަތަމަ މެޗުން މޮޅުވެފައެވެ. ދެވަނަ މެޗުގައި ރޭގަނޑު ބައްދަލުކުރާނީ ލ. ގަމާއި ކ. މާފުއްޓެވެ. މިއީ ރާއްޖޭގެ ރަށްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. މި މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ