ކޭބަލް ޓީވީ ޚިދުމަށް ދޭން ބިދޭސީންނަށް ފުރުސަތު ދިނުން: ''ދިވެހި އޮޕަރޭޓަރުންގެ ވިޔަފާރި ހުއްޓިދާނެ''

ރާއްޖޭގައި ބޭރުގެ ކުންފުނިތަކުން ކޭބަލް ޓީވީ ޚިދުމަތް ދިނުން ނުވަތަ ރީބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ދިނުމުން، އެ ޚިދުމަތް ދޭ ދިވެހި ކުންފުނިތަކަށް ގެއްލުންވެ، ވިޔަފާރި ހުއްޓާލަން ޖެހުމުގެ ބިރު އޮތް ކަމަށް ދިވެހި ކޭބަލް ޓީވީ އޮޕަރޭޓަރުން ބުނެފިއެވެ. ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް އެކި ފަހަރު މަތިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މީގެ ކުރިން 2022 ވަނަ އަހަރު އޭރު އޮތް ބްރޯޑްކާސްޓިން ކޮމިޝަނުން ގެނައި އިސްލާހެއްގެ ދަށުން، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރެވޭނީ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ކުންފުނިތަކަށް އެކަނި ކަމަށް ކަނޑައެޅިއެވެ. އެހެންނަމަވެސް، ފަހުން މަޖިލީހުން ވަނީ އެ އިސްލާހު ބަދަލުކުރަން އަންގައިފައެވެ. އަދި މިހާރު ގަވައިދު އޮތީ ބޭރުގެ ކުންފުނިތަކަށް ވެސް ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރެވޭ ގޮތަށެވެ. އެ ގަވައިދު އޮތް ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، ކުޅުދުއްފުށީ ކޭބަލް ޓީވީ އޮޕަރޭޓަރު މުހައްމަދު އަލީ (ގާޑޭ) ބުނީ، ރީބްރޯޑްކާސްޓިން ޚިދުމަތް ދިނުމަށް ބޭރުގެ ބޮޑެތި ކުންފުނިތަކަށް ފުރުސަތު ހުޅުވާލުމަކީ ހައިރާންވާ ކަމެއް ކަމަށެވެ. އެގޮތުން އޭނާ އެ ޚިދުމަތް ދޭން ފެށީ 2008ގައި ކަމަށްވާއިރު، އެ މަސައްކަތް ފެށީ، އެ ވިޔަފާރީގެ ތެރެއަށް ބޭރުގެ ކުންފުނިތަކަށް ނުވަދެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. މުހައްމަދު ވިދާޅުވީ، ސްޓްރީމިން ޚިދުމަތްތަކަށް އޮތް ޝައުގު ފަދަ ސަބަބުތަކާ ހެދި ކޭބަލް ޓީވީ ޚިދުމަތުން ލިބޭ އާމްދަނީ އިތުރަށް ދަށްވަމުން އަންނަ ކަމަށެވެ. އަދި މިހާރު ވެސް ޚިދުމަތް އަޕްގްރޭޑް ކުރުން ފަދަ ކަންކަން ކުރަން ޖެހެނީ ލޯނުތައް ނަގައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ކަންތައް މިވާ ގޮތުން އަޅުގަނޑުމެންނަށް ހިޔެއް ނުވޭ ހިފަހައްޓާލެވޭނެހެން ވެސް، އަޅުގަނޑު ގަބޫލެއް ނުކުރަން ބޭރުގެ ކުންފުނިތަކަށް މި ޚިދުމަތް ދޭން ހުޅުވާލައިގެން އަޅުގަނޑުމެންނަށް މި ކަމުގައި ހިފަހައްޓައިގެން ތިބެވޭނެ ކަމަށް ކުޅުދުއްފުށީ ކޭބަލް ޓީވީ އޮޕަރޭޓަރު މުހައްމަދު އަލީ (ގާޑޭ) އެ ވާހަކައަށް ބާރު ދެއްވައި، ވިލިމާލޭ ކޭބަލް ޓީވީ އޮޕަރޭޓަރު އިބްރާހީމް ރަފީއު (ފައިބަނެޓް ރަފީއު) ވިދާޅުވީ، ބޭރު ކުންފުނިތަކަށް ފުރުސަތު ދިނުމަކީ ރާއްޖެއަށް ލިބޭ ޑޮލަރު ބޭރުވާނެ އިތުރު ގޮތެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވީ، ބޭރު ކުންފުނިތަކުން ރާއްޖެ އައިސް ރުފިޔާއިން މުއާމަލާތު ކުރުމަށް ފަހު، ބޭރަށް ގެންދާނީ ޑޮލަރު ކަމަށެވެ. އެހެންކަމުން، ބޭރު ކުންފުނިތަކަށް ފުރުސަތު ދިނުމުން، ދިވެހި ކޭބަލް ޓީވީ އޮޕަރޭޓަރުންނަށް ގެއްލުންވުމުގެ އިތުރަށް، ޑޮލަރު ގެއްލޭނެ ކަމަށް ރަފީއު ވިދާޅުވިއެވެ. ދިވެހި ވިޔަފާރިތަކަށް އެގޮތަށް ގެއްލުންވަމުންދާނަމަ، އެ ކުންފުނިތަކަށް އޮންނާނީ ދެ ގޮތެއް ޚިޔާރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަޅުގަނޑުމެންނަށް އިންނާނީ ދެ ޗޮއިސްއެއް. އެއީ އަޅުގަނޑުމެން ކޮށްފައި އޮތް ޚަރަދު، އަޅުގަނޑުމެން އަޅައިފައި އޮތް ނެޓްވޯކްތަކާއި އެއްޗެހި ދޫކޮށްލައިފައި އެއްކިބާވުން. ދެވަނަ ގޮތަކީ އަޅުގަނޑުމެންނަށް ސަރުކާރުން އެހީތެރިވެދިނުންވިލިމާލޭ ކޭބަލް ޓީވީ އޮޕަރޭޓަރު އިބްރާހީމް ރަފީއު (ފައިބަނެޓް ރަފީއު) ރަފީއު ވިދާޅުވީ ރީބްރޯޑްކާސްޓް ކުރުން މިހާރު އޮތް ގޮތް ސަރުކާރުން ބަލައި، އެހީއެއް ފޯރުކޮށްދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެގޮތުން ބޭރުގެ ބޮޑެތި ވިޔަފާރިތައް، ރާއްޖޭގެ ސިނާއަތުގެ ތެރެއަށް ނުވަންނާނެ ކަމުގެ ޔަގީންކަން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މުހައްމަދު އަލީ ވެސް ވަނީ، ކޭބަލް ޓީވީ ޚިދުމަތް ދެވޭނީ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށް ކަމަށް ބަޔާންކޮށް ގަވައިދު އިސްލާހުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ބްރޯޑްކާސްޓިން ކޮމިޝަނުން ބަދަލުތައް ގެންނަނީ ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ އޮޕަރޭޓަރުންގެ ޚިޔާލު ނުހޯދައި ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ. https://sun.mv/219282 އޭނާ ވަނީ، ރީބްރޯޑްކާސްޓިން ގަވައިދު އިރުއިރުކޮޅާ ބަދަލުވުމަކީ ޚިދުމަތް ދޭ ވިޔަފާރިތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވައިފައެވެ. އަދި އެކަމަށް އޮތް ހައްލަކީ ކޭބަލް ޓީވީ ޚިދުމަތް ދޭ ދިވެހި ކުންފުނިތަކަށް ގާނޫނަކުން ހިމާޔަތް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި ބިދޭސީންނަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ނުދެވޭ ގޮތަށް ގާނޫނެއް ހަދައިދިނުމަށް އެދި، އެ ސިނާއަތުގައި ހަރަކާތްތެރިވާ 100 އެއްހާ ވިޔަފާރިވެރިންގެ ސޮޔާއެކު މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ