އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރި އިއުލާނާއި އިންތިހާބުގެ ޓައިމްލައިން ބާތިލުކުރަން އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މިއަދު އަންގައިފިއެވެ.
އެ މަޖިލީހުން އެގޮތަށް ނިންމީ ޗެއާޕާސަންގެ އިންތިހާބަށް ހުޅުވާލީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެއެވެ. އިސްތިއުނާފު މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފު، ވަގުތީ ޗެއާޕާސަން އަބްދުލްއަފޫރު މޫސާ (ގަޕޯ) އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން އިންތިހާބުގެ ކަންކަން ރާވައި ހިންގުމުގެ ޒިންމާ އޮންނަނީ އިސްތިއުނާފު މަޖިލީހުގެ ރައީސަށް ކަމަށެވެ. އެހެންކަމުން އޭނާއަށް އެންގުމެއް ނެތި އިންތިހާބާ ގުޅޭ ކަންކަން ނުނިންމޭނެ ކަމަށެވެ.
އަފީފު އިތުރަށް ވިދާޅުވީ ގިނަ އަދަދެއްގެ މެމްބަރުން އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވައްދާފައިވާ މި ދަނޑިވަޅުގައި، އެ މެމްބަރުންނަށް އަލުން ޕާޓީއާ ގުޅުމުގެ ފުރުސަތު ނުލިބޭ ގޮތަށް އިންތިހާބު ބޭއްވުމަކީ ކެންޑިޑޭޓުންގެ ހައްގު ގެއްލޭ ކަމެއް ކަމަށެވެ. އަދި ޕާޓީގެ އެތެރޭގައި ނުތަނަވަސްކަން އޮތް ވަގުތެއްގައި މަސްލަހަތު ގެއްލިދާނެ ނިންމުންތައް ނުނިންމުމަށް ވެސް ވަނީ އިލްތިމާސްކުރައްވައިފައެވެ.
މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލު އަބްދުﷲ ޝާއިރު ވެސް ވަނީ އިންތިހާބުގެ އިއުލާން ބާތިލުކުރަން މިއަދު އިސްތިއުނާފު މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
އަންނަ ޖޫން މަހުގެ 12 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާނެކަން ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އަދި ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ ވެސް ވަނީ އިއުލާންކުރައްވައިފައެވެ.
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ އިއުލާނާއި ޓައިމްލައިން ބާތިލުކުރަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ