ޤުރުއާން މުބާރާތަކަށް ތައްޔާރުވުމަކީ އީމާންކަން ވަރުގަދަ ކުރުވާ ކަމެއް: މެޑަމް ސާޖިދާ

ޤުރުއާން މުބާރާތްތަކަށް ތައްޔާރުވުމަކީ ތަޖުވީދުގެ ހަމަތަކުން ރީތިކޮށް ކިޔަވަން ދަސްވުމުގެ އިތުރުން، އީމާންތެރިކަން ވަރުގަދަވެ، ކެތްތެރިކަމާއި އަހުލާގީ ރަނގަޅު ސިފަތައް ނަފްސުގައި އަށަގަތުމަށް މަގުފަހިވާ ކަމެއްކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯ މުވައްޒަފުންގެ ދެވަނަ ޤުރުއާން އަދި މަދަހަ މުބާރާތް 1447 ނިންމުމުގެ ރަސްމިއްޔާތު، ރޭ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު، ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށް ވާންވާނީ، ކީރިތި މާތް ކަލާމްފުޅަށް އޮތް ފުން ލޯތްބާއި މަތިވެރި ގަދަރާއި އިހުތިރާމް ކަމަށް ވިދާޅުވިއެވެ.
މިފަދަ މުބާރާތްތަކަށް ތައްޔާރުވާއިރު ލިބޭ އަމިއްލަ ތަޖުރިބާތަކާއި ހޭލުންތެރިކަމަކީ، ހަމައެކަނި ހުނަރު ދެއްކުމުގެ ބަދަލުގައި މުޅި އުމުރަށް ދެމިގެންދާނެ އަގުހުރި ފިލާވަޅުތަކެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ވެމްކޯގެ މުވައްޒަފުންނަކީ ރާއްޖޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށް
ރެއާއި ދުވާލު އިހުލާސްތެރިކަމާއެކު މަސައްކަތްކުރާ، އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ހޯދައިދޭ ބައެއް ކަމަށާ މި މުހިއްމު ހިދުމަތުގެ އިތުރުން، މުވައްޒަފުންގެ މެދުގައި އިސްލާމީ އަހުލާގާއި ދީނީ ރޫޙު އާލާކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ކުރައްވާ މަސައްކަތްތަކަކީ ތައުރީފު ހައްގު ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
މުބާރާތުން ފަހުރުވެރި ވަނަތައް ހޯއްދެވި ފަރާތްތަކަށް ތަހުނިޔާ ދަންނަވައި، ވަނަ ނުލިބޭ ބައިވެރިން އަންނަ އަހަރު ކާމިޔާބީ ހޯދުމަށް އިތުރަށް މަސައްކަތް ކުރެއްވުމަށް އެކަމަނާ ހިތްވަރު ދެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ވެމްކޯ މުވައްޒަފުންގެ ޤުރުއާން އަދި މަދަހަ މުބާރާތް 1447ގެ 1 ވަނަ ހާސިލްކޮށްފައިވާ މުވައްޒަފުންނަށް އިނާމާއި ޓްރޮފީ ހަވާކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ