އީދުގެ އުފާ ފާޅުކުރުމުގައި ޝަރުއީ މިންގަނޑުތަކުގައި ހިފަހައްޓައި އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޖާގަ ނުދޭން އީދު ހުތުބާގައި މިއަދު ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ފިތުރު އީދު ހުތުބާގައި ވަނީ، މާތްالله ދެއްވި ގިނަގުނަ ނިއުމަތްތަކުގެ މަތިން ހަނދުމަކުރަން އިލްތިމާސްކޮށްފަ އެވެ. މާތްﷲ ދިވެހީންނަށް ދެއްވި އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީން ކަން ފާހަގަކޮށް، އެ ދީން މަތީގައި ސާބިތުވެ ތިބުމަށް ވެސް ހުތުބާގައި އިލްތިމާސްކުރި އެވެ.
ތަފްސީލް - ހުތުބާގައި ބުނީ މުސްލިމުންގެ އީދު ޒީނަތްތެރިކުރާންވީ ތަކުބީރުން ކަމަށެވެ. އެގޮތުން މިއީ ހިދާޔަތް ދެއްވިކަމަށް ޓަކައި، މާތް اللهއަށް ޝުކުރުކޮށް، އުފާފާޅުކޮށް، މާތް ﷲގެ މަތިވެރިކަން ބަޔާންކޮށް، ތަކުބީރުގެ އަޑު އުފުލާންވީ ދުވަސް ކަމަށް ބުންޏެވެ.
އިސްލާމީ އީދަކީ އެންމެން ބައިވެރިކުރަން ޖެހޭ އިހުތިފާލެއް ކަމަށާއި އެހެން ނަސްލުތަކުގެ މުސްލިމުން ވެސް އީދުގެ އުފަލުގައި ބައިވެރިކުރަންވާނެ ކަމަށް ހުތުބާގައި ގޮވާލި އެވެ. އެކަމަކު، އީދު ފާހަގަކުރުމުގައި ޝަރުއީ މިންގަނޑުން ބޭރުނުވުމަށް އިލްތިމާސްކުރި އެވެ.
"މުސްލިމް އަހުންނާއި އުހުތުންނޭވެ! ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުއީ މިންގަނޑުގައި ހިފަހައްޓާން ހަނދާންކޮށްދެމެވެ! އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް އަހަރެމެންގެ އީދުތަކުގައި ޖާގަނުދޭށެވެ! އީދުގެ މާނައަކީ ތަކުރާރުކޮށް އަންނަ މުނާސަބަތެވެ. މާތް ރަސްކަލާކޮ! އީދަކަށް ފަހު އީދެއް އަޅަމެނަށް ތަކުރާރުކުރައްވާށިއެވެ! އާމީން،" ހުތުބާގައި ބުންޏެވެ.
އެއްބައިވަންތަވެ، ރަހިމުގެ ގުޅުން ދަމަހައްޓައި މުޖުތަމައުގައި އެކުވެރިކަމާއި އެއްބައެއްވަންތަކަން ގާއިމްކުރަން ވެސް މިއަދުގެ ހުތުބާގައި އެދުނެވެ.
މުސްލިމުންގެ އީދުން ފެންނަނީ އެއްބައިވަންތަކަން ކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެއީ އެކަކު އަނެކަކުގެ ދެމެދުގައިވާ ގުޅުމާއި، ފަގީރުންނާއި މުއްސަނދިންގެ މެދުގައިވާ ރަހުމަތްތެރިކަން ކަމަށެވެ. އަދި، މުސްލިމުންގެ އީދަކީ، މާތް اللهއަށް ހަމްދުކޮށް، ސަނާ ދަންނަވައި، އެކަލާނގެ މަތިވެރިކޮށް، ތަކުބީރުކިޔާ މަންޒަޒަރު ފެންނަ ދުވަހެއް ކަން ވެސް ފާހަގަކުރި އެވެ.
ހަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށާއި ކޮންމެ މީހަކު ވެސް، އަނެކާގެ ހައްގުތައް އަދާކުރުމަށް ގޮވާލި އެވެ.
ހުތުބާގައި އިތުރަށް ބުނީ:
އީދު ދުވަހު މޫނުމަތިން އުފާވެރިކަން ފާޅުކޮށް، ލޯތްބާއި ކުލުނާއި އަހުވަންތަކަމުގެ ޝުއޫރުތަކުން ހަދިޔާ ބަދަލުކުރަން
މިއަދަކީ ރޯދައިގެ އަޅުކަން އަދާކުރެވުނުކަމަށް ޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަސް؛ ރޯދަމަހަށް ފަހު ވެސް އަޅުކަމުގައި ހީވާގިވުމަށް އިލްތިމާސްކުރި
ޖެހިޖެހިގެން ނޫނަސް ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށް އިލްތިމާސްކުރި
ގައުމުގެ ސުލުހަ މަސަލަސްކަމަށް މަސައްކަތްކުރަން ނަސޭހަތްތެރިވި
"އަމާންކަމެއް ނެތް ތަނެއްގައި، އެއްވެސް ހަމަޖެހުމެއް ނޯންނާނެ އެވެ. ވީމާ ގައުމުގެ ސުލުހަ މަސަލަސްކަމަށް މަސައްކަތްކުރާށެވެ! އެއީ ފަރުދުންނާއި މުޖުތަމައުގެ ވާޖިބެއްކަން ދަންނާށެވެ،" ހުތުބާގައި ބުންޏެވެ.
އީދު ހުތުބާގައި ގޮވާލީ އީދު ފާހަގަކުރާއިރު އިސްލާމީ ސަގާފަތާ ދުރު ކުޅިވަރުތަކަށް ޖާގަނުދޭން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ