އީދު ހުތުބާގައި ގޮވާލީ ހަސަދަވެރިކަމާ ދުރުވެ އެކުވެރިވުމަށް، އަނެކާގެ ހައްގުތައް އަދާކުރުމަށް

ހަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށާއި ކޮންމެ މީހަކު ވެސް، އަނެކާގެ ހައްގުތައް އަދާކުރުމަށް މިއަދުގެ ފިތުރު އީދު ދުވަހުގެ ހުތުބާގައި ގޮވާލައިފި އެވެ.
”ފިތުރުއީދުގެ އުފަލާއި އަދަބުތައް“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ފިތުރުއީދު ދުވަހަކީ އަޅަމެންނަށް ހިދާޔަތްދެއްވިކަމަށް ޓަކައި، މާތް اللهއަށް ޝުކުރުކޮށް، އުފާފާޅުކޮށް، މާތް ﷲގެ މަތިވެރިކަން ބަޔާންކޮށް، ތަކުބީރުގެ އަޑު އުފުލާންވީ ދުވަސް ކަމަށާއި މުސްލިމުންގެ އީދު ޒީނަތްތެރިކުރާންވީ ތަކުބީރުން ކަމަށެވެ. އަދި މި ބާއްޖަވެރި ދުވަހު މާތް الله އަޅަމެންނަށް ދެއްވައިފައިވާ ގިނަގުނަ ނިއުމަތްތަކުގެ މަތީން ހަނދުމަކުރުމަށް ނަސޭހަތްތެރިވި އެވެ.
ކޮންމެ މީހަކުވެސް އަނެކާގެ ހައްގުތައް އަދާކުރުމަށް ގޮވާލައި ހުތުބާގައި ބުނީ, މުސްލިމުން ފުރަތަމަ އަދާކުރާންވީ މާތް اللهގެ ހައްގުތައް ކަމަށާއި އެއަށްފަހު މައިންބަފައިންގެ ހައްގުތައް ކަމަށެވެ. އަދި ދެން އޮތީ ރަޙިމުގެ ގުޅުންތައް ދެމެހެއްޓުން ކަމަށްވެސް ބުންޏެވެ.
ހުތުބާގައި އިތުރަށް ވަނީ އީދުގެ އުފާ ފާޅުކުރުމުގައި ޝަރުއީ މިންގަނޑުގައި ހިފަހައްޓާން ހަނދާންކޮށްދީފަ އެވެ. އަދި އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް އީދުތަކުގައި ޖާގަ ނުދިނުމަށް ގޮވާލި އެވެ.
ހުތުބާގައި ބުނީ, ރަމަޟާންމަސް އަހަރެމެންނާ ވަކިވެ ދިޔައީ، އަހަރެމެންގެ މައްޗަށް ހެކިދޭ ހެކިވެރިއެއްގެ ގޮތުގައި ކަމަށާއި މާތް الله ޝަރުއުކުރެއްވި ގޮތަށް ރޯދަހިފައި، ރޭއަޅުކަންކުރި މީހުންނަށް ޝަފާއަތްތެރިވާ މަހެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ރޯދަމަހަށް ފަހުގައި ވެސް ނަމާދު ގާއިމުކޮށް، އަޅުކަމުގައި ހީވާގިވެ އުޅުމަށް ނަސޭހަތްތެރިވި އެވެ.
ހުތުބާގައި އިތުރަށް ބުނީ, ރައްޔިތުންގެ މެދުގައި އަމާންކަމާއި ފުދުންތެރިކަން އޮތުމަކީ މުހިންމު ކަމެއް ކަމަށާއި އެހެނީ އަމާންކަމެއް ނެތް ތަނެއްގައި، އެއްވެސް ހަމަޖެހުމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ގައުމުގެ ސުލްހަ މަސަލަސްކަމަށް މަސައްކަތް ކުރުމަށް ގޮވާލި އެވެ. އަދި އެއީ ފަރުދުންނާއި މުޖުތަމައުގެ ވާޖިބެއް ކަމަށްވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ