އެމެރިކާއާއި އިސްރާއީލުން ދިން ޙަމަލާއެއްގައި އައިއާރްޖީސީގެ ތަރުޖަމާނު އަވަހާރަކޮށްލައިފި

އެމެރިކާއާއި އިސްރާއީލުން ދިން ޙަމަލާއެއްގައި އައިއާރްޖީސީގެ ތަރުޖަމާނު އަވަހާރަކޮށްލައިފިކަމަށް އީރާނުގެ އިންގިލާބީ ގާޑުން (އައިއާރްޖީސީ) އިން ހާމަކޮށްފިއެވެ. ރޭގެ ވަގުތެއްގައި އެމެރިކާއާއި އިސްރާއީލު ގުޅިގެން ދިން މި ވައިގެ ޙަމަލާގައި އަވަހާރަކޮށްލާފައިވަނީ އައިއާރްޖީސީގެ ތަރުޖަމާނު ޖެނެރަލް ޢަލީ މުޙައްމަދު ނާއިނީއެވެ.
މި ޙަމަލާތަކުގެ ރައްދުގައި އީރާނުންވެސް ދަނީ އިސްރާއީލާއި އެމީހުންގެ ބައިވެރިންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. އެގޮތުން އިސްރާއީލުގެ ޙައިފާގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް އީރާނުން ދިން ޙަމަލާއެއްގައި، އެތަނުގެ މުހިންމު އުމްރާނީ ވަސީލަތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އިސްރާއީލުގެ އެ ކުންފުނިން ބުނެއެވެ.
އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށް ގަލްފުގެ ބައެއް ޤައުމުތަކުގައި ހުންނަ ތެލާއި ގޭސް މަރުކަޒުތަކަށް ޙަމަލާ ދެމުން ދަނީ ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށައި އީރާނުގެ އޭރުގެ ރޫޙާނީ ލީޑަރު ހިމެނޭ ގޮތަށް އެ ޤައުމުގެ އިސް ބޭފުޅުންތަކެއް ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
ގަލްފުގެ ބައެއް ޤައުމުތަކަށް އީރާނުގެ ޙަމަލާތައް މުޅިން ވެސް އަމާޒުކުރަނީ އެމެރިކާއާއި ޔަހޫދީންގެ މަސްލަހަތު އޮތް ތަންތަނަށާއި އަސްކަރީ މަަރުކަޒުތަކަށެވެ. އަމިއްލަ ދިފާޢުގައި އީރާނުން ދެމުންދާ ވަރުގަދަ ރައްދުގެ ސަބަބުން ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އެމެރިކާއިން ދުށް ހަނގުރާމަ ވަނީ ދިގުލާން ފަށައިފައެވެ. އަދި ތެލާއި ހަކަތައިގެ އަގު ދަނީ އިންތިހާއަށް އުފުލެމުންނެވެ.
އީރާނުގެ ޙަމަލާގެ ސަބަބުން ވިލާތާއި އޭޝިޔާއަށް ގޭސް ފޯރުކޮށްދިނުމަށް ބުރޫއަރާނެ ކަމަށް ޤަޠަރުއެނާޖީގެ ސީއީއޯ އަދި ހަކަތައާބެހޭ ސްޓޭޓް މިނިސްޓަރު ސަޢުދު އަލް-ކަޢުބީ ވަނީ ވިދާޅުވެފައެވެ. އެލްއެންޖީ ޕްރޮސެސް ކުރުމަށް ޤަޠަރުން ބޭނުންކުރާ 14 މަރުކަޒުގެ ތެރެއިން ދެ މަރުކަޒާއި، ދެ ގޭސް-ޓު-ލިކުއިޑް (ޖީޓީއެލް) މަރުކަޒަށް ޙަމަލާތަކުގައި ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަރާމާތުތައް ކުރަން ޖެހުމުގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރާއި ފަސް އަހަރާ ދެމެދު އުފައްދާ އެލްއެންޖީގެ އަހަރަކު 12.8 މިލިޔަން ޓަނު މަދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ތަންތަނުގެ މަރާމާތަށް 26 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް ވެސް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ