އައްޑޫގައި ހަވާއަރުވަން 3 ގަޑިއިރަށް ވެފައި އޮއްވާ ކެންސަލް

ފިތުރު އީދުގެ މުނާސަބަތާއި ހިތަދޫ ސެންޓްރަލް ޕާކު ތަރައްގީކުރުމަށްފަހު އަލުން ހުޅުވުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ރޭވި ހަވާއެރުވުމުގެ ރަސްމިއްޔާތަށް ވަގުތު ކުޑަތަންވެފައި އޮއްވާ އެމްއެންޑީއެފްއިން އެކަން ކެންސަލްކޮށްފި އެވެ.
ވީ ކިހިނެއް؟ - އައްޑޫގައި ހަވާ އަރުވަން ކައުންސިލުން ރާވާފައި އޮތީ މިރޭ 8:30ގަ އެވެ. ނަމަވެސް އެމްއެންޑީއެފްއިން އެކަން ކެންސަލްކުރިކަން އެންގީ މިއަދު ހަވީރު 5:30 ހާއިރު އެވެ.
ތަފްސީލު - ސިފްކޯއިން އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން މިރޭ ހަވާއެރުވުމުގެ ރަސްމިއްޔާތު ކުރިއަށްގެންދެވެން ނެތް ކަމަށެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލެއް ދީފައެއްނުވެ އެވެ.
ބަދަލުގެ ގޮތުގައި ސިފްކޯއިން ހުށަހެޅީ އެހެން ތާރީހަކަށް ހަވާއެރުވުން ފަސްކުރަން ނުވަތަ އެކަމަށް ކައުންސިލުން ދިން ފައިސާ މުޅިން އަނބުރާ ދިނުމަށެވެ.
އެކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު 'ދައުރު'އަށް ވިދާޅުވީ ޓެކްނިކަލް މައްސަލައެއް ކަމަށް ބުނެ ސިފްކޯއިން ހެދީ ދޮގެއް ކަމަށެވެ.
"އަޅުގަނޑުމެން ސުވާލުކުރުމުން އެމްއެންޑީއެފް ކުދިން އެބަ ބުނޭ އެއްވެސް އެކަހަލަ މައްސަލައެއް ނެތޭ،" ޝިނާޒު ވިދާޅުވި އެވެ.
"ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުންނާއި މީސްމީހުންގެ ސިޔާސީ ނުފޫޒުން މިކަން ކެންސަލްކުރީ. ވަކި ބަޔަކަށް އެކަންޏެއް ނޫން މިކަހަލަ ކަންކަން ކުރެވެން ވާނީ."
އެނގުން މުހިންމު - ހިތަދޫ ސެންޓްރަލް ޕާކު ތަރައްގީ ކުރަން ކައުންސިލުން ބަޔަކާ ހަވާލުކުރީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ.
އެ ތަން ހުޅުވުމުގެ ގޮތުން މިރޭ އެކި ހަރަކާތްތަކާއި ކުޅިވަރުތައް ވެސް ކައުންސިލުން އޮތީ ރާވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ