އީރާނަށް އިންސާނީ އެހީ ބޭނުންވާ މިންވަރު އިތުރުވަމުންދާކަމުގެ ކަންބޮޑުވުން

އެމެރިކާއާ ގުޅިގެން ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން ތިން ހަފްތާ ވެފައިވާއިރު، އީރާނުގެ ގެދޮރު ގެއްލުނު މީހުންނާ އެކު އިންސާނީ އެހީއަށް ބޭނުންވެފައިވާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދިޔުމުގެ ކަންބޮޑުވުންފާޅުކޮށްފިއެވެ.
ނޯވޭގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ، ނޯވީޖިއަން ރެފިއުޖީ ކައުންސިލް (އެންއާރުޑަބްލިޔު)ގެ އިސް ވެރިޔާ ޖާން އީޖްލެންޑް ވިދާޅުވި ގޮތުގައި، މިފަދަ ހަނގުރާމަތަކަކީ ސަރަޙައްދީ ގަދަހިފުމެއްގެ ގޮތުގައި ސިފަކުރިނަމަވެސް، އާޚިރުގައި ހުރިހާ ގެއްލުމެއް ލިބެނީ ޢާންމު ރައްޔިތުންނަށެވެ.
މިގޮތުން، ފާއިތުވި ތިން ހަފްތާގެ ތެރޭގައި، އީރާނުގައި ތިން މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އީޖްލެންޑް ވިދާޅުވީ، އެންއާރުޑަބްލިޔު އަކީ އީރާނުގައި އެންމެ ފުޅާ ދާއިރާއެއްގައި އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ އެއް ޖަމްޢިއްޔާ ކަމަށެވެ. އެކި ސަރަޙައްދުތަކުގައި އަށް މަރުކަޒު ޤާއިމުކޮށް، 100އަށް ވުރެ ގިނަ މުވައްޒަފުންނާއެކު އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެ ޖަމްޢިއްޔާއިން ކުރަމުން އަންނައިރު، އެހީ ބޭނުންވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމަށް އޭނާ ހާމަކުރެއްވިއެވެ.
ހަނގުރާމައާ ގުޅިގެން ކަނޑާއި ވައިގެ މަގުން ތަކެތި ގެނައުމުގެ ފުރުޞަތު ވެސް އިންތިހާއަށް ހަނިވެފައިވާއިރު، އެހީގެ ސާމާނު އެކަށީގެންވާ މިންވަރާ ގާތަށް ވެސް އެހީދޭ ޖަމްޢިއްޔާތަކަށް އެތެރެނުކުރެވޭކަމުގެ ކަންބޮޑުވުން ވެސް އީޖްލެންޑް ފާޅުކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ޙަމަލާތަކުން ސަލާމަތްވުމަށްޓަކައި ބޮޑެތި ސަހަރުތައް ދޫކޮށް، ކުދި އަވަށްތަކަށް މީހުން ހިޖުރަމުން ކުރަމުންދާ ކަމަށާއި، ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ކުދި އަވަށްތަކުގެ ވެސް މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ޙަމަލާދިނުން އިތުރުވެފައިވާ ކަމަށެވެ.
އަދި ހަނގުރާމަ އިތުރަށް ދިގުލައިގެންދާނަމަ، އަސާސީ ޚިދުމަތްތަކަށް ބުރޫއަރައި، ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް އީރާނުގެ ޢާންމުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިވާނެކަމަށް އީޖްލެންޑް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ