ނަޝީދުގެ ވެރިކަން "ފުރޮޅިގެން" ދިޔައިރު މޫސާ އަލީ ޖަލީލު ރިއެކްޓް ކުރި ގޮތުން ސަނާ ކިޔޭކަށް ނެތް: ޔާމީނު ނަޝީދުގެ ވެރިކަން "ފުރޮޅިގެން" ދިޔައިރު މޫސާ އަލީ ޖަލީލު ރިއެކްޓް ކުރި ގޮތުން ސަނާ ކިޔޭކަށް ނެތް: ޔާމީނު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިއިރު، ރިޓަޔަޑު މޭޖާ ޖެނެރަލް މޫސާ އަލީ އަމަލު ކުރެއްވި ގޮތުން އޭނާއަށް ސަނާ ކިޔެން ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.
ޔާމީން ވިދާޅުވީ ފެބްރުއަރީ 7، 2012، ގައި ވެރިކަން "ފުރޮޅިގެން" ދިޔައީ ކަމަށެވެ. ޔާމީނު އޭރު އިދިކޮޅުގައި ހުންނެވިއިރު، ވެރިކަން ހިންގާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ މަގާމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލު އެއިރު ހުންނެވީ ނަޝީދު ސަރުކާރުގެ ޗީފް އޮފް ޑިފެންސް ފޯސް ގެ މަގާމުގަ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފް ގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ މީހުންގެ ގޮތް އެނގޭނީ އެމީހަކާ ކުރިމަތިވާ ހާލަތްތަކަށް ރިއެކްޓުކުރާ ގޮތުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ތިކަން ފެނިގެންދިޔަ ރައީސް ނަޝީދުގެ ވެރިކަން ފުރޮޅިގެންދިޔައިރު. ޖެނެރަލް ޖަލީލު ހުރީ ކޮންތާކުތޯ. އެހެންވީމަ އަޅުގަނޑަކަށް ނެތެއް ނޫންތޯ މާ ބޮޑަށް ސަނާ ކިޔޭކަށް. އަޅުގަނޑުމެންނަށް ނެތެއް ނޫންތޯ ސަނާ ކިޔޭކަށް،" ޔާމީނު ވިދާޅުވި އެވެ.
މީގެ އިތުރުން، މީގެ ކުރިން މޫސާ އަލީ ޖަލީލަށް ލިބިފައި އޮތް ޝަރަފާއި ފަހުރު ދޫކޮށްލީ އޭނާ އަމިއްލައަށް ކަމަށާއި މިލިޓަރީ ޑިސިޕްލިން ހުރި ނަމަ ސަރުކާރުން އެދުމުން "ޔޭސް ސޯ" ބުނާ ގޮތަށް "ނޯ ސޯ" ވެސް ބުނަން ކެރޭނެ ކަމަށް ޔާމީނު ވިދާޅުވި އެވެ.
ސަރުކާރުން އަދި މިލިޓަރީން ރިޓަޔާކޮށް ޕެންޝަން ލިބުމަށްފަހު އެ މީހަކު ސަރުކާރުގެ ނުވަތަ އިންތިހާބީ މަގާމަކަށް އައުމަކީ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށް ވެސް ޔާމީނު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ކިޔަވައިގެން ތިބި ޒުވާނުންނަށް ފުރުސަތު ގެއްލޭ ކަން ވެސް ޔާމީން ފާހަގަކުރެއްވި އެވެ.
ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް ވެސް އަރުވާފައިވާ މޫސާ އަލީ ޖަލީލް މާލޭގެ މޭޔަރުކަމަށް ނުކުންނަން ނިންމަވާފައިވާއިރު މިއީ އޭނާ ވާދަކުރައްވާ ފުރަތަމަ އިންތިހާބެވެ.
ނޮވެމްބަރު 3، 2024، ގައި މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
މޫސާ އަލީ ޖަލީލަށް އިއްޒަތް އެރުވުމަށް މުއިއްޒު ނިންމެވީ ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކާއި ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓެވުމަށްޓަކައި ކޮށްދެއްވި މަސައްކަތް ފާހަގަ ކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ