ޔަހޫދީ ޙިބްރުން، ޠުއްބަޢުގެ ގާތުގައި ރަސޫލް ޞޢޥ ވަޑައިގަންނަވާނެ ކަމުގެ ޚަބަރު ބަޔާން ކުރެއްވުމުން އޭނާ ކީ ޅެންބައިތު ތަކެއްގެ ވާހަކަ!

ޢަލީ އިޙްޞާން ފިރާޤް
 
އިބްނު އިސްޙާޤު ވިދާޅުވެފައިވެއެވެ. މީނާގެ އަސްލުނަމަކީ تُبَّانُ أَسْعَدَ أَبُو كَرِب އެވެ. އޭނާއަކީ ޔަމަނުގެ ރަސްގެފާނެވެ. އޭނާ މަދީނާއަށް އައިސް ޔަހޫދީ ދެ ޙިބްރުން ޔަމަނަށް ގެންދިޔައެވެ. އޭނާ ބައިތުލްޙަރާމް ޢިމާރާތްކުރައްވާ އެތަނުގައި އުރަކޮޅެއްލެއްވިއެވެ. އޭނާ ރަސްކަން ކުރެއްވީ رَبِيعَةُ بْنُ نَصْر ގެ ކުރީންނެވެ. އޭނާ އެއްފަހަރަކު މަޝްރިޤާ ވީފަރާތަށް ހަނގުރާމައަކަށް ނުކުމެވަޑައިގަންނަވަމުން މަދީނާއިން ލައްވައިފައި ވަޑައިގެންނެވިއެވެ. އެތަނުގެ މައްޗަށް އޭނާގެ ދަރިޔަކު ޢައްޔަން ކުރެއްވިއެވެ. ނަމަވެސް މަދީނާގެ މީހުން އޭނާގެ ދަރިކަލުން ޤަތުލުކުރިއެވެ. އޭނާ އެ ދަތުރު ނިންމައިފައި އައިސް ބެލުމުން ކަންތައް ވީގޮތް އެނގިއްޖެއެވެ. އެހެންކަމުން އޭނާ ގަސްދުކުރީ މަދީނާގެ ރައްޔިތުން ނިކަމެތިކޮށް، އެބައިމީހުންގެ ކަދުރު ރުއްތައް އެނދުމަށެވެ. 
އަދިވެސް އިބްނު އިސްޙާޤު ވިދާޅުވެފައިވެއެވެ. ބަނީޢަދިއްޔު ބިން ނައްޖާރުވަންހައިގެ މީހެއްކަމުގައިވާ أَحْمَرُ އެއްފަހަރަކު ޠުއްބަޢުގެ އެކުވެރިންގެ ތެރެއިން މީހަކު ޤަތުލުކުރިއެވެ. އެއީ އޭނާގެ ދަނޑުން ވަގަށް ކަދުރު ބިންނަނިކޮށް ފެނިގެންނެވެ. މި ޚަބަރު އިވިގެން ޠުއްބަޢު ވަރަށް ރުޅިއައިސް އެބައިމީހުންނާ ހަނގުރާމަ ކުރަންފެށިއެވެ. ރެޔާއި ދުވާލު ހަނގުރާމަ ހިނގަމުން ދިޔައެވެ. އަންޞާރުންގެ މީހުން ޠުއްބަޢުއަށް މެހުމާންދާރީ އަދާކުރަމުން ގެންދިޔައެވެ. އޭނާ އަންޞާރުންނާ ބެހޭ ގޮތުން ބުނެފައިވެއެވެ. [ﷲ ގަންދީ ބުނަމެވެ. އެބައިމީހުންނަކީ ވަރަށް ދީލަތި ބައެކެވެ.]
އެހެން ރިވާޔަތެއްގައި އިބްނު އިސްޙާޤު ބަޔާން ކުރައްވައެވެ. ޠުއްބަޢު އެ ހަނގުރާމައިގެ ކަންތައްތަކުގައި އަވަދިނެތި އުޅެނިކޮށް قُرَيْظَة ވަންހައިގެ ޔަހޫދީ ދެ ޙިބްރުންނަށް އޭނާ މަދީނާގެ އަހުލުވެރިން ޤަތުލުކޮށް، މަދީނާ ތަޅާ ސުންނާފަތި ކުރަން އުޅޭކަމުގެ ޚަބަރު ލިބުނެވެ. އެހެންކަމުން އެދެމީހުން ޠުއްބަޢުގެ ގާތަށް ގޮސް ބުނެފިއެވެ. [އޭ ރަސްގެފާނެވެ. ރަސްގެފާނު ތިޔަ ކަންތައް ކުރަން ގަސްދުކުރެއްވިޔަސް ތިޔަކަމެއް ނުވާނެއެވެ. ރަސްގެފާނުގެ މައްޗަށް ޢަޛާބެއް ބާވައިލައްވަފާނެ ކަމަށް އަޅުގަނޑުމެން ބިރުގަނެވެ.]
ޠުއްބަޢު ބުންޏެވެ. [އެއީ ކީއްވެގެން ހެއްޔެވެ؟] އެދެމީހުން ބުނެފިއެވެ. [އެރަށަކީ، ފަހުޒަމާނުގައި މައްކާއިން ފާޅުވާނެ ރަސޫލަކު ޙިމާޔަތް ހޯއްދަވަން ވަޑައިގަންނަވާނެ ރަށެވެ.] ދެން މިދެމީހުންގެ ވާހަކަ އަޑުއައްސަވައި އެ ރަސްގެފާނު މަދީނާއަށް ޙަމަލަނުދެއްވާ އެނބުރި ވަޑައިގެންނެވީއެވެ. އަދި އޭނާ މަދީނާގެ މީސްތަކުންގެ ދީން ޚިޔާރުކުރެއްވިއެވެ. 
سهل بن سعد الساعدي ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. 
لا تَسُبُّوا تُبَّعًا فإنه قد كان أسلمَ { شعيب الأرنؤوط (ت ١٤٣٨)، تخريج المسند ٢٢٨٨٠ • حسن لغيره • أخرجه أحمد (٢٢٨٨٠)}
މާނައީ: ޠުއްބަޢުއަށް ތިޔަބައިމީހުން އެއްޗެހި ގޮވާ ނުހަދާށެވެ. ހަމަކަށަވަރުން އޭނާވީ އިސްލާމުންގެ ތެރެއިންނެވެ.]
ޔަހޫދީ ޙިބްރުން، ޠުއްބަޢުގެ ގާތުގައި މާތް ނަބިއްޔާ صلّى اللّـه عليه وسلّم ވަޑައިގަންނަވާނެ ކަމުގެ ޚަބަރު ބަޔާން ކުރެއްވުމުން އޭނާ ކީ ޅެންބައިތު ތަކެއްގެ މާނައިގައިވެއެވެ. [އަޙްމަދަކީ ﷲ ގެ ޙަޟުރަތުން ވަޑައިގަންނަވާނެ ނަފްސު ޠާހިރު ނަބީބޭކަލެއްކަމަށް އަހަރެން ހެކިވަމެވެ. އެކަލޭގެފާނުގެ ޒަމާނާ ހަމައަށް އަހަރެންގެ އުމުރު ދަންމަވައިފިނަމަ، އަހަރެންވާނީ އެކަލޭގެފާނުގެ ވަޒީރަކަށެވެ. އަހަރެންގެ ކަނޑިން އެކަލޭގެފާނުގެ ދުޝްމިނުންނާ ދެކޮޅަށް ހަނގުރާމަ ކުރާނަމެވެ. އަދި އެކަލޭގެފާނުގެ ހިތްޕުޅު ހުރިހާ ކަންބޮޑުވުންތަކަކުން މިންޖުކުރެވޭތޯ މަސައްކަތް ކުރާނަމެވެ.] 
މިދެންނެވި ޅެން ބައިތުތަކަކީ، އަންޞާރުންގެ އެއްޖީލުން އަނެއް ޖީލަށް ވާރިދުވަމުން އައި ޅެން ބައިތުތަކެވެ. އެބައިމީހުން މި ޅެންބައިތުތައް ހިތުދަސްކޮށްފައިވެއެވެ. މިދެންނެވުނީ އަބޫ އައްޔޫބުލް އަންޞާރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ގޮތަށެވެ.
 
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ