އިންޑޮނޭޝިއާއިން އޭއައި ބޮޓް 'ގްރޮކް' ބްލޮކްކޮށްފި
އީލޮން މަސްކްގެ އެކްސްއައި ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް "ގްރޮކް" ބޭނުންކޮށްގެން، މީހުންގެ ނުރުހުމުގައި ޖިންސީ ފުރައްސާރަ ހިމެނޭ 'ޑީޕް ފޭކް' ފޮޓޯތައް އުފައްދާ މައްސަލާގައި އިންޑޮނޭޝިއާ ސަރުކާރުން އެ ޚިދުމަތް ވަގުތީ ގޮތުން ބްލޮކްކޮށްފިއެވެ. މިއީ އޭއައި މެދުވެރިކޮށް އުފައްދާ ބަދުއަޚްލާގީ ފޮޓޯތަކާ ދެކޮޅަށް ދުނިޔޭގެ ގައުމަކުން މިހާތަނަށް އެޅި އެންމެ ހަރުކަށި އެއް ފިޔަވަޅެވެ. އިންޑޮނޭޝިއާގެ ކޮމިއުނިކޭޝަން އެންޑް ޑިޖިޓަލް މިނިސްޓަރު މެއުޓިއާ ހާފިޒް ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންގެ އަސްލު ސިފަ ބޭނުންކޮށްގެން މިފަދަ ފޮޓޯތައް އުފެއްދުމަކީ އިންސާނީ ހައްގުތަކާއި ކަރާމާތަށް އުނިކަން އަންނަ، އަދި ރައްޔިތުންގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. މި މައްސަލާގައި ޖަވާބުދާރީވުމަށް އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގެ އިސް އޮފިޝަލުން ހާޒިރުވުމަށް ވެސް އަންގާފައެވެ. https://sun.mv/215360 އިންޑޮނޭޝިއާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ދަނީ މިކަމާ ގުޅިގެން ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އިންޑިއާގެ އައިޓީ މިނިސްޓްރީން ވަނީ ބަދުއަޚްލާގީ ފޮޓޯތައް އުފެއްދުން ހުއްޓުވުމަށް އެކްސްއޭއައި އަށް އަމުރުކޮށްފައެވެ. އަދި ވިލާތުގެ އިއްތިހާދުން ވެސް ވަނީ މިކަމާ ގުޅޭ ތަހުގީގެއް ހިންގުމަށް ތައްޔާރުވެ، ގްރޮކްއާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތަކެއް ރައްކާތެރިކޮށް ބެހެއްޓުމަށް އެ ކުންފުންޏަށް އަންގާފައެވެ. އިނގިރޭސިވިލާތުގެ މުވާސަލާތީ ރެގިއުލޭޓަރު އޮފްކޮމް އިން ވެސް މި މައްސަލަ ބަލަން ފަށާފައިވާއިރު، އެ ގައުމުގެ ބޮޑުވަޒީރު ކީރު ސްޓާމާ ވަނީ އެކަމަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވާފައެވެ. ހަމައެއާއެކު އެމެރިކާގެ ޑިމޮކްރެޓިކް ސެނެޓަރުން ވަނީ އެޕަލް އަދި ގޫގުލްގެ އެޕް ސްޓޯރުތަކުން 'އެކްސް' އެޕްލިކޭޝަން އުނިކުރުމަށް ވެސް ގޮވާލައްވާފައެވެ. މި ފާޑުކިޔުންތަކާ ގުޅިގެން އެކްސް އޭއައި އިން ވަނީ މާފަށް އެދި، އެ ކުންފުނީގެ އުސޫލުތަކާ ޚިލާފު އަމަލުތަކެއް ހިނގާފައިވާކަމަށް އެއްބަސްވެފައެވެ. އަދި މިހާރު ފޮޓޯ އުފެއްދުމުގެ ފުރުސަތު ދެނީ ހަމައެކަނި ފައިސާ ދައްކައިގެން އެކްސް ބޭނުންކުރާ މީހުންނަށް ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް އެ ކުންފުނީގެ ވެރިޔާ އީލޮން މަސްކް ވަނީ ސަރުކާރުތަކުން މިކަން ބޭނުންކުރަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް ސެންސަރު ކުރުމުގެ ބަހަނާއެއްގެ ގޮތުގައި ކަމަށް ބުނެ ފާޑުވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ