ހަނގުރާމަ ހުއްޓުވޭނީ ހަމައެކަނި ޓްރަމްޕަށް ކަމަށް މިސްރުގެ ރައީސް ވިދާޅުވެއްޖެ

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓާލެވޭނީ ހަމައެކަނި އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކަމަށާއި، އެކަމަށް އިލްތިމާސް ކުރައްވާނެ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވިދާޅުވެއްޖެއެވެ. ހަނގުރާމައިގެ ސަބަބުން ސަޕްލައިއަށް ބުރޫއަރައި ތެލުގެ އަގު އުފުލިގެންދާކަން ފާހަގަކުރައްވައި ސީސީ ވިދާޅުވި ތެޔޮ ފީފާއެއް 200 ޑޮލަރަށް މައްޗަށް އަރައިގެން ހިނގައިދާނެ ކަމަށާއި އެއީ ވުން ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ. "އަޅުގަނޑު ރައީސް ޓްރަމްޕް ގާތު ދަންނަވަން ގަލްފުގައި އަޅުގަނޑުމެންގެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމަ ތިޔަބޭފުޅުން ނޫން އެހެން ބަޔަކަށް ހުއްޓުވޭކަށް ނެތްކަން." ޤާހިރާގައި ބޭއްވި މިސްރު އެނާޖީ ޝޯ 2026 ގެ އެނާޖީ ކޮންފަރެންސްގައި ސީސީ ވިދާޅުވިއެވެ. ⁠މިސްރުން ވަނީ މެދުއިރުމަތީގެ ގައުމުތަކަށް އީރާނުން ދޭ ހަމަލާތައް ކުށްވެރިކޮށް، ފުޅާ ދާއިރާއެއްގައި ހިނގަމުންދާ ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ޑިޕްމޮލެޓިކް މަސައްކަތްތަކަށް ބާރު އަޅާފައެވެ. މިސްރަކީ ހަނގުރާމާ ނިމުމަކަށް ގެނައުމަށް މަޝްވަރާކުރުމަށް ޕާކިސްތާނުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައިވާ ގައުމެކެވެ. ގަލްފް ކޯޕަރޭޝަން ކައުންސިލް ބްލޮކްގެ ސެކްރެޓަރީ ޖެނެރަލް ޖާސެމް މުހައްމަދު އަލްބުދައިވީ ވަނީ އީރާނުން ހުރްމޮޒް ކަނޑުއޮޅި ބަންދުކުރުމާއި ސަރަހައްދީ ހަކަތަ އިންފްރާސްޓްރަކްޗާއަށް ދޭ ހަމަލާތައް ކުށްވެރިކޮށް މުހިންމު ކަނޑުގެ ކޮރިޑޯތައް ހިމާޔަތް ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް އިލްތިމާސް ކުރައްވާފައެވެ. އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެ ގައުމުތަކުގެ އިގްތިސާދީ ވަސީލަތްތަކަށްވެސް ޑްރޯނާއި މިސައިލް ހަމަލާތައް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ