ވީއައިއޭއަށް މިއަދު 11،000 ފަސިންޖަރުން އަންނާނެ ކަމަށް ލަފާކޮށްފި

ވީއައިއޭގެ ޓާމިނަލްތަކުގައި މަސައްކަތްކުރާ މީހުންނަށް އިއްޔެ އެމްއޭސީއެލްއިން ފޮނުވި މެސެޖްގައި އެދުނީ މިއަދަކީ އެއާޕޯޓަށް ވަރަށް ބާރު ބޮޑުވާނެ ދުވަހެއް ކަމަށާއި އެހެންވެ ތޮއްޖެހުން ކުޑަކުރަން އެންމެން ވެސް ރަނގަޅަށް ހަރަކާތްތެރިވުމަށެވެ.
ދެން ހިއްސާކުރީ މިއަދު އަންނާނެ ފަސިންޖަރުންގެ ލަފާކުރެވޭ އަދަދެެވެ. އޭގައި އޮތް ގޮތުން އާ ޓާމިނަލަށް މިއަދު 10،500 ފަސިންޖަރުން އަންނާނެ އެވެ. އަދި ޓާމިނަލް ދޭކަށް (ބާ ޓާމިނަލް)އަށް 600 ފަސިންޖަރުން އަންނާނެ ކަަމަށް ލަފާކުރި އެވެ. އެހެންކަމުން މިއަދު ރާއްޖޭގެ މައި އެއާޕޯޓަށް 11،000 ފަސިންޖަރުން އަންނާނެ އެވެ.
އެއާޕޯޓުން މިއަދު ފުރާނެ ކަަމަށް ލަފާކޮށްފައި ވަނީ ވެސް 11،000 ފަސިންޖަރުންނެވެ. އެހެންކަމުން މި އަހަރުގެ 26 ޖުލައިގައި އާ ޓާމިނަލް ހުޅުވި ފަހުން މިއީ އެންމެ ބިޒީ ދުވަހެވެ.
ކްރިސްމަސް އާއި އާ އަހަރަށް އަންނަ ޓޫރިސްޓުންގެ އަދަދު މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެންމެ މުއްސަނދިން އަންނަ ޖެޓްތައް ވެސް ގިނަ އެވެ. ނަމަވެސް ދުވަހުގެ ރަސްމީ ހިސާބުތަކެއް އެމްއޭސީއެލްއިން އަދި ރަސްމީކޮށް ހިއްސާއެއް ނުކުރެ އެވެ.
ވީއައިއޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ފަސިންޖަރުން އައީ މިދިއަ އަހަރު، 10 ފެބްރުއަރީ 2024ގަ އެވެ. އެގޮތުން އެ ދުވަހު 11،207 ފަސިންޖަރުން ވީއައިއޭއަށް ފޭބި އެވެ.
އެ ރެކޯޑް މިއަދު އާވުން ވެސް އެކަށީގެންވެ އެވެ.
އާ ޓާމިނަލްއިން ނުކުންނާށާއި ވަންނަން ހިނގަން ޖެހޭ ކޮރިޑޯ ހަނިިކަމުން ވަރަށް ބޮޑަށް ތޮއްޖެހެ އެވެ. އެއާޕޯޓް ރެޕުންނަށާއި ޓާމިނަލްގެ ހިދުމަތުގައި އުޅޭ އެހެން މީހުންގެ ކިބައިން އެމްއޭސީއެލްއިން އެދުނީ އެ ތޮއްޖެހުން ކުޑަކުރަން އެންމެން ވެސް ގުޅިގެން މަސައްކަތްކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ